އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެހެނަސް" ސީޒަން 1 ފިނާލޭ- ގިނަ ސުވާލުތަކަކަށް މިރޭ ޖަވާބު ލިބި، ކަންތައްތަކެއްގެ ފަރުދާވެސް ކެހޭނެ!

"އެހެނަސް" ސީޒަން 1 ފިނާލޭ- ގިނަ ސުވާލުތަކަކަށް މިރޭ ޖަވާބު ލިބި، ކަންތައްތަކެއްގެ ފަރުދާވެސް ކެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 31 ސިކުންތު

"އައިކިޔު ޕްރޮޑަކްޝަންސް" އާއި "އާރް ޓޫ ޒެޑް" އަދި "އާރް ސްކޮޔާޑް" ގުޅިގެން އުފައްދާފައިވާ ކާމިޔާބު ވެބްސީރީޒް "އެހެނަސް" ގެ ސީޒަން 1 ގެ ފިނާލޭ މިރޭ 21:00 ގައި (ނުވައެއް ޖަހާއިރު) ބައިސްކޯފުން ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ކުޅަދާނަ ލިޔުންތެރިޔާ އަޙްމަދު އިޤްބާލް ލިޔެފައިވާ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި "އެހެނަސް.. ހަމަ ލޯބިވެޔޭ" ވާހަކައިގެ މައްޗަށް ބިނާ ކޮށްފައިވާ މިވެބްސީރީޒް ޑައިރެކްޓް ކޮށްފައިވަނީ އެފަދަ ދެވަނައެއް ނުވާ، ކުޅަދާނަ އެކްޓާރ/ޑައިރެކްޓާރ ރަވީ ފާރޫޤް އެވެ.

ދެ ސީޒަނަކަށް ބަހާލެވިފައިވާ މިވެބް ސީރީޒްގެ ފުރަތަމަ ސީޒަންގެ ފިނާލޭ މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު، މިރޭގެ އެޕިސޯޑުގައި މިހާތަނަށް ބެލުންތެރިންގެ ހިތްތަކުގައި އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބުވެސް ލިބިގެންދާނެއެވެ.

އެގޮތުން "އެހެނަސް" ގެ ޕްރޮޑިއުސާ އިޤްބާލް ބުނިގޮތުގައި، މިސީރީޒް ފެށިގެން މިހާތަނަށް އައިއިރު ގިނަ ބަޔަކު ކުރަމުން އައި އެއް މުހިންމު ސުވާލަކީ، ކޮންމެ އެޕިސޯޑެއް ވެސް ފަށްޓާއިރުއާއި ނިމޭއިރު، ކޮޓަރިއެއްގެ ތެރޭގައި އެކަނި އިނދެ އަސަރުން ފުރިގެންވާ ގިނަ ވާހަކަތަކެއް ކިޔައިދެމުންދާ "ރަޔާން" (އަޙްމަދު މަސީޙު) ގެ ކެރެކްޓާ އާއި މިސީރީޒްގެ މައިގަނޑު ވާހަކައާއި ހުރީ ކޮން ގުޅުމެއްތޯއެވެ. އެސުވާލުގެ ޖަވާބު މިރޭ ބެލުންތެރިންނަށް ވަރަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

ހަމައެހެންމެ ދެން ބެލުންތެރިން ކުރަމުން އައި އެއް އިންތިޒާރަކީ، "އެހެނަސް" ގެ ލީޑް އެކްޓާރ "ނިޔާޒް" (މުޙައްމަދު ވިޝާލް) އަށް އޭނާގެ ގޭތެރޭގައި ލިބެމުންދިޔަ ޖިންސީ ގޯނާގެ ކަންތައްގަނޑު ނިމުމަކަށް އައިސް އޭނާއަށް އިންސާފު ލިބޭނެ ވަގުތަކަކަށެވެ. އެމައްސަލަ ނިމޭނީ ކިހިނެއްކަމެއް ނޭނގެއެވެ. ނިޔާޒަށް އިންސާފު ލިބޭނެ ކަމެއް ނުވަތަ އޭނާ އިތުރަށްވާނީ ނިކަމެތިކަމެއް އިނގޭނީ މިރޭގެ ފިނާލޭ އެޕިސޯޑް ބަލާލުމުންނެވެ. ހަމައެކަނި މިވަގުތަށް އެނގޭ އެއްޗަކީ، އެކަންތައްގަނޑު މިރޭ ނިޔާގެ މަންމަ "ޝަކީލާ" (ޝީލާ ނަޖީބު) އަށް ފަޅާ އަރާނެ ކަމެވެ. އަދި އެކަމާއި ފުރަތަމަ ފަހަރަށް ނިޔާ ތެދުވެ ހަނގުރާމަ ކުރާނެ ކަމެވެ.

މީގެއިތުރުން މިރޭގެ އެޕިސޯޑްގައި ޚާއްސަ އެހެން ކަމެއްވެސް ވެއެވެ. އެއީ "އެހެނަސް" ސީޒަން 2 ގައި ބެލުންތެރިންނަށް ފެނިގެންދާނެ މުހިންމު ތަރިއެއް، މިރޭގެ ފިނާލޭ އެޕިސޯޑުގައި ފެނިގެންދާނެއެވެ.

މީގެއިތުރުން ކުޅަދާނަ ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދު ގެ ޚާއްސަ ފެނިލުމެއް ވެސް މިރޭގެ އެޕިސޯޑުގައި ފެނިގެންދާނެއެވެ.

ކާމިޔާބު ކަމާއެކު "އެހެނަސް" ސީޒަން 1 ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، މިސީޒަންގެ ގިނަ ރޯލުތަކުން މިދާއިރާއަށް މުޅިން އައު ތަރިން ފެނިފައިވީ ނަމަވެސް، މި 10 އެޕިސޯޑްގައި ދާއިރާގައި މިހާރުވެސް އުޅޭ ބައެއް ތަރިންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް އެކި ގޮތްގޮތުން ވަނީ ލިބިފައެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގައި އަދިިވެސް އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ އެކްޓްރެސް ނިއުމާ މުޙައްމަދު އާއި ކުޅަދާނަ އެކްޓަރުން ކަމަށްވާ އަޙްމަދު ސައީދު އާއި އިސްމާއިލް ޖުމައިޙް ފަދަ ތަރިންގެ އަޑުވެސް މިސީޒަންގެ އެޕިސޯޑްތަކުގައި ހިމަނާފައިވެއެވެ.

ބެލުންތެރިންގެ މެދުގައި ޝައުޤުވެރިކަން އިތުރުވެފައިވާ ކޮންމެ ސީރީޒެއްގެ ވެސް ފިނާލޭއާއި ޖެހުމުން، އެންމެންގެ ހިތްތަކުގައި ވެސް އުފެދިފައިވާ އެއް ސުވާލެއްވެއެވެ. ފިނާލޭ އެޕިސޯޑްގެ ދިގުމިން ވެސް ހުންނާނީ އެހެން އެޕިސޯޑުތަކާއި އެއްވަރަށް ތޯއެވެ. މިސުވާލަށް އުފާވެރި ޖަވާބެއް އެބައޮތެވެ. "އެހެނަސް" ގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާ ގޮތުގައި، މިރޭގެ އެޕިސޯޑް އެހެން އެޕިސޯޑްތަކަށްވުރެ ދިގު ވާނެއެވެ. ނަމަވެސް ވާނީ ސީދާ ކިތައް މިނެޓުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހަނގާ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އުފައްދާފައިވާ "އެހެނަސް" ވެބްސީރީޒްގެ ލީޑް ރޯލުން ފެނިގެންދަނީ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ އަދި ޓިކްޓޮކް އިންވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި ހަމައެފަދައިން ޓިކްޓޮކް ގައި އަދިވެސް ފިޔަޖަހަމުން އަންނަ ކުޅަދާނަ ތަރިއެއް ކަމަށްވާ ފާތިމަތު ސަރާ އާދަމް (ޝަރާ) އެވެ. މީގެއިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގެ "ޕަވަރ ކަޕްލް" ޝީލާ ނަޖީބު އާއި މުޙައްމަދު މަނިކު ވެސް މިސީރީޒްގައި ފެނިފައިވެއެވެ.

އެމީހުންގެ އިތުރުން ދެން ފެނިގެންދަނީ މިދާއިރާއަށް އަލަށް ތަޢާރަފްވި އައިމިނަތު ސިލްނާ، އައިމިނަތު ޝަމާނާ، މަރިޔަމް ވަހީދާ (ޔަމް)، އަޙްމަދު ޝާރިފް، އަޙްމަދު މަސީޙު، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް (ދޮނާ) އެވެ. މީގެއިތުރުން ފިލްމު "ބޮސް" އިން ފިލްމީދާއިރާއަށް ތަޢާރަފްވި ގިނަ އަންހެންކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ) ވެސް މުހިންމު ރޯލުތަކުން ފެނިފައިވެއެވެ. އެމީހުންގެ އިތުރުން ދިވެހި ގިނަ ފިލްމުތަކަކުން ފެންނަމުންދާ އަލީ ނަދީޙް (ޗަންނަ) ވެސް "އެހެނަސް" ވެބް ސީރީޒްގައި އޭނާގެ ކުޅަދާނަ އެކްޓިން ދައްކާދީފައިވެއެވެ.

ސީޒަން 1 ނިމުމަކާއި ހަމަޔަށް މިހާރު އައިސްފައިވާއިރު "އެހެނަސް" ސީޒަން 2 ގައި ވެސް އައު ތަރިންތަކެއް މިދާއިރާއަށް ތަޢާރަފްވާނެ ކަމަށް ޕްރޮޑިއުސަރ އިޤްބާލް މައުލޫމާތު ދީފައިވެއެވެ. އަދި ޚާއްސަ ރޯލުތަކަކުން ދާއިރާގައި މިހާރު ހަރަކާތްތެރިވާ ތަރިންތަކެއް ވެސް ފެނިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެހެނަސް އޭގެ ކުރިން ސީޒަން 1 ގެ ފިނާލޭ މިރޭ ބަލާލަމާތޯއެވެ؟

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ