އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޔާ ބަސްތާއެއްގެ އަގު ހާހަކަށް އަރައިފި!

ފިޔާ ބަސްތާއެއްގެ އަގު ހާހަކަށް އަރައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އިންޑިއާއިން ފިޔާ ލިބުމުގައި ކުރިމަތިވެގެން އުޅޭ ދަތިތަކާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެ، ފިޔާ ނުލިބެން ފެށުމުންނެވެ. އެއާއެކު އެޤައުމުން ފިޔާ އެކްސްޕޯޓްކުރަމުންދިޔަ ހުރިހާ ޤައުމަކަށް ފިޔާ އެކްސްޕޯޓުކުރުން ވަނީ ހުއްޓާލާފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ކުރިން ބުނީ ރާއްޖެއަށް ލިބިފައިވާ ޚާއްސަ ކޯޓާއެއްގެ ދަށުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއާއި 50 ރުފިޔާއަށް އުފުލިފައެވެ. އަދި ފިހާރަތަކުން ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 800 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ވިޔަފާރިވެރިން ބުނާގޮތުން ރާއްޖޭގައި ފިޔާ އަގުބޮޑުވެގެން އުޅެނީ އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރަމުންދާ 'ޓުޓިކޮރިން' ބަނދަރުން ފިޔާ އެކްސްޕޯޓު ނުކުރެވުމުގެ ސަބަބުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާއެކު، ރާއްޖެއަށް އެންމެ ގިނައިން މުދާ ބޭރުކުރާ ޓުޓިކޮރިން ބަނދަރުން އެއްވެސް ޤައުމަކަށް ފިޔާ ބޭރުކުރުން އޮތީ މަނާކޮށްފައިކަމަށް ރާއްޖެއަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއް ދީފައިވީ ނަމަވެސް އެ ބަނދަރުން ބޯޓުފަހަރުތަކަށް ފިޔާ ބަރެއް ނުކުރެވޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި އިންޑިއާގެ އެހެން ބަނދަރުތަކުން ފިޔާ ބޭރުކުރުމަށް ބައެއް ވިޔަފާރިވެރިން މިހާރު މަސައްކަތްކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް، މިޢުވާން މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި މައްސަލަތަކެއް ދިމާވެގެން ނުވާނެކަމަށެވެ. ނަމަވެސް ޓުޓްކޮރިން ބަނދަރުން ފިޔާ ބޭރުކުރުމުގައި މައްސަލަތަކެއް އުޅޭތޯ ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ދަތިކަމެއް ނެތި ފިޔާ ލިބޭނެ. ހަޤީޤަތުގައި އެއްވެސް ދަތިކަމެއް ވެސް އުޅެގެން ނުވާނެ. ޚާއްސަ ހުއްދަ އެއްގެ ދަށުން ރާއްޖެއަށް ފިޔާ އެތެރެކުރަމުންދަނީ. ޓުޓިކޮރިން ބަނދަރުން ފިޔާ އެކްސްޕޯޓުކުރުމުގައި މައްސަލަތަކެއް އުޅޭތޯ ބަލާނަން." މިޢުވާން ވިދާޅުވިއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ފިޔާ އެތެރެކުރާ އެއް ކުންފުންޏެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެސްޓީއޯއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ބާޒާރުގައި ފިޔާ އަގު ބޮޑުވުމާއެކު ގިނަ ވިޔަފާރިވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިކުރާ ރެޑްވޭވްގެ ޖެނަރަލް މެނޭޖަރ، މުޙައްމަދު ޝުޖާޢު ވިދާޅުވީ، އެކުންފުނިންވެސް ފިޔާ ގަންނަނީ އެސްޓީއޯއިން ކަމަށެވެ. ބާޒާރުގައި ފިޔާގެ އަގު ހަލުވިމިނެއްގައި ބޮޑުވަމުންދާއިރު މީގެ ސަބަބުން ފިހާރާއިގެ ސްޓޮކްއަށް ވެސް ގެއްލުންވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އަގުތައް ކޮންޓްރޯލް ނުކުރުމަކީ މައްސަލައެއްކަމަށެވެ. އެގޮތުން ހަމައެކަނި ރޯދަ މަހު އަގުތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މިހާރު ވެސް އެސްޓީއޯއިން އަގުތައް ކޮންޓްރޯލް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްޓީއޯއިން އަގުތައް ކޮންޓްރޯލް ނުކުރެވުމަކީ ލަދުވެތިކަމެއް. ފިޔާ، އަލުވި ބިހުގެ އަގު ހަމައެކަނި ރޯދަމަހު ކޮންޓްރޯލްކުރާގޮތަށް، އެހެން ދުވަސްތަކުގައި ވެސް ރަނގަޅު އަގެއްގައި އާންމުންނަށް ފޯރުކޮށްދޭންޖެހޭ" ޝުޖާޢު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ