އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ބުނެވޭ ގޮތުން އެއިރުގެ ފަނޑިޔާރު މަނިކުފާނުގެ ނަންފުޅަކީ ޢަލީ ފަނޑިޔާރުމަނިކުފާނެވެ. ހަވީރު ދޮރާށި ކައިރީގައި އަނބިކަނބަލުންނާއިއެކު ހުންނަވަނިކޮށް ވެލާ ބިސް މުޅޯށްޓެއް ކޮނޑަށް ލައިގެން ރާއްޖެތެރޭ މީހަކު ދިއައީ "ވެލާ ބިސް ގަންނާނެއްބާ!" ގޮވަމުންނެވެ. އޭނާގެ އަޑު އިވިވަޑައިގަތުމުން އަނބި ކަމަނާ ފިރިކަލުންގެ ގާތުން އެދިވަޑައިގަތީ ބިސްކޮޅެއް ބައްލަވައިގެން ދެއްވުމަށެވެ. "އެއީ ރޯދަ މަހު ވަރަށް ރަނގަޅު އެއްޗެއް! ފޮނިކޮށްވެސް ކުޅިކޮށް ވެސް ފޮޅި ފިހެލެވޭނެ!" ކަމަށް ދެންނެވިއެވެ.
އެމީހާ އައިސް އަރާ ހަމަވުމުން ފަނޑިޔާރު މަނިކުފާނު ކުރެއްވީ ސުވާލެކެވެ. "އަޑިއަށް ނޭވާލާ މައްޗަށް ނޭވާލާ އެއްޗެއްގެ ބިސް ތިއަވިއްކަނީ ކާކު ހުއްދަ ދީގެންތޯ؟" އެވެ.
ފަނޑިޔާރު މަނިކުފާނު އެފަދަ ބަސްފުޅެއް ވިދާޅުވުމުން ވެލާ ބިސް ވިއްކައިގެން ކުށްވެރިވެދާނެ ކަމުގެ ބިރަށް އެމީހާ ބިސްމުޅޯށި މަގުމަތީގައި ބަހައްޓާފައި ބާރަށް ދުވެ ފިލީއެވެ. އެމީހާ ދުވެ ދިއުމުން ގޭތެރެއިން މީހަކަށް ގޮވާލައްވައި ބިސްމުޅޯށި ގޭތެރެއަށް ވައްދުވާފައި އަނބިކަނބަލުންނަށް ވިދާޅުވިއެވެ. "ތިއަހެރީ ވާވަރަށް ބިސް ލިބިފައެވެ. ރޯދަ ވީއްލަންވާއިރަށް ފޮނިކޮންނާއި ކުޅިކޮށް އަވަހަށް ފޮޅިފިހެލާށެވެ!"
ސުވާލަކީ މިހާރު ރާއްޖޭގައި ހިނގަމުން މިދާ ކަންކަން ހިނގަމުން މިދަނީ ފަނޑިޔާރު ޢަލީ އެދުވަހު ބިސްމުޅޯށި ހޯއްދެވި ގޮތާއި އެއް ގޮތަކަށް ނޫންތޯއެވެ؟ ކަންކަން ޙާޞިލުކުރަމުން މިގެންދަނީ ހަމަ އެ އުޞޫލަކުން ނޫންތޯއެވެ؟ މީހުން ކުށްވެރި ކުރުވުމާއި މިނިވަން ކުރުން ކުރިއަށް މިގެންދަނީ ވަކިން ތަފާތު ގޮތަކަށްތޯއެވެ؟
Advertisement
11 ސެޕްޓެމްބަރ 2019