އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޔުޒިކާއި ނުބައި އަޑުއެހުމަށް ކަންފަތް ދެކޮޅުހަދައިފިނަމަ އެއީ އެމީހަކަށް ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ ކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު

މިޔުޒިކާއި ނުބައި އަޑުއެހުމަށް ކަންފަތް ދެކޮޅުހަދައިފިނަމަ އެއީ އެމީހަކަށް ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ ކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

މީސްތަކުންނޭވެ! ކުރެވޭ ހެޔޮ އަމަލުތައް ގިނަވުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެމީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ކުޑަމިނުން އެމީހަކަށް ބޭނުންވާ ރައްކައުތެރިކަންވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީމާ އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ ވީހައި ގިނަ ހެޔޮ އަމަލުތައްކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.

 

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ އެމީހަކު އެންމެ ފާފައެއްވެސް ނުކުރާނެއެވެ. ފާފަކުރުމާއި މުޅިން ދުރުހެލިވެވޭނެއެވެ. ފާފަތައް ކުރުމަށް ނަފުރަތު ކުރެވެން ފަށާނެއެވެ. އެންމެ ކުޑަމިނުން މިޔުޒިކް ފަދަ ޝައިޠާނާގެ ދުންމާރިފަދަ ތަކެތީގެ އަޑު އަހަންވެސް ބޭނުމެއް ނުވާނެއެވެ. އެފަދަ އަޑުތައް އިވުމުން ކަންފަތަށް އުނދަގޫވެސް ވާނެއެވެ.

 

ޝައިޠާނާގެ ދުންމާރިތައް ބޭނުންކޮށްގެން މިކުޅޭ މިޔުޒިކް އަޑު އެހުމަކީ މުސްލިމުންނަށް ހަރާމެވެ. ނަމަވެސް ބައެއް މީހުންނަށް އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ވަރަށް ގިނައިން ހެޔޮ އަމަލުތައް ކުރެއެވެ. މިފަދައިން އަމަލުކުރާ ބައެއް މީހުންނަށް ނުވެސް އެނގި ކުއްލިއަކަށް މިޔުޒިކް އަޑުއިވުމުން އުނދަގޫވާން ފަށައެވެ. އެހިސާބުން އެމީހުން މިޔުޒިކްގެ އަޑުއަހަން ބޭނުމެއްވެސް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ މިހާލަތަށް ދެވުމުން މީހުން ދައްކާ ނެތި މޮށުމުގެ ވާހަކަތަކުގެ އަޑު އަހަންވެސް ބޭނުމެއް ނުވާނެއެވެ. އެއީ އޭނާގެ ކަންފަތް އެ އަޑުތައް އަހަން ދެކޮޅުހަދާތީއެވެ.

 

މީސްތަކުންނޭވެ! މިކަންކަން މެދުވެރިވެއްޖެ ނަމަ އެމީހަކަށް އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. މިފަދަ ޙާލަތު މެދުވެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބެން ފަށައިފި ކަމުގެ ހެއްކެކެވެ. އެހިސާބުން އެމީހާ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ޖެހޭނެއެވެ.

 

ރަސޫލް (ޞޢވ) ވަނީ މަގުމަތީގައި ހިނގާއިރު ބަލައިގެން ހިނގުމަށް އިރުޝާދު ދެއްވަވައިފައެވެ. ނަމަވެސް ބަލައިގެން ނުވާނެ މަންޒަރެއް ފެނިއްޖެ ނަމަ އަވަހަށް ބެލުން ހުއްޓައިލަން ޖެހޭނެއެވެ. އެފަދަ މަންޒަރު ފެނުމުން ބެލުމަށް ޝައުޤުވެރިވެވޭނަމަ އެކަމުން އެނގެނީ އެމީހާގެ އީމާންކަން ފުރިހަމަނުވާ ކަމެވެ.

 

މީސްތަކުންނޭވެ! ﷲ ތައާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިއްޖެ ނަމަ އެމީހެއްގެ ދެއަތުން އެއްވެސް ޙަރާމްކަމެއް ނުކުރާނެއެވެ. ވައްކަމެއް ނުކުރާނެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ކުރަން ދެފައިން ހިނގާފައެއް ނުދާނެއެވެ.

 

ގަދައަޅައި މަސައްކަތް ކުރަމުން ދުޢާކުރަންވީ މިފަދަ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ! އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ!

 

--ބިލާލް އައްސަދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް