އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އާއިމެދު ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދުމަކީ ކުރި ހުރިހާ ހެޔޮ އަމަލުތައް ފޮހެވިގެން ހިނގައިދާނެ ކަމެއް!

ﷲ އާއިމެދު ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދުމަކީ ކުރި ހުރިހާ ހެޔޮ އަމަލުތައް ފޮހެވިގެން ހިނގައިދާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

އެއްވެސް ބާވަތެއްގެ ޝިރުކެއްގެ ތެރެއަށް ވަދެވިއްޖެނަމަ އެމީހަކު ކޮށްފައިވާ ހުރިހާ ހެޔޮ އަމަލުތައް ފޮހެވިގެން ހިނގައިދާނެ ކަމުގެ އިންޒާރު ﷲ ތައާލާ ވަނީ ދެއްވަވައިފައެވެ.  މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށާއި މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް ﷲ ތަޢާލާ ވަނީ ގަދައަމުރުފުޅުން އަމުރުފުޅު ކުރައްވަވައިފައެވެ. ނަމަވެސް ޝަރީކު ކުރުމަށް ކުރާ އެއްވެސް އަމުރަކަށް ކިޔަމަން ނުވުމަށް ﷲ ތަޢާ ވަނީ ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވައިފައެވެ. މިކަމުން ވެސް އެނގިގެންދަނީ ތިމާގެ ހިތުގައި ﷲ ތަޢާލާ އާއިމެދު ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިދާނެ އެއްވެސް ވާހަކައެއްގެ އަޑުވެސް އަހައިގެން ނުވާނެ ކަމެވެ. 

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު ޢިލްމެއް ލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކުކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިއަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)" (ޢަންކަބޫތު :8) 

އިންސާނުން އުފެއްދެވީ ﷲ ތަޢާލާ ނޫން ކަމަށް ބުނެފާނެއެވެ. އެހެން ބުނާ މީހާ ގާތު އެމީހާ އުފެދުނީ ކިހިނެއްތޯ އަހައިބަލާށެވެ! ދަރިން ލިބެނީ ނިޒާމަކުން ކަމަށް ބުނެފާނެއެވެ. ދަރިން ލިބެނީ ނިޒާމަކުން ނަމަ ހުރިހާ އަންހެނުންނަށް ދަރިން ނުލިބެނީ ކީއްވެތޯ ސުވާލުކޮށްބަލާށެވެ! އެސުވާލުގެ ޖަވާބުގައި އެއީ ކޮންމެވެސް ސެލް އެއްގެ ނުވަތަ އެނޫންވެސް ޞިއްޙީ މައްސަލައެއް ހުރެގެން ކަމަށް ބުނެފިނަމަ އެ ބުނާ މައްސަލަ ހުރެގެން ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ނިންމައި ލިޔުން ދީފައި ތިބޭ މީހުންނަށް ދަރިން ލިބެނީ ކީއްވެގެންތޯ ސުވާލުކޮށްބަލާށެވެ! އެސުވާލުގެ ޖަވާބުގައި ދަރިން ލިބެނީ ބޭސްފަރުވާ ކޮށްގެން ކަމަށް ބުނެފިނަމަ ޞިއްހީ ގޮތުން ހަމަ އެއް ހާލަތެއްގައި ތިބޭ ދެމީހުންނަށް ހަމަ އެއް ޑޮކްޓަރަކު އެއް ފަރުވާއެއް ކުރުމުން އެކަކަށް ދަރިން ލިބިފައި އަނެކާއަށް ދަރިން ނުލިބެނީ ކީއްވެގެންތޯ ސުވާލުކޮށްބަލާށެވެ! 

މީސްތަކުންނޭވެ މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދުވަން މިއަދު ނުދައްކާ ވާހަކައެއް ނެތެވެ. ނުކުރާ ކަމެއް ނެތެވެ. ނަމަވެސް މުސްލިމުންގެ އެންމެ މަތިވެރި ފަޚުރަކީ ކީރިތި ޤްރުއާނުގައި ބަޔާނބްވެގެންވާ އެއްވެސް ކަމެއް އެއީ ދޮގުކަން ސާބިތުކޮށް ނުދެވޭ ކަމެވެ. ނުވެސް ދެވޭނެ ކަމެވެ. އަދި ކީއްހެއްޔެވެ؟ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ގޮތަށްވުރެ މޮޅު ގޮތެއްވެސް ދެއްކިފައެއް ނެތެވެ. ނުވެސް ދެއްކޭނެއެވެ.  

ﷲ ތައާލާ އާއިމެދު ޝައްކު އުފެދޭ އެއްވެސް ވާހަކައެއްގެ އަޑުވެސް ނުއަހާށެވެ. އެހެނީ އެފަދަ ވާހަކައެއް އަޑު އެހުމުގެ ސަބަބުން ތިބާގެ ހިތުގައި ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ތިބާއަށް އެދެވެނީ ޝަރީކު ކުރުމާއި ދިމާއަށެވެ. ޝަރީކު ކުރުމަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފަފައެވެ. ޝަރީކުކުރާ މީހާ ތައުބާ ނުވެ ހުއްޓައި  މަރުވެއްޖެ ނަމަ އެމީހާގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. 

މިހާރަކަށް އައިސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މީސްމީހުން ދައްކާ އެފަދަ އެފަދަ ވާހަކަތައް އަޑުއެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ކޮންމެ ވާހަކައެއްވެސް އަޑު އެހުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އެފަދަ ވާހަކަތައް އަޑު އެހުން މައްސަލައަކަށްވަނީ އެކަށީގެންވާ ފެންވަރަށް ދީނީ ޢިލްމު ލިބިފައި ނުވާތީއެވެ. ޢިލްމުވެރިންނަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ދެކެވޭ އެފަދަ ކޮންމެ ވާހަކައަކަށް ދީނީ ޢިލްމުވެރިން ރައްދު ދެއްވައި އެމީހުން ބޮޑުތަނުން ބަލިކުރައްވާނެއެވެ. ނަމަވެސް އެއީ ދީނީ އިލްމު އެވަރަށް ލިބިފައި ނުވާ މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. 

މުސްލިމުންގެ ތެރެއިން ރަނގަޅަށް އުޅޭ ބައެއް މީހުންނަށް ވެސް ދަނީ މިމައްސަލަތައް ކުރިމަތިވަމުންނެވެ.  ބޭކާރު ވާހަކަތައް އަޑުއެހުމުގެ ސަބަބުން ދީނުގެ ކަންކަމަށް އޮޅުން އަރައި ލޮޅުން އަރަމުންނެވެ. ވީމާ މިބާވަތުގެ އެއްވެސް ވާހަކައެއްގެ އަޑުވެސް ނުއަހާށެވެ! އެމީހަކު އިންތަނެއްގައި ނުވަތަ އެމީހެއްގެ ގާތު މިފަދަ އެއްވެސް ވާހަކައެއް ދައްކަން ފަށައިފިނަމަ އަޢޫޛް ކިޔައި ވައަތްފަރާތަށް އަވަހަށް 3 ފަހަރު ކުޅުޖަހާށެވެ! ﷲ އަކްބަރު ކިޔައި އަވަހަށް އެތަނަކުން ދުރަށްދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް