އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ޔޫސުފް! އުމުރުން ހަތް އަހަރުގަ ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒެއް!

މިއީ ޔޫސުފް! އުމުރުން ހަތް އަހަރުގަ ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 33 ސިކުންތު

އިނގިރޭސިވިލާތުގެ ލުޓޯން އަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށްފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ޔޫސުފް އަސްލަމް ނަމަކަށްކިޔާ އެކުއްޖާ، ކީރިތި ޤުރްއާން ހިތުދަސްކުރީ އޭނާގެ ދައްތަ މާރިޔާ އަސްލަމްގެ ފަތާތުން ހިތްވަރު ލިބިގެންނެވެ.

ޔޫސުފްގެ ދައްތަ މާރިޔާ ވެސް ވަނީ މީގެ ދެ އަހަރު ކުރިން ޤުރްއާން ހިތުދަސްކޮށްފައެވެ. އެއިރު މާރިޔާގެ އުމުރަކީ ވެސް ހަތް އަހަރެވެ.

"އަހަރުމެންނަށް އިޙުސާސް ކުރެވެނީ، ދެކެމުންދިޔަ ފޮނި ހުވަފެނެއް ސީދާވެއްޖެކަމުގެ އިޙުސާސް. މިފަދަ ބޮޑު ރަޙުމަތެއް އަހަރުމެންނަށް މާތް ﷲ (ސުބްޙާނަހޫ ވަތަޢާލާ) ލައްވާފާނެ ކަމަށް ހިއެއްވެސް ނުކުރަން. މާތް ﷲ ވަހީ ކުރައްވާފައިވޭ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ ކަމެއްވެސް ވުމަށް ފަސޭޙަ ކޮށްދެއްވާނެ ކަމަށް، މިއަދު އެކަލާނގެ މިވަނީ އެކަންތައް ކޮށްދެއްވާފަ" ޔޫސުފް އާއި މާރިޔާ ގެ މަންމަ ބުނެފައިވެއެވެ.

މީގެ ދެއަހަރު ކުރިން ޤުރްއާން ހިތުދަސްކުރި މާރިޔާ ވަނީ، އޭނާގެ ކޮއްކޮ ޔޫސުފް އަށް ޤުރްއާން ހިތުދަސްކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެފައެވެ.

"އެކިކަންކަމުގައި އަހަރެން ބިޒީވެފަ ހުންނަ ވަގުތު، ޔޫސުފްއަށް ކިޔަވާދީ އަހަންނަށް އެހީތެރިވެދިނީ މާރިޔާ. ހިފްޒް އުނގަންނައި ދިނުމުގައި މާރިޔާއަކީ ލާމަސީލު މިސާލެއް އަދި ނުހަނު ހިތްވަރުވެސް އޭނާ ޔޫސުފަށް ދިން" އެދެބެންގެ މަންމަ ބުންޏެވެ.

ލިބިފައިހުރި ދެދަރިންނަށް ވެސް ޤުރްއާން ހިތުދަސްކޮށްދިނުމަކީ، އެހާވެސް ފަސޭހައިން ކުރެވުނު ކަމެއް ނޫން ކަމުގައިވެސް އެކުދިންގެ މަންމަ ބުންޏެވެ.

"އަހަރެންގެ ކެރިއަރ އަހަރެން ދޫކޮށްލީ ދަރިންނަށް ކިޔަވާ ދިނުމަށްޓަކައި. އެދެބެންނަށް ވެސް އިސްލާމީ ތަޢުލީމާއި ދުނިޔެވީ ތަޢުލީމު އުނގަންނައި ދިނުމުގަ ވަގުތު ހޭދަކުރީ. އެކުދިންގެ މައެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ އެފަދަ ބަސްއަހާ، ރަނގަޅު ދަރިން ލިބުމަކީ އަހަންނަށް ލެއްވި ނަސީބެކޭ އަދި އެކަމަށް އަހަރެން ޙަމްދުކޮށް ފަޚުރުވެރިވަމޭ" މާރިޔާ އާި ޔޫސުފް ގެ މަންމަ ބުންޏެވެ.

"ދަރިންނަށް ކީރިތި ޤުރްއާން އުނގަންނައިދޭއިރު ވަރަށް މުހިންމުކަމެއް މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ވެސް ތަޖުވީދު މަގަށް ޤުރްއާން ކިޔަވަން އެނގުމަކީ. ތިމާމީހާގެ ދަރިފުޅު ކިޔަވާ އަޑުއިވުމަކީ މިބިންމަތީގަ އިވޭނެ އެންމެ ރީތި އަޑުތަކުން އެއް އަޑު" ޔޫސުފް އާއި މާރިޔާގެ މަންމަ ބުންޏެވެ.

 

(ޔޫސުފްގެ ދައްތަ މާރިޔާ ކީރިތި ޤުރްއާން ހިތުދަސްކުރިކަމުގެ ޚަބަރުވެސް މީގެކުރިން ވާނީ "މިއަދުނޫހުގައި" ޝާއިއު ކޮށްފައެވެ.)

https://miadhu.mv/article/read/28253

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ