އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނީގެ ބޭނުމަކީ އަތުގައި ހިފައިގެން ސުވަރުގެދިއުން ކަމަށް ހަދައިފިނަމަ ދިރިއުޅުމުގަ ދެބަސްވާން ޖެހޭ ކަމެއް ނޯންނާނެ!: ޢަލީ ހައްމުދާ

ކައިވެނީގެ ބޭނުމަކީ އަތުގައި ހިފައިގެން ސުވަރުގެދިއުން ކަމަށް ހަދައިފިނަމަ ދިރިއުޅުމުގަ ދެބަސްވާން ޖެހޭ ކަމެއް ނޯންނާނެ!: ޢަލީ ހައްމުދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

ކައިވެނީގެ ދަރަޖައަށް ބަލައިފިނަމަ ކައިވެނީގެ އެއްބަސްވުމަކީ ދުނިޔޭގައި ވެވޭ އެންމެ ވަރުގަދަ އެއްބަސްވުމެވެ. އެންމެ ފައިދާހުރި އެއްބަސްވުމެވެ. އެންމެ ބަރަކާތްތެރި އެއްބަސްވުމެވެ. ޖުމުލަކޮށްފައި ބުނާނަމަ އެންމެ މުހިންމު، އެންމެ ފައިދާހުރި، އެންމެ އަގުބޮޑު އެއްބަސްވުމެވެ. ހިތާމައަކީ މިކަންކަމަށް ނުބަލައި އެ އެއްބަސްވުމަމަށް ޙުރުމަތްތެރިކޮށް ހިތުން ކުޑަކުރެވޭ ކަމެވެ. 

އިންސާނުން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަނި ދުނިޔޭގައި އުޅުމަކަށް ނޫނެވެ. ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅުމަށެވެ. ބައިވެރިއަކާއިއެކު ދުނިޔޭގައި އުޅެން ޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެ ސަބަބުތަކުގެ ތެރެއިން ގިނަ ބައަކަށް ބެލެނީ ދުނިޔަވީ ފައިދާތަކަށެވެ. "ގޭތެރޭގެ ދިރިއުޅުން، ތިމާއަށް ޚިދުމަތްކުރުން، ދަރިން ބެލުން، ކައްކައި ކާން ދިނުން، ޖިންސީ ބޭނުން ފުއްދުން" ފަދަ ކަންކަމަށެވެ. 

ކައިވެނީގެ ގުޅުން އެއަށްވުރެ މާމަތިވެރިއެވެ. ޙަޤީޤަތުގައި ކައިވެނީގެ ގުޅުން ހަދަން ޖެހޭނީ ސުވަރުގެއަށް ކުރާ ދަތުރުގެ މަގުފަހިކޮށްދޭ ވަސީލަތަކަށެވެ. އެކަން ޙާޞިލުކުރެވޭނީ ކުރިން ބަޔާންކުރި ކަންކަމުގެ އިތުރުން އަޅުކަމުގައި އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވެދީގެންނެވެ. ހަނދާންކޮށްދީގެންނެވެ. ދެމީހުން އެކުގައި އަޅުކަންކޮށްގެންނެވެ. ދެމީހުން އެކުގައި ސުންނަތް ނަމާދުތައް ކޮށްގެންނެވެ. 

މީސްތަކުންނޭވެ ރަނގަޅަށް ވިސްނާށެވެ! ފައިދާހުރި ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ ކޮންމެ ގޮތަކުން ނަމަވެސް އެ އެއްބަސްވުން ދަމަހައްޓަން ގަދައަޅައި މަސައްކަތް އެބަކުރަމުއެވެ. ކައިވެނީގެ އިޤްރާރަކީ މާމަތިވެރި އެގްރިމަންޓެކެވެ. ތިމާގެ ދުނިޔަވީ ހަޔާތާއި އުޚުރަވީ ހަޔާތް ކާމިޔާބުވުން އޮތީ އެ އެއްބަސްވުން ދެމެހެއްޓިވަރަކުންނެވެ. 

މިހެން ބުނުމުން މިވެނި މީހަކީ ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާއި ނަމަވެސް އޭނާ މިހާރު ވެސް ކައިވެނި ކޮށްފި ކަމަށް ބުނެފާނެއެވެ. އަދި އެއީ ތެދަކަށްވެސް ވެދާނެއެވެ. އެފަދަ މީހަކު ފާހަގަ ކުރެވޭނަމަ ނިކަން އެމީހެއްގެ ޙާލަތު ދިރާސާކޮށްބަލާށެވެ! އާޚިރަތަށްޓަކައި އެމީހަކަށް ކުރެވެނީ ކޮންކްމެއްތޯ ނިކަން ބަލައިލަބަލާށެވެ! އެހައި ތަނަވަސް އިރުވެސް ކޮޅަށް ހުރެވެނީ ދުވާލަކު ކިތައް ގުޅަ ބޭސް ކައިގެންކަން ނިކަން ބަލައިލަބަލާށެވެ! 

އިސްލާމީ ކައިވެނިކުރުމަށް ބަލާއިރު ދެމަފިރިން ބައްދަލުވަނީ ކައިވެނީގައެވެ. އެހިސާބުން ދެމީހުންނަކީ އެކެކެވެ. އަނބިމިހާއަކީ ފިރިމީހާގެ ހުރިހާ މީހާއެވެ. ފިރިމީހާއަކީ އަނބިމީހާގެ ހުރިހާއެވެ. ކައިވެނީގައި ދެމީހުން ﷲ ތަޢާލާ ހެކިކޮށް، ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށް އެއްބަސްވަނީ އެ އަހުދުނާމާ ހިފެހެއްޓުމަށެވެ. 

މިއަދު މައްސަލަތައް ކުރިމަތިވަނީ މިކަންކަން އޮޅިފައި އޮންނާތީއެވެ! ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް އަނބިމީހާ ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެ ކަމެއް ނުއެނގެއެވެ. އަނބިމީހާގެ އުފާތަކުން އޭނާ މަޙްރޫމް ކުރުވާފައި ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ރޭ އަޅުކަމުގައި ދެމިހުރުން ނެތްކަން ފިރިންނަކަށް ނުއެނގެއެވެ. ދެމަފިރިންގެ ގުޅުމަށްޓަކައި ސުންނަތް ރޯދަ ދޫކޮށްލުން ހުއްދަކަމެއް ނުއެނގެއެވެ. މިވާހަކަތައް ބަޔާން މިކުރީ މިކަންކަމަށް ވިސްނުމުން ދެމަފިރިންގެ ގުޅުމަށް އިސްލާމް ދީނުގައި ސަމާލުކަން ދީފައި އޮތް މިންވަރު ހާމަކުރުމަށެވެ. 

މީސްތަކުންނޭވެ! ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ސުވަރުގެދާން މަސައްކަތްކުރުން ކަމުގައި ހަދައިފިނަމަ ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސް މައްސަލައަކީ މައްސަލައަކަށް ނުވާނެއެވެ. އެއީ އެއްވެސް ބަރުދަނެއް ހުރި މައްސަލައަކަށް ނުވާނެއެވެ. ނަތީޖާއަކަށް ވާނީ ދެބަސްވާން ޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވުމެވެ. ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ޙައްލުވަމުން ދިއުމެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް