އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެތެރޭ މީހުންގެ ކަރުގަ ވާޖަހައި ދަމާ މާލެ ގެނެސް, މާލެ އައީތީ އެއްޗެތި ގޮވަން ނުޖެހޭ ގޮތް ހަދާބަލަ!

ރާއްޖެތެރޭ މީހުންގެ ކަރުގަ ވާޖަހައި ދަމާ މާލެ ގެނެސް, މާލެ އައީތީ އެއްޗެތި ގޮވަން ނުޖެހޭ ގޮތް ހަދާބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 24 ސިކުންތު

ރާއްޖެ ތެރޭ މީހުން މާލެ އަންނާތީ ވަރަށް ރުޅި އަންނަ ބައަކު މާލޭގައި އެބަ އުޅެއެވެ. އެހެންވީމާ އެމީހުންނަށް މާލެ އަންނަން ނުޖެހޭނެ ގޮތް ހަދައިދޭށެވެ! އެކަން ކުރަން މާލޭ މީހުންގެ އަތުން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެއެވެ! މާލެއަށް އަތުލަމުންދާ ރާއްޖެ ތެރޭމީހުންގެ ފައިސާ އަތުލުން ހުއްޓައިލުމުން އެކަން ކުރެވޭނެއެވެ. 

ކޮށްދޭންވީ ހަމަ އެންމެ ކަމެކެވެ. އެއީ އެ އަތޮޅަކުން ލިބޭ އާމްދަނީ އެ އަތޮޅަކަށް ދިނުމެވެ. އެއިރުން އެންމެ ކުޑަ ވ. އަތޮޅު މީހުން ވެސް މާއުފަލުގައި ދިރިއުޅޭނެއެވެ. ކ. އަތޮޅު ތަރައްޤީ ނުވެ އޮންނާކަށްވެސް ނުޖެހޭނެއެވެ. މާލެ މީހުންގެ މާލެ ސިޓީއަށް ލިބޭ އެއްވެސް ފައިސާއެއް އަތޮޅުތަކުގެ މީހުން ބޭނުމެއް ނުވެއެވެ. 

މާލެ އަންނަން ޖެހިގެން މިއުޅެނީ އިނގިރޭސިން ކަޅު މީހުން އަޅުވެތިކޮށްގެން ސައުތު އެފްރިކާ، ޒިމްބާބްވޭ ފަދަ ޤައުމުތަކުގައި ގެންގުޅުނު ގޮތަށް ރާއްޖެ ތެރޭ މީހުން ގެންގުޅުނީތީއެވެ. ޤައުމުތަކުގެ މުއްސަނދިކަން އިނގިރޭސިވިލާތަށް ގެންދިއަ ފަދައިން ރާއްޖެތެރޭގެ މުއްސަނދިކަން މާލެ ގެނެސް މާލެ ތަރައްޤީ ކުރާތީއެވެ. ރާއްޖެ ތެރެއަށް ބައިކުޅަ ބައެއް ދީ ނިކަމެތިކޮށްލާފައި އޮތީތީއެވެ.

މާލެ، މާލެއަކަށްވެ މާލޭ މީހުންގެ މާބޮޑު މިލްކަކަށް ހަދައިގެން އުޅޭއިރު މާލޭގެ ތިންބައިކުޅް ދެބައި ހިއްކާފައިވަނީ އަތޮޅުތަކުގެ މީހުން އެޅިވެލިންނާއި އަތޮޅުތަކުގެ މީހުންގެ ފައިސާއިން ވެލިއަޅައިގެންނެވެ. ހުޅުމާލެ ހިއްކާފައިވަނީ އަތޮޅުތަކުގެ މީހުންގެ ފައިސާއިންނެވެ. ދައުލަތުގެ ބަޖެޓަށް އަތޮޅުތަކުން ގެނެސް ވައްދާ ފައިސާ ހިސާބުކުރުމުން މިކަންކަން އެނގޭނެއެވެ. 

ރާއްޖެތެރެއިން އެކަށީގެންވާ ތައުލީމު ލިބޭނެ ގޮތް ނުހަދައި ބޭސް ފަރުވާ ކުރެވޭނެ ގޮތަ ނުހަދައި ކޮންމެ ކަމަކަށް މާލެ އަންނަން ޖެހޭނެ ގޮތަށް ކަންކަން ކޮށްފައި ރާއްޖެ ތެރޭ މީހުން މާލެ އަންނަ ވާހަކަ ދައްކަން ލަދު ނުގަންނަ މީހުން ލަދު ގަންނާނެ އެއްވެސް ކަމެއް އޮންނާނެ އެއްވެސް ކަމެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. 

ރާއްޖެ ތެރެއިން ޢާއިލާތަކަށް މާލެއަށް ހިޖުރަކުރަން ޖެހުނީ ރަށުގައި ތިބެގެން ދަރިންނަށް ކިޔަވައިދެވޭނެ ގޮތެއް ނެތިގެން މާލެ ފޮނުވައި ބުނި އަގެއް ދީފައި ބެއިތިއްބުމުންވެސް ގޭގައި ގެންގުޅޭ ނޯކަރުންނަށް ހަދައި އަޅުވެތިކޮށްގެން ގެންގުޅޭތީ އެކަން ޙަޖަމު ނުކުރެވުމުން ނޫން ހެއްޔެވެ؟ 

މާލޭ މީހުންނަށް ބިން ދަތިވާ އެންމެ ބޮޑު ސަބަބަކީ ގޯތިތައް ވިއްކުމެވެ. ގެތައް ކުއްޔަށް ދިނުމެވެ. ކުއްޔަށް ނުދީ އަމިއްލައަށް ދިރިއުޅޭނަމަ 90 އިންސައްތަ މައްސަލަ ޙައްލުކުރެވޭނެއެވެ. 

މިހާރުވެސް 22 ގޯތި ވިއްކައިލުމުގެ މައްސަލަ އެބަ ކުރިއަށް ގެންދެއެވެ. ފްލެޓެއް ދޭއިރަށް 2 ކޮޓަރި ކުއްޔަސްދީފައި އެއްކޮޓަރީގައި އުޅުނީމަ ޖާގަ ދަތިވާނެކަމެއް ނުއެނގޭ ހެއްޔެވެ؟ ޙަޤީޤަތް ޤަބޫލުކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ 

ރާއްޖެ ތެރޭ މީހުންނަށް ގެދޮރު ކުއްޔަށް ދީގެން ފައިސާ ވެސް ބޭނުންވެއެވެ. ގެދޮރާ ބިން ވިއްކައިގެން ފައިސާ ވެސް ބޭނުންވެއެވެ. އެއްޗެތިވެސް ގޮވަން ޖެހެއެވެ. މިކަން ދެކޮޅު ޖެހޭ ހެއްޔެވެ؟

ދިވެހިރާއްޖޭގެ ދިވެހިރައްޔިތުންނަށް މާލޭ މީހުން، ރާއްޖެ ތެރޭ މީހުން ކިޔައި ތަފާތުކޮށްގެން މިއުޅެނީ ވެސް ނަސްލީ އިމްތިޔާޒު ކުރިއަރުވަން ނޫން ހެއްޔެވެ؟ ދެނެއް އެކަމެއް ނުކުރެވޭނެއެވެ! ރާއްޖެ ތެރެއިން މާލެ އައި މީހުން މާލެއިން ބިން ގަނެފިއެވެ. ގެދޮރުވެރިވެއްޖެއެވެ. ބޮޑެތި އިމާރާތްތައް އަޅައިފިއެވެ. "ގޫރާވައްޅާއިން" ކަމަށް ބުނެ ބޮލަށް ގައު އުކަމުން ފަހަތުން ހިނގި މީހުންގެ ބިންތައް "ގޫރާވައްޅާ" އިން ގަނެލައި ހަތަރުކަށިމައްޗާއި ބުރަކަށިވެސް މާލޭ މީހުންނަށްވުރެ ކުރިއަރައިފިއެވެ.  

މާލެ އިން އިތުރު ބިމެއް ގަނެ ދަރިންނަށް ބޯހިޔާވަހިކަން ހޯދައި ދެވުނީ މަދުމީހަކަށެވެ. ނަމަވެސް ރާއްޖެތެރެއިން އައި ބައެއް މީހުން 10، 12 ގޯތި ގަނެ ދަރިންނަށް ބޯހިޔާވަހިކަން ހޯދައިދީފިއެވެ.

މިހެން މިވީ ކީއްވެގެން ހެއްޔެވެ؟ މާލޭ މީހުންގެ ކަންނެތް ކަމުން ނޫން ހެއްޔެވެ؟ ބާޒާރުގައި ހުރި އަމިއްލަ ފިހާރަ ވިއްކާލާފައި ނޫނީ ގެވެސް ނުއެޅުނީމައި ނޫން ހެއްޔެވެ؟ އެއީ ރާއްޖެ ތެރޭގެ މީހުންގެ ކުށަކީ ހެއްޔެވެ؟ 

ދެން އޮތީ ކުލި ބޮޑުވާތީ ޝަކުވާ ކުރާ ވާހަކައެވެ. އެ ޝަކުވާ ވެސް ގިނައިން ކުރަނީ ހަމަ މާލޭ މީހުންގެ ދަރިންނެވެ. މައިން ބަފައިން ގޯތީގެ ބައެއް ވިއްކާލާފައި އޮތުމުން ދިރިއުޅެވޭނެ ގޮތެއް ނެތިގެން ތަންތަން ކުއްޔަން ޖެހިފައިވާ މާލޭ މީހުންގެ ދަރިންނެވެ! 

އަޅުގަނޑަށް ދަރިން ލިބުނުއިރުވެސް ރަށުގައި އެންމެ ކުޑަމިނުން މަދުރަސާއެއް ވެސް ނުހުރެއެވެ. އަކުރު އެނގުނު ބައަކަށް އެނގުނީ މަރްޙޫމް އަޙްމަދު އިދްރީސް އާއި ބިލަތްމާގޭ ދޮންދައްތަ އާއި ބެރުޖަހަންގޭ ދައްތަގެ މަސައްކަތުންނެވެ. (އެމަރުޙޫމުންނަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި. އާމީން) އެކަމަކު މާލޭގައި އެކި ފެންވަރަށް ކިޔަވައިދޭ ބޮޑެތި ސްކޫލްތައް ހިންގިއެވެ. ހަމަ ޜާއްޖެ ތެރޭ މީހުންގެ ފައިސާއިންނެވެ. 

މިހާރުވެސް ރާއްޖެ ތެރޭ މީހުންގެ އަތުން އެންމެ ގިނަ ފައިސާ ދަމައިގަންނަ ގޮތް ނިކަން ބަލައިލަބަލާށެވެ! ރަށުން ފަރުވާއެއް ނުލިބޭ ތަނުގައި މާލެ އައުމުން ޑޮކްޓަރު އެޕޮއިންޓްމަންޓްވެސް ނުލިބިއެވެ. އެޕޮއިންޓްމަންޓް ހަދައިގެން އައިނަމަވެސް ޓެސްޓް ހަދަން އަނެއް ކަމެއް ކުރަން މާލޭގައި މަސް ދުވަހު މަޑުކުރަން ނުޖެހޭނެ ގޮތެއް ނެތެވެ. އެހެރަ ދަނީ އެބުނާ މާލޭ މީހުންނަށް ކުލި ލިބެމުންނެވެ. ވީމާ އަދިވެސް ރާއްޖެ ތެރޭ މީހުން ބައިތިއްބާފައި މިތިބީ މާލޭ މީހުންނަށް ޖިޒީ ދައްކަން ޖެހޭ ޙާލަތުގައެވެ. ތަފާތީ ކިޔާނަމެވެ. 

ނަމުގައި ލާމަރުކަޒީ ކުރުމަކުން އަދި ނުފުދެއެވެ. ބައެއް ބޮޑެތި ރަށްރަށަށް ސިޓީ، ދެން ހުރި ރަށް ރަށަށް މެސެޖް، ޓެލެގްރާމް، ޅެން، ފަރިހި، ރައިވަރު ފަދަ ނަންތައް ކިޔުމަކުން އަދި އެއީ މާ ބޮޑެތި ދަރަޖަ ތަކެއް ދެވުމެއް ނޫނެވެ. ކޮންމެ ކަމެއް ދިމާވުމުން ސަލާން ޖަހަން މާލެ އަންނަން ނުޖެހޭނެ ގޮތް ހަދައި ނުދެވޭނެ ނަމަ އަތޮޅުތައް މިނިވަންކަމާއިއެކު ހިންގަން އަތޮޅުތަކަށް ދޫކޮށްލާށެވެ! އަތޮޅުތަކުން ލިބޭ އާމްދަނީ އެ އަތޮޅަކަށް ލިބޭނެ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހެއްވެސް ބޭނުމެއް ނުވެއެވެ. 5 މެންބަރުންގެ އަތޮޅު ކައިންސިލަކާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސް ހިމެނޭ ކައުންސިލަކުން އަތޮޅުތައް ހިންގުމުގެ ފުރުޞަތު ދިނުމުން އަތޮޅުތައް މާފުރިހަމައަށް ހިންގޭނެއެވެ!

 

 

ޢަބްދުއްލަޠީފް އާދަމް

ބަށިމާގެ ލ. މާމެންދޫ، އަންޑާޕޫލްގެ ހދ. ނޮޅިވަރަން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް