އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ނައިބު ރައީސްގެ އަރިހަށް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ނައިބު ރައީސްގެ އަރިހަށް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު މިސްޓަރ ރުއާން ޝެންގްފާ އިޙްތިރާމުގެ ޒިޔާރަތެއް ‌‏ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާޢިމުކުރިތާ މި ވީ ސާޅީސް ހަތް އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްހުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި މި ގުޅުން އިތުރަށް ބަދަލި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވާރާކުރެއްވިއެވެ. އެގޮތުން ވިޔާފާރިއާއި އިޤްތިޞާދާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ތަޢުލީމު އަދި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާމެދު ގަވަރުނަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ގަވަރުނަރު ވަނީ ޔުނާން ޕްރޮވިންސުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން ދެ ޤައުމުގެ ފަރުދުންގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ގަވަރުނަރުގެ ވާހަކަފުޅުގައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ރާއްޖެއާއި ޗައިނާ އަދި ޔުނާން ޕްރޮވިންސާއެކު އޮތް ގުޅުންތައް ހަތް ގުނައަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމާއި، ކުޅިވަރު އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކުރިޔަށްއޮތް ތަނުގައިވެސް އެކިދާއިރާތަކުން ރާއްޖެއާ ޗައިނާގެ ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު