އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު: "ބަވަތި" މިއީ ކޮންކަހަލަ ފިލްމެއް؟ ސަތޭކައިގެ ފިލްމެއް!

ރިވިއު: "ބަވަތި" މިއީ ކޮންކަހަލަ ފިލްމެއް؟ ސަތޭކައިގެ ފިލްމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

އެފިލްމެއްގެ ނަމާއި ޕޯސްޓަރު އެންމެ ފުރަތަމަ ފެނުން ދުވަހުން ފެށިގެން ވެސް، ގިނަ ބެލުންތެރިންގެ ހިތުގައި އެންމެ ޝައުޤުވެރިކަން އުފެއްދި އެެއް ފިލްމަކީ ދިވެހި ފިލްމު "ބަވަތި" އެވެ. 

 

މިއީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް މުޅިން އަލަށް ތަޢާރަފްވި "އައިފިލްމްސް" ޕްރޮޑަކްޝަންސް ގެ ފުރަތަމަ އުފެއްދުމެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބެލުންތެރިން އުންމީދު ކުރަމުން އައި ގޮތަށް، މިފިލްމު ވެފައިވަނީ ވަރަށްވެސް ތަފާތު، އަދި އެހާމެ މޮޅު ފިލްމަކަށެވެ. 

 

           

 

މިމަހުގެ ދެވަނަ ދުވަހު އޮލިމްޕަހު ސްކްރީނުގައި ޕްރިމިއަރ ކުރި "ބަވަތި" މިފިލްމަކީ ސަސްޕެންސް ތްރިލަރ އެކެވެ. ހަމަޔަގީނުންވެސް ފިލްމުގެ "ސަސްޕެންސް" އެންމެ ފުރަތަމަ ޝޮޓުން ފެށިގެން ފިލްމުގެ ކްލައިމެކްސް އާއި ހަމައަށްވެސް ޑައިރެކްޓަރ/ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) ހިފަހައްޓާފައިވެއެވެ. 

 

ފިލްމުގެ ނަމާއި ތަފާތު މޯޝަން ޕޯސްޓަރުން ފެށިގެން، ތަފާތު ދެ ޓީޒަރ އާއި ޓްރެއިލަރ އާއި ޕްރޮމޯޝަނަލް ލަވަ ފެނުމަށްފަހު ވެސް، ފިލްމާމެދު ބެލުންތެރިން ކުރަމުން އައި އިންތިޒާރު ދިޔައީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. 

 

        

 

ފޮނި އުންމީދުތަކެއް ފިލްމާމެދު ބެލުންތެރިން ކުރަމުން ދިޔައިރު، މިހުރިހާ އުންމީދުތަކެއް އިއްލެވަނީ އެއްވެސް ބެލުންތެރިއަކަށް ޝަކުވާއެއް ނުކުރެވޭނެ މިންވަރަށް ފުރިހަމަ ކޮށްދީފައެވެ. ފަސް ތަރިން ރޭޓް ކުރާނަމަ، މިފިލްމަށް އަޅުގަނޑު ދޭނީ ފަހެއް ޕްލަސް އެވެ. ސަބަބަކީ މިއީ ހަމަ އެހާމެ މޮޅު، ސަތޭކައިގެ ފިލްމަކަށް ވާތީއެވެ. ކުރިންވެސް ބުނިފަދައިން އެންމެ ފުރަތަމަ ޝޮޓުން ފެށިގެން ފިލްމުގެ ނިމުމާ ހަމައަށް ވެސް، މުޅި ސްކްރީންޕްލޭ އާއި އެކްޓިން ވެސް ގެންގޮސްފައިވަނީ އެހާ ފުރިހަމަކޮށެވެ.

 

ހަގީގަތަށް ބުނަންޏާ، "ބަވަތި" މިފިލްމު ބަލަން އެންމެ ފުރަތަމަވެސް ދިޔައީ ހިތުގައި ވަރަށް ގިނަ ސުވާލުތަކަކާއެކުގައެވެ. ފިލްމު ބަލާ ނިމުންއިރު އެސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ލިބިފައިވެއެވެ. ފިލްމުގައިވާ ގޮތް އަލިފުން ޔާއަށް ކިޔައިދޭން ވަރަށް ކެތްމަދުވިޔަސް، "ބަވަތި" ގެ ހަގީގީ މޮޅުކަން އެނގޭނީ އެމީހަކު އަމިއްލައަށް ފިލްމު ބަލާލުމުން ކަމަށްވާތީ، ފިލްމުގެ ސަސްޕެންސް ހިފަހައްޓާނަމެވެ.

 

"ބަވަތި" ގެ ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީ އެންމެ މޮޅު އެކްޓެއް ދައްކައިދެމުން އަންނަ ނުޒުޙަތު ޝުއައިބު (ނުޒޫ) އާއި ފީޗަރ ފިލްމަކުން މުޅިން އަލަށް މިއިންޑަސްޓްރީއަށް ތަޢާރަފްވާ އަޙްމަދު އިފްނާޒް ފިރާގެވެ. 

 

          

 

ނުޒުޙަތު ޝުއައިބު 

"ބަވަތި" މިފިލްމުގައި ނުޒޫ ކުޅެފައިވަނީ "ޝެހެނާޒް" ގެ ރޯލެވެ. ތެދައް ބުނަންޏާ މިފިލްމުގެ މުޅި ސަސްޕެންސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެށިފައިވަނީ ނުޒޫއަށް ވަމުން ދިޔަ ގޮތްތަކާމެދުގައެވެ. ޝެހެނާޒަށް އެވަނީ ކިހިނެއްހެއްޔެވެ؟ އޭނާއަކީ މިފިލްމުގައި އަނެއްކާ "ނުބައިނުބައި އެއްޗެއް" ނުވަތަ "ރޫހާނީ އެއްޗެއް" ބާއެވެ. މިފަދަ ކިތަންމެ ސުވާލުތަކެއް އެއިރު ފެންމަތިވިއެވެ. މިސުވާލުތަކުގެ ޖަވާބު "ބަވަތި" ފިލްމުން ވަރަށް ފުރިހަމައަށް ލިބިފައިވެއެވެ. 

ނުޒޫގެ އެކްޓިންގާމެދު ބުނެލާނީ، ފިލްމު "މަލިކާ" އިން ފެށިގެން މިއަދާއި ހަމައަށް ވެސް ނުޒޫ އަންނަނީ އޭނާގެ އެކްޓިން ހުނަރު ދުވަހުން ދުވަހަކަށް ކުރިއަރުވަމުން ކަމަށެވެ. ކިޔަމަންތެރި ދަރިއެއްގެ ރޯލެއް ވިޔަސް، ނަފްސާނީ ބައްޔައް އެހީތެރިވެދޭ ކައުންސިލަރެއްގެ ރޯލެއް ވިޔަސް، ސިޔާސަ އެކުވެރިއެއްގެ ރޯލެއް ވިޔަސް، ނުޒޫ އެރޯލެއް ކުޅެފައިވަނީ އޭނާގެ އެކްޓިންގާއިމެދު އެކަކަށް ވެސް ޝަކުވާއެއް ނުވަތަ ދެރަބަހެއް ނުބުނެވޭނެހާވެސް ފުރިހަމައަށެވެ. 

 

އަޙްމަދު އިފްނާޒް ފިރާގް

 

ފީޗަރ ފިލްމަކުން މުޅިން އަލަށް މިއިންޑަސްޓްރީއަށް ތައާރަފްވި އިފްނާޒްގެ އެކްޓިންގާއިމެދު ބުނެލާނީ، ވަރަށް ވެސް ފުރިހަމަ ކަމަށެވެ. މިފިލްމުގައި އިފްނާޒް ކުޅެފައިވަނީ "އިބޫ" ގެ ރޯލެވެ. ލޯބިވާ އަދި އެހާމެ މަޖާ މިޒާޖެއް ހުންނަ ފިރިއެއްކަން އޭނާގެ ލޮލުން ވެސް ވަރަށް ފުރިހަމައަށް އިފްނާޒް ދައްކުވައިދީފައިވެއެވެ. މާނައަކީ އެޝޮޓަކަށް ދޭންވާ އެކްސްޕްރެޝަން އެންމެ ފުރިހަމައަށް އޭނާ "ބަވަތި" ގައި ދީފައިވާ ކަމެވެ. ހަގީގަތުގައި ޝެހެނާޒް ފުރިހަމަ ކޮށްދީފައިވަނީ އިބޫ އެވެ. އޭނާއަކީ މިހާރު ރާއްޖޭގެ ގިނަ ފިރިންނަށް ލާމަސީލު މިސާލަކަށް ވާނެ މީހެއްކަން ހަމަޔަގީނެވެ. 

 

ލީޑް ދެތަރިންގެ އިތުރުން ދެން ފިލްމުން ފެނިގެންދާ އެހެން ތަރިންގެ އެކްޓިންވެސް އެމީހުންގެ ރޯލްތަކާ ބަލާފަ ވަރަށް ފުރިހަމައެވެ. އެގޮތުން ޝެހެނާޒްގެ މައިންބަފައިންނާއި، މަންމަގެ އެކުވެރިޔާގެ އިތުރުން އިބޫ ގެ ތިން އެކުވެރިންނާއި ރުޣްޔާ ކުރަން ގެނައި އަފްރާޙްގެ އެކްޓިން ވެސް ވަރަށް ފުރިހަމައެވެ. އަދި ހަމައެއާއެކު ޝެހެނާޒްގެ ދެ ޑޮކްޓަރުންގެ އެކްޓިންވެސް އެހާމެ މޮޅެވެ. އޭގެ ތެރެއިން އެކަކީ ގިނަ ފިލްމުތަކުގެ ޕްރިމިއަރ އިވެންޓު ހުށަހަޅާދޭން ސްޓޭޖް މަތިން ފެންނަ، އެންމެންނާއިވެސް ގުޅޭ މިޒާޖެއް ހުންނަ ވީޓީވީގެ ކުޅަދާނަ ނޫސްވެރިޔާ ހަމީދެވެ. 

 

ދުވަސްތަކަކަށްފަހު، ވަރަށް ވެސް ތަފާތު އަދި އެހާމެ މޮޅު ދިވެހި ފިލްމެއް ބަލާލެވުނީތީ އުފާކުރަމެވެ. އަދި މިފުރުސަތުގައި "ބަވަތި" ގެ މުޅި ޓީމަށް ފަށްފަށުން ޝުކުރު އަދާކޮށް، ކާމިޔާބީއަށް އެދެމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ