އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެޓުގަ އުދުހި އެންމެ އަގުބޮޑު ކާރުގަ މިއަދު އުޅޭ ގިނަ ބައަކަށް ޤިޔާމަތް ދުވަހު ހިނގަންޖެހޭނީ އެމީހުންގެ މޫނުން!: ބިލާލް އައްސަދު

ޖެޓުގަ އުދުހި އެންމެ އަގުބޮޑު ކާރުގަ މިއަދު އުޅޭ ގިނަ ބައަކަށް ޤިޔާމަތް ދުވަހު ހިނގަންޖެހޭނީ އެމީހުންގެ މޫނުން!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނަށް މީހުން ޖަމާކުރެވޭއިރު 3 ދަރަޖައެއްގައި ހިނގާނެ ނުވަތަ ދަތުރުކުރާނެއެވެ. އެއް ބައަކު ދަތުރުކުރާނީ ސަވާރީތަކުގައި ވަރަށް އަރާމުގައެވެ. އަނެއް ބައަކު ފައިމަގުގައި ހިނގާނެއެވެ. އަނެއްބައަކު ހިނގާނީ އެމީހުންގެ މޫނުންނެވެ. ދެފައިކޮޅު މައްޗަށް ނަގައިގެންނެވެ. ޗޭނުޖެހި ކަސްތޮޅު އެޅިގެންނެވެ. އެންމެ ނުބައި ކުށްތައް ކުރާ ކުށްވެރިން ތަނަކަށް ހާޒިރުކުރެވޭނެ ގޮތަށްވުރެ މާ ވާން ބޮޑު ގޮތުގައެވެ. 

"މޫނުން ހިނގާނީ ކިހިނަކުންތޯ؟" ޞަޙާބީން ސުވާލުކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދެފައިން ހިނގުމުގެ ކުޅަދާނަކަން ދެއްވެވި ﷲ ތަޢާލާއަށް އެގޮތަށް އިރާދަ ކުރެއްވެވުމަކީ އެއްވެސް އުނދަގޫފުޅު ކަމެއް ނޫންކަމަށެވެ. ސުބްޙާނަﷲ! 

ދެފައިކޮޅު މައްޗަށް ނަގައި މޫނުން ހިނގާނީ ދުނިޔޭގައި ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވީ މީހުންނެވެ. އެމީހުންގެ ހުރިހާ ތަނަކަކީ ދުނިޔެ ކަމަށް ބަލައިގެން ދުނިޔޭގައި އުޅުނު މީހުންނެވެ.

ވީމާ ރޯލްސްރޮއިސް، މާސީޑަސް ބެންޒް ފަދަ ދުނިޔޭގެ އެންމެ އަގު ބޮޑު ކާރާއި ވެހިކަލްތަކުގައި ދުއްވައި ޖެޓްތަކުގައި އުދުހޭ ގިނަ ބައަކަށް ޤިޔާމަތް ދުވަހު ޖެހޭނީ ދެފައި މައްޗަށް ނަގައިގެން މޫނުން ހިނގާށެވެ. ދުނިޔޭގައި ފެންނަމުން މިދާ ކަންކަމަށް ބަލާއިރު، އެފަދަ މުއްސަނދިންގެ ދިރިއުޅުމަށް ބެލުމުން ފެންނަ ގޮތުން ބުނަން ޖެހޭނީ އެފަދަ މީހުންގެ ތެރެއިން ޤިޔާމަތް ދުވަހު ސަވާރީއެއްގައި ދަތުރުކުރެވޭނީ ހަމަ މިލިއަނަކުން މީހަކަށްވުރެވެސް މަދު އަދަދެއްގެ މީހުންނަށް ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ދުނިޔެއާއި އާޚިރަތުގެ މިލްކުވެރި ހަމައެކަނި ފަރާތް ކަމުގައިވާ ﷲ ތަޢާލާ އެވެ. 

ޤިޔާމަތް ދުވަހު ސަވާރީތަކުގައި ދަތުރުކުރާނީ ދުނިޔޭގައި ﷲ ތަޢާލާ އުޅެން އެންގެވި ގޮތަށް އުޅުނު މީހުންނެވެ. ކީރިތި ޤުރްއާނުގައި އަންވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހުންނެވެ. ޝައިޠަނާ ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރި މީހުންނެވެ. އެއީ "މުއްތަޤީނުން"ނެވެ. 

މިދެއްކީ ހިސާބު ބެއްލެވުމުގެ ކުރީގައި ވެސް ކަންކަން ހިނގާނެ ގޮތުގެ ވާހަކައެވެ. ވީމާ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ސަވާރީގައި ދަތުރުކުރެވޭނެ މީހެއް ކަމުގައި ވުމަށެވެ. ދުނިޔޭގައި ޖެޓުގައި އުދުހުނު ނަމަވެސް ޤިޔާމަތް ދުވަހު މޫނުން ހިނގަން ޖެހިއްޖެ ނަމަ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު