އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު
އެއަންހެނާ އޮތީ ނިދާފައެވެ. އެހެންނަމަވެސް އޭނާ ފާފައެއް ކޮށްފިކަމަށް ވައަތު ކޮނޑުގައި އިންނަ މަލާއިކަތާ ލިޔުއްވައިފިއެވެ.
އެއަންހެނާ ނަމާދު ކޮށްފިއެވެ. އެހެންނަމަވެސް އޭނާ ފާފައެއް ކޮށްފިކަމަށް ވައަތު ކޮނޑުގައި އިންނަ މަލާއިކަތާ އެފަތުގައި ލިޔުއްވައިފިއެވެ.
އެއަންހެން މީހާ ކައިބޮއެ، ގައިން ޠާޙިރުވެ، ޤުރްއާންވެސް ކިޔަވާ މިނޫންވެސް ހެޔޮ ޢަމަލުތައް ކޮށްފިއެވެ. އަދި ބޮޑުވެގެންވާ ފާފައެއް ވެސް އޭނާ ނުކުރެއެވެ. އެހެން ނަމަވެސް އޭނާ ފާފައެއް ކޮށްފިކަމަށް ވައަތު ކޮނޑުގައި އިންނަ މަލާއިކަތާ ލިޔުއްވައިފިއެވެ.
އޭނާ ހަމަހިމޭނުން އިނެވެ. އެއްވެސް މީހަކާއި ވާހަކަވެސް ނުދައްކާ އެއްވެސް ކަމެއް ނުކޮށެވެ. އެހެންނަމަވެސް އަނެއްކާވެސް އޭނާގެ ފާފައިގެ ލިސްޓަށް އިތުރުވެ، އެފަތުގައި މަލާއިކަތާ ލިޔުއްވައިފިއެވެ.
އެއުޚްތާ ފާފައެއް ނުކުރާއިރުވެސް ފާފައެއް ކުރެއްވިއްޖެ ކަމަށް ވައަތު ކޮނޑުގައި އިންނަވާ މަލާއިކަތާ އެފަތުގައި އެލިޔުއްވަނީ ކޮން ފާފައެއްކަން އިނގޭ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާކަން އިނގޭ ހެއްޔެވެ؟ އޭނާގެ ކުށަކަށްވީ ސޯޝަލް މީޑިއާގައި އެއުޚްތާގެ ފޮޓޯ ޖަހާފައި އިނުމެވެ.
އެއުޚްތާގެ ފޮޓޯ ދުރުހިލޭ ގިނަ ބަޔަކަށް ފެންނަނީ އެވެ. އެގޮތުން ދުރު ހިލޭ ފިރިހެނުންނަށް އޭނާގެ ފޮޓޯ ފެންނަ ކޮންމެ ފަހަރަކު ވައަތު ކޮނޑުގައި އިންނަވާ މަލާއިކަތާ އެއުޚްތާގެ ފާފައެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އެފަދައިން ދިރިއުޅެމުން ދަނިކޮށް އެއުޚްތާ ނިޔާވެއްޖެނަމަ، އަދި ނިޔާވުމަށްފަހު ވެސް ހިލޭ ފިރިހެނުންނަށް އެއުޚްތާގެ ފޮޓޯތައް ފެނިއްޖެނަމަ، ކަށްވަޅުގައި ވެސް އެއުޚްތަކަށް އަޛާބު ލިބެއެވެ.
ނަމަވެސް އަހަރެމެންގެ ވެރި ރަސްކަލާނގެއީ އެންމެ ރަޙްމާންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުތަކުންނަށް ހުރިހާ ކަމަކުން ވެސް އަރައިގަނެވޭނެ މަގުވަނީ ފަހި ކޮށްދެއްވާފައެވެ. މާތް ﷲ ސުބްޙާނަހޫވަތަޢާލާއަށް ކުއްތަންވެ ތަޢުބާވުމުން، އެމީހަކަށް ކުރެވިފައިވާ ހުރިހާ ފާފައެއް އެކަލާނގެ ފުއްސަވައެވެ.
އަހަރެމެންގެ މައްޗަށް އޮތީ ތަޢުބާވެ، ހެޔޮ ޢަމަލު ގިނަކޮށް، ދީނީ އަޅުކަމަށް ފުރިހަމަ އަޙައްމިއްޔަތުކަން ދިނުމެވެ. އަދި އަޅަމެންގެ ޢަމަލާއި ދުލުން ބުނެވޭ ބަސްތަކާއިމެދު ވެސް ފަރުވާތެރިވުމެވެ. މާތް ﷲބ އަޅަމެންނަށް ހެޔޮ ތަޢުފީޤު ދެއްވާށި. އާމީން
--މުފްތީ މެންކްގެ ދަރުސަކުން--
Advertisement
7 ޑިސެމްބަރ 2019