އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ހުޝިޔާރު، އެންމެ ވިސްނުންތެރި މުއުމިނަކަށް ވާން ބޭނުން ހެއްޔެވެ؟: ބިލާލް އައްސަދު

އެންމެ ހުޝިޔާރު، އެންމެ ވިސްނުންތެރި މުއުމިނަކަށް ވާން ބޭނުން ހެއްޔެވެ؟: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާއަކީ އެންމެ ހުޝިޔާރު އަދި އެންމެ ވިސްނުން ތޫނު، އެންމެ ބުއްދިވެރި މީހާ ކަމުގައި ވެސް ވުމަށެވެ! މިހުރިހާ ސިފަތަކެއް އެއްކޮށްލުމުން މިޒަމާނުގައި މިކިޔަނީ އެންމެ ސްމާޓް މީހާއެވެ. އެހެންކަމުން އެންމެ ސްމާޓް މީހަކީ ކާކުކަން ބަލައިލަމާ ހެއްޔެވެ؟  

ރަސޫލް (ޞޢވ) އަށް ސުވާލު ދެންނެވުނެވެ. "އެންމެ ވިސްނުން ތޫނު އެންމެ ސުމާޓް މުއުމިނަކީ ކާކުތޯއެވެ؟" ޖަވާބުގައި ޙަދީޘް ކުރެއްވެވިއެވެ. "އެނެމެ ގިނައިން މަރު ހަނދާންކުރާ، އަދި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ." 

ނިކަން ވިސްނައިލަބަލާށެވެ! މިކަންކަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތެވެ. މަރު ހަނދާންކުރަނީ މަދު މީހެކެވެ. މަރަށް ތައްޔާރުވެގެން ހުންނަނީ މަދު މީހެކެވެ. ޖަނާޒާތަކުގައި ބައިވެރިވަނީވެސް މަދު މީހެކެވެ. މިއީ ހައްތާވެސް ފަހު ޒަމާނުގެ އަލާމަތްތަކެވެ. މިއަދު މުޖުތަމައުތަކުގެ ހުރިހާ ކަމެއްގައިހެން އިސްކަން ދެނީ ދުނިޔަވީ ކަންކަމަށެވެ. މަރަށް ތައްޔާރުވުމަކަށް ނޫނެވެ. މަރުގެ ވާހަކަ ދައްކައިފިނަމަ ވެފައި އޮންނަނީ މޮޔަ ވާހަކަ ދައްކާ މީހަކަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

މަރަކީ ދުނިޔަވީ އިމްތިޙާނުގެ ފައިނަލް އެވެ. ސްކޫލްތަކަށް ބަލައިފިނަމަ ކިޔަވައިދޭން އެންމެ ރަނގަޅު އެދުރުން އަބަދުވެސް އިމްތިޙާނުގެ ވާހަކަ ހަނދާންކޮށް ދޭނެއެވެ. އެއީ ދަރިވަރު އަބަދުވެސް އިމްތިޙާނަށް ތައްޔާރަށް ބެހެއްޓުމަށެވެ. މަރުގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. އަބަދުވެސް މަރަށް ތައްޔާރަށް ހުންނަން ހަނދާންކޮށްދިނުމަށެވެ. 

މިދުނިޔޭގައި ނިކަމެތިންނަށް ސީޓު ލިބެނީ އިއްޒަތްތެރިންނާއި މަހުޖަނުންގެ ފަހަތުންނެވެ. ނަމަވެސް މަރުވުމުން އެކަން އޮތީ އެގޮތަކަށް ނޫނެވެ. ދުނިޔޭގައި ކިތަންމެ ބޮޑު އިއްޒަތެއްގައި އުޅުނު ނަމަވެސް، ކިތަންމެ ބޮޑު މުއްސަނދި ކަމެއްގައި އުޅުނު ނަމަވެސް މަރުވާ ހިސާބުން އެކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހަކު މަރަށް ތައްޔާރުވެ ހުރި މިންވަރަކުން މެނުވީއެވެ. 

އެމީހަކީ ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅުނު ނަމަވެސް މަރަށް ތައްޔާރުވެގެން ހުރި ނަމަ މަރުވާ ވަގުތުން ފެށިގެން އޭނާ ދުނިޔޭގައި ހުރެ ހޯދި ނުވަތަ އެއްކުރި މުއްސަނދިކަމުގެ ފައިދާ ލިބެން ފާށާނެއެވެ. ވީމާ މަސއްކަތް ކުރަންވީ ދުނިޔަވީ މުއްސަނދިކަމާއި ޢިއްޒަތަކަށް ނޫނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރަށް ތައްޔާރުވުމަށެވެ. އެންމެ ވިސްނޭ އަދި އެންމެ ސްމާޓް މީހާއަށް ވުމަށެވެ.

 

--ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް