އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ކުޑަކަމެއްކަމުގައި ހީވި ނަމަވެސް ނުރައްކާތެރި ކަމެއް!! ތިމާ އިސްލާހުކޮށްލާ !!!

ކިތަންމެ ކުޑަކަމެއްކަމުގައި ހީވި ނަމަވެސް ނުރައްކާތެރި ކަމެއް!! ތިމާ އިސްލާހުކޮށްލާ !!!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ކިތަންމެ ކުޑަކަމެއްކަމުގައި ހީވި ނަމަވެސް ނުރައްކާތެރި ކަމެއް!! ތިމާ އިސްލާހުކޮށްލާށެވެ. ދެރަގޮތެއް ދިމާވާނީ ބުނެފައެއްނޫން!!

 

ރޭގަނޑު އޮފީސް ނިންމާލުމަށްފަހު ގެއަށް ދިއުމަށް ސައިކަލަށް އަރައި ނައްޓާލީމެވެ. ބްރިޖް ހުރަސްކޮށް، ހައިވޭގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ކުރިމަތިން ފެނުނު ސައިކަލަކުން ނެއްޓެންވެގެން ބުރަކި ޖައްސަން ހަދައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނަސީބަކުން އަނިޔާއެއް ނުވެއެވެ. އަނިޔާއެއްނުވެ ސައިކަލްވެސް ކޮންޓްރޯލްކޮށްލެވުމުން ލިބުނު ހިތްހަމަޖެހުމަށްވުރެ، އާދެވުނީ ޒާތެއްގެ ރުޅިއެކެވެ.

އަނެއް ސައިކަލުގަ އިން މީހާ އެއްވެސް ހިޔާލެއް ފިކުރެއްނެތި ދުއްވާފައި ދާތަން ފެނުމުންނެވެ.  އެހެންވެ އަހަރެން އޭނާއާ ކައިރިކޮށްލާފައި ސައިކަލުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުން އަންހަނަށް ދިމާވި ކަންތަކުގެ ވާހަކަ ބުނެލީމެވެ. އަދި އެކަން ރަނގަޅުކުރުމަށާއި އެއީ ރައްކާތެރިގޮތެއް ނޫންކަމަށްބުނެ ނަސޭހަތްތެރިވީމެވެ. އަދި ލައިޓް އަނދާފައިހުރުމުން ނުދިއްލިހުރީކަމަށާއި އެކަން ރަނގަޅުކޮށްލާނެކަމަށް އަދި ވަރަށް ބޮޑަށް ސޮރީއޭވެސް ބުނެ ބާރު ސްޕީޑްގައި ގޮސް އޮބާލައިފިއެވެ.

އަޅުގަނޑު ހިއްސާ މިކޮށްލީ އަޅުގަނޑަށް ދިމާވި ކުޑަ ކަމެއްގެ ވާހަކައެވެ.  އެހެންނަމަވެސް މިއީ ބޮޑު އަދި އެހާމެ ނުރައްކާތެރިކަންވެސް ބޮޑު ކަމެކެވެ. ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަމެއްވެސް މެއެވެ. މިހާރަކަށް އައިސް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އުޅަނދު ދުއްވުމުގެ ގިނަ މައްސަލަތަކެއް ފާހަގަކުރެވެމުންދާއިރު، މިކަމަކީ ވަރަށް އާންމުކޮށް ފެންނަމުންދާ މަންޒަރެކެވެ. މިފަދަ ފަރާތްތައް ހުއްޓުވައި ނަސޭހަތްތެރިވެ، ފިޔަވަޅު އަޅަމުންދިޔަނަމަވެސް ހިތާމައަކީ މިފަދަ ކަންކަން ފެންނަމުންދާލެއް އަދިވެސް ގިނަކަމެވެ.

އުޅަނދުތައް ދުއްވާއިރު ފަހަތު ލައިޓް ނުދިއްލި ނުވަތަ އަނދާފައި ހުރުމަކީ ފަހަތުން ދުއްވާފައި އަންނަ އުޅަނދަކަށް އެއުޅަނދެއް ނުފެނި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުޞަތު ބޮޑުކަމެކެވެ. ވަކިން ހާއްސަކޮށް ބްރިޖް އާއި ހައިވޭގައި މިގޮތަށް  ހުންނަ އުޅަނދުތައް ދުއްވުމަކީ ރައްކާތެރިގޮތެއްވެސް ނޫނެވެ. ކަންމިހެން އޮތްިއިރު ތިމާ ދުއްވާ އުޅަނދުގެ ފަހަތު ލައިޓް ނުދިއްލި ހުންނައިރު، އުޅަނދު ދުއްވުމަކީ ތިމާއަށާއި އަނެއްކާއަށްވެސް އޮތް ބޮޑު ނުރައްކަލެކެވެ. އޭގެ ސަބަބުން އަގުނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެފަދަ ކަމެކެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެފިކް ފުލުހުން ހިންގާ އެކިއެކި ހަރަކާތްތަކުގައާއި ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާއިރު ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އުޅަނދުތައް ދުއްވުމުގެ މައްސަލަތައް ފާހަގަކުރެވޭކަމަށެވެ. އެގޮތުން އުޅަނދުތަކުގެ ޓެއިލް ލައިޓް ނުދިއްލި ނުވަތަ ލައިޓް އަނދާފައި ހުރުމާއި، އުޅަނދުތަކުގެ ނަންބަރު ބޯޑު ހަލާކުވެފައިހުރުމާއި، ނަންބަރު ބޯޑު ލެމިނޭޓްކޮށްފައިހުރުމާއި، ޒޯން ބަދަލުނުކޮށް ދުއްވުން ފަދަ މައްސަލަތައް ފާހަގަކުރެވޭކަމަށެވެ.

ހަމައެއާއެކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތަކަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށް ޓްރެފިކް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ޙުސައިން ސަމީރު ވިދާޅުވީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ފިޔަވަޅު އަޅަމުންދާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ޤަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އުޅަނދުތައް ދުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަަށް އިލްތިމާސްކުރެއްވިއެވެ.

ތެދެކެވެ. އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންކަން ފުރިހަމަކުރުމަށްފަހު އުޅަނދުތައް ދުއްވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ތިމާގެ އަމިއްލަ ސަލާމަތަށާއި އެހެން މީހުންގެ ސަލާމަތަށްވެސް މިއީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. މިފަަދަ ކަންކަމަކީ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށްގެން ހުއްޓުވިދާނެ ކަންކަމެކެވެ.

އެހެންކަމުން ތިމާ ދުއްވާ އުޅަނދަކީ ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތް ވާގޮތުގެ މަތިން އުޅަނދުތަކުގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ކަންކަން ނުވަތަ  ރޯޑްވާދިނަސް އަށް ފެތޭ އުޅަނދަކަށް ހަދަމާތޯއެވެ. އަދި  މަގުމައްޗަކީ ތިމާއަށާއި އެންމެންނަވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ ޒިންމާއަކަށް ހަދަމާތޯއެވެ.

 

ރިޕޯޓް ޕޮލިސް 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ