އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިވެ ތަކްލީފް އުފުލަން ޖެހެނީ ހެއްޔެވެ؟ ބަޤަރާ ސޫރަތުގެ ފަހު އާޔަތުން ހިތްވަރު ލިބި ޙައްލު ހޯދާށެވެ!

ހިތްދަތިވެ ތަކްލީފް އުފުލަން ޖެހެނީ ހެއްޔެވެ؟ ބަޤަރާ ސޫރަތުގެ ފަހު އާޔަތުން ހިތްވަރު ލިބި ޙައްލު ހޯދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 15 ސިކުންތު

އެއް ދުވަހަކު ބައްދަލުވި އަންހެނެކެވެ. ދިރިހުރި ނަމަވެސް އޭނާ ހުރީ މަރުވެފައި ހުރި މީހެއް ފަދައިންނެވެ. ހަށިގަނޑުގައިވެސް ވާހަކަ ދެއްކުމުގައިވެސް އެއްވެސް ދިރުމެއް ނެތެވެ. އޭނާ ބުނީ 2 ކައިވެނިކޮށްގެންވެސް ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން ދިރިއުޅުމާއިމެދު ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ. އެފަދަ ހާލެއްގައި ހުންނަ މީހަކަށް ވެވެން އޮތް ވަރަކުން އެހީތެރިވެދޭންޖެހޭނެތީ ވަރިވާން ޖެހުނު ސަބަބާއިމެދު ސުވާލުކޮށްލުމުން އެނގުނީ ދެ ކައިވެނިވެސް ރޫޅުނީ ގޮތް ދޫނުކުރެވުމުގެ ސަބަބުން ކަމެވެ. ދޫ ދޭން ޖެހޭ ތަންތަނުގައި ދޫ ނުދެވުމުގެ ސަބަބުން ކަމެވެ. 

ކުރިން މިބުނީ އެވާހަކައެވެ. ކަމެއް ކުރިމަތިވުމުން އެކަމަކުން ޢިބްރަތް ޙާޞިލު ނުކުރާނަމަ ފަހުން ހިތާމަކުރުމުގެ ބޭނުމެއް ނެތް ވާހަކައެވެ. އޭނާ ބުނީ ގޮތް ދޫނުކުރުމަކީ އޭނާގެ ޠަބީޢަތުގައި ހުންނަ ސިފައެއް ކަމަށެވެ. ޖަވާބުގައި އަހަރެން ބުނެދިނީ ޠަބީޢަތުގައި ހުންނަ އެއްވެސް ސިފައަކީ ދޫ ނުކުރެވޭނެ ސިފައެއް ނޫން ކަމަށެވެ. އެމީހަކު ބޭނުންވާ ނަމަ އެމީހަކަށް ޠަބީޢަތް ބަދަލު ކުރެވޭނެ ކަމަށެވެ. ޖެހޭނީ ކެތްތެރިކަމާއިއެކު އެކަމަށް މަސައްކަތްކުރަން ކަމަށެވެ. އެގޮތުން އޭނާއަށް ވަރަށް ގިނަ ނަޞޭޙަތް ދިނީމެވެ. 

އެއިގެ ހަތަރު ވަރަކަށް އަހަރު ފަހުން ފިރިހެނަކާއިއެކު ހަމަ އެ އަންހެން މީހާ އާއި ބައްދަލުވިއެވެ. ބުނީ ކއިވެންޏަށް 3 އަހަރު ވެއްޖެ ކަމަށާއި ދިރިއުޅެމުން ގެންދަނީ އުފާވެރިކަމާއިއެކުގައި ކަމަށެވެ. 

ހިތާމައެއް ކުރިމަތިވުމުން ވަރަށް ގިނަ މީހުން ރޮއި ކަރުނަ އަޅައި ހަދައެވެ. ދެރަވެ ނުކައި ނުބޮއިވެސް އުޅެއެވެ. އެންމެ ކުޑަމިނުން ފެންވަރައި ޒީނަތްތެރިވުންވެސް ހުއްޓައިލައެވެ. ސުވާލަކީ މިހުރިހައި ކަންކަންކޮށް އަމިއްލަ ނަފްސަށް އަނިޔާ ދޭއިރު އެކަމުން އެއްވެސް ޢިބްރަތެއް ޙާޞިލުކުރެވުނު ހެއްޔެވެ؟ ޢިބްރަތް ޙާޞިލު ނުކުރެވޭނަމަ ކަރުނަ އެޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި ކުރިން މި ބުނި ފަދަ އެއްވެސް ކަމެއް ކުރުމުގެ ބޭނުމެއް ނެތެވެ. 

މިބުނީ އެންމެ ކަމެއްގެ ވާހަކައެވެ. މިފަދަ ތަފާތު އެތައް ކަންތައްތަކެއް ވަނީ ފެނިފައެވެ. ރަނގަޅަށް ވިސްނާށެވެ! ކޮންމެ ކަމެއް ކުރިމަތިވާނީ އެމީހާގެ ކިބައިގައި ހުންނަ އުނިސިފައެއްގެ ސަބަބަކުން ނޫނެވެ. ދުނިޔެއަކީ މައްސަލަތަކުން ފުރިފައިވާ ތަނެކެވެ. ވީމާ މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަމާއިމެދު ފުންކޮށް ވިސްނާށެވެ! ހެޔޮ ލަފާ މީހުންނާއި މަޝްވަރާކުރާށެވެ! 

ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. މުޞީބާތުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުމެވެ. 

ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތް ބަލާސެވެ. " ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއް އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމު ގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވަވާނދޭވެ!" 

އާޔަތް ފަށްޓަވާފައި އެވަނީ އަހަރެމެން ހިތްވަރު ލިބިގަންނަވީ ބައިންނެވެ. "، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ عقاب) އެ ނަފްސެއްގެ މައްޗަށްވެއެވެ." އެއަށްފަހު ބަޔާން ކުރައްވަވާފައި އެވަނީ ތަކްލީފްތަކުން ސަލާމަތްކުރެއްވެވުން އެދި ކުރަންވީ ދުޢާތަކުންނެވެ. 

މިއީ ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކިޔަވަން އޮތް އާޔަތެކެވެ. މިއާޔަތުގެ މާނަ ހިތަށް ގެނެސް ކިޔެވުމުން އަބަދުވެސް ދާނީ ދުޢާކުރެވެމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް