އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޓޯއަށް ފިޔަވަޅު ނާޅާ ހުރުމަކީ ކުރިއަށް އޮތްތަނުގައި ކިހާ ނުރައްކާތެރި ކަމެއްތޯ؟

ސަޓޯއަށް ފިޔަވަޅު ނާޅާ ހުރުމަކީ ކުރިއަށް އޮތްތަނުގައި ކިހާ ނުރައްކާތެރި ކަމެއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 18 ސިކުންތު

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މައްޝޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރު ތަހުގީގު ކުރުމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދި މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓާއިމެދު އަނެއްކާވެސް ވާހަކަ ދައްކާލަން ހިނގާށެވެ.

ތަހުގީގު ރިޕޯޓު އާއްމުކުރުމަށްފަހު، ޑރ. އަފްރާޝީމްގެ މަރުގެ ތުހުމަތުވަނީ ކުރިން ހީވެސް ނުކުރާފަދަ ގޮތަކަށް އަނބުރާލާފައެވެ. ދީނީ ހަރުކަށި ވިސްނުމުގެ މީހުންގެ ޒިންމާ އެކަމުގައި ވަރަށް ބޮޑުކަމަށް ބުނެ، ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ބައެއް ފަރާތްތަކާއިމެދު ވަނީ އެރިޕޯޓަށް ބެލުމަށްފަހު ފިޔަވަޅުތައް ވެސް އަޅަން ފަށާފައެވެ.

ނަމަވެސް، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ތުހުމަތު އެންމެ ބޮޑަށް އެޅިފައިވާ ހ. ލޮބީ/ޙުސެއިން ހުމާމް، އެކަމުގައި އޭނާއާއިއެކު ބައިވެރިވި ބައެއް މީހުންކަމުގައި ބުނެ ބަޔާންދިން ބައެއް މީހުނާއިމެދު އަދިވެސް އެދެވިގެންވާ ފިޔަވަޅެއް ނާޅައެވެ. އޭގެ ތެރެއިން އެކަކީ ހ. ހިކޯސްޓް/ އަލީ ޝާން (ސަޓޯ) އެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވިކަމަށް ބުނެ ހުމާމު ދީފައިވާ ބަޔާނުގައިވެއެވެ:

"އަފްރާޝީމަކީ ކާރެއްގައި އުޅޭ މީހެއްކަން އަޅުގަނޑަށް އެނގެ އެވެ. އެރޭ އަފްރާޝީމް ކާރު ދަތުރުކުރާ ރޫޓުތައް ސަޓޯއަށް (ހ. ހިކޯސްޓު، އަލީ ޝާން) އަޒްލީފް ރައޫފު ބަރާބަރަށް ކިޔައިދެމުން ދިޔަ އެވެ. އެކަމަކު އެ ހުރިހާ މައުލޫމާތުތަކެއް އެނގެނީ ސަޓޯ އަށެވެ. އެހުރިހާ މައުލޫމާތެއް ސަޓޯ އަޅުގަނޑު (ހ. ލޮބީ، ހުސައިން ހުމާމް) ގާތުގައެއް ނުބުނެ އެވެ. ޑރ. އަފްރާޝީމް އަލީއާ މީގެކުރިން އަޅުގަނޑާއި އެއްވެސް ރުޅިވެރިކަމެއް ހިތްހަމަނުޖެހުމެއް ނުވަތަ ޒާތީ ހަސަދައެއް ނޯންނާނެ އެވެ،" އަފްރާޝީމްގެ ގާތިލް ހުސައިން ހުމާމް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ފުލުހުންނަށް ދިން ތަހުގީގު ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންނަށް ހުމާމް ދިން ބަޔާނުގައިވެސް ހުމާމް ވަނީ، އޭނާއާއެކު އެކަމުގައި ބައިވެރިވީ މީހުންގެ ނަންތައް ހާމަކޮށްފައެވެ.

މި މައްސަލައިގައި ހުމާމްވެސް ދޮގު ބަޔާނެއް ފުރަތަމަ ދީފައިވެއެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ތަހުގީގަށް ހުރިހާ އެއްޗެއް ކިޔައިދީފަ އެވެ. ތޭރަ ސޮފްހާގެ ތަހުގީގު ބަޔާނުގައި ހުމާމްގެ އިނގިލީގެ ނިޝާނާއި ސޮއިވެސް ކޮށްފައިވެ އެވެ. މިބަޔާނުގައި އޭނާ ވަނީ ވަރަށް ތަފްސީލުކޮށް ޑރ. އަފްރާޝީމް މަރާލުމަށް އޭނާ ކުރި މަސައްކަތާއި އެ މަސައްކަތުގައި އޭނާއާ އެކުގައި ބައިވެރި މީހުންނަށް ދަންދެން ކިޔައިދީފަ އެވެ. ޝަރީއަތުގައި އެކަމެއް ސާބިތު ކުރެވޭ ވަރަށް ފުލުހުން އަތުގައި ހެކި ނެތް ކަމަކު ހަމަ ބުއްދި ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެ ހަގީގަތަކީ ހުމާމާއި އަފްރާޝީމާ ދެމެދު އެއްވެސް ރުޅިވެރިކަމެއް ހަސަދައެއް ނެތްއިރު އޭނާ އެކަން ކުރާނީ ކޮންމެވެސް ބަޔަކު ބުނެގެން ކަމެވެ. އަދި އެފަދަ ކަމެއް ކުރުމަށް އޭނާ ދާއިރު އޭނާއަށް ގޮތް ކިޔައި ދިނުމަށްވެސް ބަޔަކު ތިބޭނެ ކަމެވެ.

ހުމާމްގެ ބަޔާނަށްފަހު، މިމައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅުނު ހެކިންގެ ތެރެއިން ސިއްރު ހެކި #10 ވެސް ވަނީ އެކަމުގައި ބައިވެރިވި އެހެން މީހުންގެ ވާހަކަ ކިޔައިދީފައެވެ.

ސިއްރުހެކި #10 އަކީ ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ދައުލަތުން ދައުވާ ކުރި ކުޑަ ކުއްޖާއަށް ފަހުން ބޭނުންކުރި ނަމެވެ.

"ސިއްރު ހެކި #10 18 ނޮވެމްބަރު 2012 ގައި ޖުވެނައިލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމުގެ ގެއަށް އޭނާ ދިޔައީ ސަޓޯ އާއި ހުމާމްއާ އެކުގައި ކަމަށާއި އެމީހުން ބުނެގެން ފާރައަށް އެގޭ ބޭރުގައި މަގުމަތީގައި މަޑުކުރި ކަމަށާއި، ފުރަތަމަ ހ. ފުންވިލު ގެއަށް ވަނީ ހުމާމު ކަމަށާއި ހުމާމު އެގެއަށް ވަންފަހުން އިރުކޮޅަކުން ފޮތްތަކެއް އަތުން ހިފައިގެން ޑރ. އަފްރާޝީމް އެގެއަށް ވަން ކަމަށާއި، ދެން ސަޓޯ އެގެއަށް ވަން ކަމަށާއި، އޭގެ ކުޑައިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި ސަޓޯ އަތުން ހަނައަޅާފައި އަންނަން ބުނުމުން ސިއްރު ހެކި #10 ވެސް އެގޭ ތެރެއަށް ވަން ކަމަށާއި އޭރު އެގޭ ތެރޭގައި ހުރީ މަޑު އައްޔެއް ކަމަށާއި، ނަމަވެސް މީހުން ވަކިވާވަރުވާ ކަމަށާއި، އޭރު އެތަނަށް ޑރ. އަފްރާޝީމް ބަންޑުން ވެއްޓިފައި އޮތް ކަމަށާއި، ޑރ. އަފްރާޝީމް ވެއްޓިފައި އޮތް ތަނުގަ އާއި ހުމާމާއި ސަޓޯ އަތުގައި އޮތް ވަޅިތަކުގެ ތިލައިގައި ލޭހުރި ކަމަށާއި، ހުމާމުގެ އަތުގައިވެސް ލޭ ހޭކިފައި ހުރި ކަމަށާއި، އޭރު ޑރ. އަފްރާޝީމްގެ ކަރުގައި ހުރި ޒަޚަމުން ލޭ ފައިބަމުން ދިޔަ ކަމަށާއި، އެގޭ ތެރޭގައި އެގަޑީގައި ހުމާމާއި ސަޓޯ ފިޔަވައި އިތުރު މީހަކު ފެންނަން ނެތް ކަމަށާއި، ނަމަވެސް ބަޔަކު ސިޑި މަތީގައި ހިނގާ އަޑު ނުވަތަ ހަރަކާތްތެރިވާ އަޑު އިވޭ ކަމަށާއި، އަދި މީހަކު "އަވަސްކުރާށޭ" ގޮވާލި އަޑު ވެސް އިވުނު ކަމަށާއި އަދި އެއީ ކާކު ކަމެއްވެސް އަދި އަޑު އައީ އެތެރެއިން ކަމެއް ނުވަތަ ބޭރުންކަމެއް ޔަގީންކަމާއެކު ދަންނަވަން ނޭނގޭ ކަމަށާއި، ބޮޑަށް ލަފާކުރެވެނީ އެއީ އެތެރެއިން އައި އަޑެއް ކަމަށެވެ. އެއީ ސިޑި މަތިން ހިނގައި ވާހަކަ ދައްކާ އަޑު އިވޭތީ ކަމަށެވެ. އެހެން ކަމުން އެވަގުތު ސަޓޯއާއި ހުމާމުގެ އިތުރުން އެގޭ ތެރޭގައި ބަޔަކު އުޅުނު ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ ސިޑިމަތީގައި ހިނގައި ވާހަކަ ދައްކާ އަޑު އިވޭތީ ކަމަށާއި، އަދި އެއީ ސަޓޯ މެންނާއެކު އެ ގުރޫޕުގައި ހިމެނޭ ބައެއް ކަމަށް ލަފާކުރެވޭ ކަމަށާއި، އެގޮތަށް ލަފާކުރެވެނީ އެއަޑު އިވުމުންވެސް އެމީހުން ބިރުން ނޫޅޭތީވެ އެވެ،" މަރު ކޮމިޝަނުގެ ތަހުގީގަށް ސިއްރު ހެކި #10 ދީފައިވާ ބަޔާނުގައިވެ އެވެ.

ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ބައިވެރިވި ފަރާތްތައް މިވަރުން ވެސް ސާފެއް ނުވޭތޯއެވެ؟ ސަޓޯގެ ނަން ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައި ވެސް ހިމެނިފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ޝަރުއީ ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެއެވެ. ފަހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެއް ވެސް ނުވެއެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ 2 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، އެމަނިކުފާނު އެއިރު ދިރިއުޅުއްވި ގޭގެ ސިޑިގޮޅި ކައިރީގައެވެ. އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ސާބިތުވެފައިވާ ހުމާމު، އެކަން ރޭވުނު ގޮތާއި، ހިނގި ގޮތް ސާފުކޮށް ކިޔައިދީފައިވާއިރުވެސް ހައްޔަރު ކުރާތަން ފެންނަނީ، އެބަޔާނުގައި އަދި އެއިރުގެ ތަހުގީގުގައި ދުވަހަކު ނަންވެސް އަޑުއަހާފައި ނުވާ ބައެކެވެ. މިގޮތަށް މިކަންވުމުން، އެއިރު މިތުހުމަތު އެންމެ ބޮޑަށް ކުރެވުނު ފަރާތްތައް މިނިވަންވެފައި ތިބުމަކީ، މުސްތަޤުބަލުގައި ކިހާ ރައްކާތެރި ކަމެއް ހެއްޔެވެ؟ ކަމާއިބެހޭ ފަރާތްތަކުން ޖަވާބެއް ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ