އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ދެއްވާ އެވޯޑެއް ލިބުމަކީ ފެށުނީއްސުރެ ހާސިލް ކުރަން ބޭނުންވި ލަނުގަނޑިއެއް: ރިޝްމީ

ރައީސް ދެއްވާ އެވޯޑެއް ލިބުމަކީ ފެށުނީއްސުރެ ހާސިލް ކުރަން ބޭނުންވި ލަނުގަނޑިއެއް: ރިޝްމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު، 2017 ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއަށް ރީތިނަން ހޯދާދިން އައިޝަތު ރިޝްމީ ރަމީޒަށް ލިބިއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރިޝްމީ އަށް އެއިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ރިޝްމީ ޕްރޮޑިއުސްކޮށް އެކްޓު ކޮށްފައިވާ "ވިޝްކާ" އިން އޭނާވަނީ އެންމެ މޮޅު ބަތަލާކަމުގެ އެވޯޑު އެއަހަރު ހޯދާފައެވެ. އެފެސްޓިވަލްގައި "ވިޝްކާ" ބައިވެރި ކުރީވެސް ރިޝްމީ އަމިއްލައަށެވެ.

ލިބުނު ކާމިޔާބީއާއިމެދު ވާހަކަ ދައްކަމުން "މިއަދުނޫހަށް" ރިޝްމީ ދިން ކުރު ބަސްދީގަތުމެއްގައި ބުނެފައިވަނީ، ރައީސްގެ އަތުން އިނާމެއް ލިބުމަކީ، ނުވަތަ ރައީސް ދެއްވާ އިނާމެއް ލިބުމަކީ ދާއިރާއަށް އެންމެ ފުރަތަމަ ނިކުތް ދުވަހުން ފެށިގެން ވެސް އޭނާ ހާސިލް ކުރަން ބޭނުންވި ލަނުދަނޑިއެއް ކަމަށެވެ.

"ދާއިރާއަށް އެންމެ ފުރަތަމަ ނިކުތް ދުވަހު ވެސް އަމިއްލައަށް ހެދި ގޯލްއެއް އެއީ، ބައިނަލްއަގްވާމީ ގޮތުން އިނާމެއް ހޯދުމާއި ރައީސް ދެއްވާ އިނާމެއް ހޯދުން ވެސް. އިރާދަކުރެއްވިއްޔާ އެ ދެ ގޯލްވެސް މިވަނީ ހާސިލް ކުރެވިފަ. ވިޝްކާގެ ސަބަބުން އެދެ އިނާމު ވެސް ކާމިޔާބުވީ. ވިޝްކާ މެދުވެރިއަކީ" ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނި ގޮތުގައި މިފަދަ ކާމިޔާބީއަކާއި ހަމައަށް ދެވިދާނެ އިތުރު ފަންނާނުން ވެސް ރާއްޖޭގައި އެބަތިއްބެވެ.

"މިއީ ހަމަ ކޮންމެ މީހަކަށް ވެސް ދެވިދާނެ ހިސާބެއް. އެވަރުގެ ހުނަރު ހުރި ފަންނާނުން މިހާރު އެބަތިބި ރާއްޖޭގައި. އެ ކޭޕެބިލިޓީ ހުރި މީހުން އެބަތިބި. ހަމައެކަނި ބޭނުންވަނީ އެކަން ކުރަން މަގުފަހިވުން" ރިޝްމީ ބުނެފައިވެއެވެ.

މަތީ ދަރަޖައިގެ މެޑަލްއާއި ލިޔުން ރިޝްމީއަށް ލިބުމުން، އޭނާ އެއިނާމު ޚާއްސަ ކުރީ ރިޝްމީގެ މަންމަ އަދި ކުޅަދާނަ ބަތަލާ އައިމިނަތު ރަޝީދާ އަށާއި ރިޝްމީގެ ދޮންތަ އަށެވެ.

"ހީކުރަން މަންމަ އާއި ދޮންތަ އަށް މި ދެވުނު ހަދިޔާ ގަބޫލުކުރާނެ ކަމަށް" އިނާމު ދިނުމުގެ ޚަފްލާއަށްފަހު އިންސްޓަގްރާމްގައި ރިޝްމީކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވެއެވެ.

މަންމައާއި ދޮންތަގެ އިތުރުން ދެން ރިޝްމީ އެންމެ ޚާއްސަ ޝުކުރެއް އަދާ ކޮށްފައިވަނީ އޭނާގެ ފިރިމީހާ އަދި "ވިޝްކާ" ފިލްމު ޑައިރެކްޓް ކުރި ކުޅަދާނަ އެކްޓަރ ރަވީ ފާރޫޤް އަށެވެ. ރިޝްމީ ބުނި ގޮތުގައި ރަވީ އަކީ ރިޝްމީގެ "ނަސީބެވެ."

މީގެއިތުރުން މިޔުޒިކް ޕްރޮޑިއުސާރ މުޙައްމަދު އިކްރާމް އަށާއި އަހްމަދު އަޒްމީލް އަށް ވެސް ރިޝްމީ ޚާއްސަ ޝުކުރެއް އަދާ ކޮށްފައިވެއެވެ. އެންސީއޭ މެދުވެރިކޮށް އެއިނާމު ލިބުމުގައި އެދެމީހުންގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ރިޝްމީ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ