އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ރޭޕް" - ލިޔެލަން ކިޔާލަން ކުޑަ ބަހެއް، ނަމަވެސް އުމުރު ދުވަހަށް ދެވޭ ބޮޑު ހިތާމައެއް!

"ރޭޕް" - ލިޔެލަން ކިޔާލަން ކުޑަ ބަހެއް، ނަމަވެސް އުމުރު ދުވަހަށް ދެވޭ ބޮޑު ހިތާމައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 35 ސިކުންތު

"ރޭޕް" މިއީ މިދުވަސްކޮޅު އެންމެ ގިނައިން، ކޮންމެދުވަހަކުހެން އިވެމުންދާ ބަހެކެވެ. ކިތަންމެ ކުޑަ ބަހެއް ނަމަވެސް، މިއީ ކިހާވަަރެއްގެ ވޭނެއްކަން ކޮންމެކޮންމެ މީހަކަށް އިޙުސާސް ނުކުރެވުނަސް، ގިނަ މީހުން އެކަމަށް އެއްބަސްވާނެއެވެ.

"ރޭޕް" ނުވަތަ ޖިންސީ ގޯނާއާއި ކުރިމަތިލާންޖެހޭ ކޮންމެ މީހަކީ، އެމީހެއްގެ މުޅި އުމުރުދުވަސް އެވޭނާއި ކެކުޅުމުގައި ހޭދަކުރަންޖެހޭ ބައެކެވެ. އެހިތާމަވެރި ހަނދާންތަކުގައި ކޮންމެ ދުވަހަކުމެ އެފަދަ މީހުން، އެމީހުންގެ އުމުރުން ކިތަންމެ ގިނަ ދުވަހެއް ވީކަމުގައިވިޔަސް، އެހަނދާންތަކުގައި ގެނބެމުންދާން ޖެހެއެވެ. އެހެންކަމުން މިއީ ދެވޭ ކުޑަ އަނިޔާއެއް ނޫނެވެ. މިއީ އުމުރުދުވަހަށް ދެވޭ ބޮޑު ވޭނެކެވެ.

ރޭޕް ނުވަތަ ޖިންސީ ފުރައްސާރައިގެ ވާހަކަތައް މިހާރު އާއްމުވަމުން އަންނައިރު، މިކަމަކީ ހަމަ، ވަރަށް ފަހުން ފެންމަތިވީ ކަމެއްތޯ ސުވާލު އުފެދެއެވެ. ނޫނެކެވެ! ހަގީގަތުގައި މިއީ ވަރަށް ކުރިއްސުރެވެސް ރާއްޖޭގައިވެސް ވަމުން އައި ހިތާމަހުރި ކަމެކެވެ. ޚާއްސަކޮށް އެއްގެއެއްގެ، އެއް އާއިލާއެއްގެ ތެރެއިންނެވެ.

ޒަމާނުއްސުރެ ހިނގަމުން އައި މިނޭދެވޭ ޢަމަލަށް އެއިރުން ފެށިގެން އެއްވެސް ފިޔަވަޅެއް ނޭޅި މިއޮތީ ކީއްވެތޯ ސުވާލު އުފެދެއެވެ. މިނޭދެވޭ ޢަމަލު މިވަރަށް ކުރިއަށް ދިޔުމުގައި ޒިންމާ ނަގަން ޖެހެނީ ކޮންބައެއްތޯ ވެސް ސުވާލު އުފެދެއެވެ. މިކަމުގައި ޒިންމާ ނަގަން ޖެހެނީ ހަމައެކަނި އެވިޔާނުދާ ޢަމަލު ހިންގާ މީހުން ހެއްޔެވެ؟ ނޫނެކެވެ! އެޢަމަލު ހިންގާ މީހުންގެ އިތުރުން، އެފަދަ ކަންކަން ވަމުން އަންނަކަން އެނގިހުރެ އެކަން ސިއްރުކުރާ މީހުންނާއި، އެކަންކަން ހާމަކުރުމުން ވެސް އެދެވިގެންވާ އަދަބެއް އެފަދަ މީހުންނަށް ނުދޭ މީހުންވެސް ޒިންމާނަގަން ޖެހެއެވެ.

އާއްމުގޮތެއްގައި، އާއިލާއެއްގެ ތެރޭގައި އެފަދަ ކަމެއް ހިނގައިފިނަމަ އެކަން ސިއްރު ކުރެވެނީ، އާއިލީ ގުޅުމަށް ނުވަތަ އެޢަމަލު ހިންގާ މީހާގެ އުމުރަށް ބަލާފައެވެ. "ދޮންބެ ޖަލަށް ލައިފިނަމަ މަންމަ ހިތުގަ ޖެހޭނެ!"، "ބައްޕަ އެއުމުރުގަ ޖަލަށް ލައިފިނަމަ، އެންމެ ފަހު ނޭވާވެސް ޖަލުގައިއޮވެ ލާފާނެ".. މިއީ ހުސް މިފަދަ ހާލަތްތަކުގައި ކުރިމަތިވާ ޙިޔާލުތަކެވެ. މިފަދަ ޙިޔާލުތަކުގެ ސަބަބުން އެޢަމަލުތައް ރިޕޯޓު ކުރުމަށް ފަސްޖެހެވެއެވެ. އަދި އައެއަށްފަހު މާބޮޑަށް ވަގުތު ފާއިތުވެއެވެ.

ރާއްޖޭގައި މިހާރު މިފަދަ ޢަމަލު ހިންގަމުން އަންނަ މީހުން އެދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. ނަމަވެސް، އެމީހުންނަށް ރައްޔިތުން ދޭން ބޭނުންވާ އަދަބުތައް ތަފާތެވެ. މީސްމީޑިއާ މެދުވެރިކޮށް ހިންގި ސާރވޭ އެއްގައި ގިނަ މީހުން ދިން ޖަވާބުތައް ވެސް ހިމަނާލާނަމެވެ. 

ތިބާގެ ޖިންސީ ފުރައްސާރަ ނުވަތަ ރޭޕް ކުރާ މީހުންނަށް ދޭން އެންމެ އެދެވިގެންވާ އަދަބަކީ ކޮބާ؟

· ލަމީ (29އ.)

"އަހަރެން ބުނާނީ، އެމީހުންގެ ***** ކުރާށޭ! ނުވަތަ އެމީހުންނަކީ ކުޑަކުދިންނާއި ބެހޭ ބައެއް ގޮތުގައި އާއްމުންނަށް ވެސް ފެންނަ ގޮތަށް، އެމީހުންގެ ހުރިހާ ވަނަވަރެއް ހާމަކުރާށޭ! އެފަދަ މީހުންނާއި ބެހޭގޮތުން އެންމެންނަށް ވެސް މައުލޫމާތުދީ، އެމީހުންނާއިމެދު ސަމާލުވާން ކަމާއިބެހޭ ފަރާތްތަކުން ވެސް އިލްތިމާސް ކުރާށޭ."

· އަޙްމަދު (22އ.)

"އޮށްގަލުން ތަޅާ މަރަންވީ" 

· އައިޝާ (39އ.)

"އާއްމު މައިދާނަކަށް ނެރެފަ ރައްޔިތުން ކުރިމަތީ އޮށްގަލުން ތަޅާ މަރަންވީ!"

· އޯބީ (29އ.)

"ކުދިއަނިޔާކޮށް މަރަންވީ.. އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޢަމަލު ކުރަންވީ!" 

· ލިމޫ (25އ.)

"އެފަދަ މީހުންނަކަށް އެއްވެސް ހަމްދަރުދީއެއް ނެތް. އޮތީ މެރުން!" 

· މުޙައްމަދު (35އ.)

"ގިނަ މީހުން ބުނާނީ އެމީހުން މަރަންކަން އިނގޭ. އެކަމަކު އަހަންނަށް ފެންނަ ގޮތުގަ އެއިރުން މުސްލިމުން ނޫން މީހުން ދެކޭނީ އިސްލާމުންނާއި ދޭތެރޭ ވަރަށް ގޯސްކޮށް. އެގެ ތެރެއިން ގިނަ މީހުން މިހާރުވެސް ދެކެނީ އިސްލާމް ދީނަކީ ވަރަށް ހަރުކަށި ދީނެއް ގޮތުގަ. އެހެންވެ އަހަންނަށް ފެންނަނީ އެނޫން ބޮޑު އަދަބެއް ދޭން. އެންމެންނާއި އެކަހެރިކޮށް އުމުރު ދުވަހު ޖަލަށްލުން ކަހަލަ!"

· ޝައު (21އ.)

"އިސްލާމީ އުއްމަތެއްގައ މިކަމަށް އޮންނާނީ ކޮން އަދަބެއްބާ؟ ރާއްޖެއަކީ 100% މުސްލިމު ޤައުމެއް، ދީނުގަ މިކަމުގަ އޮންނަން ޖެހޭ އަދަބު އެމީހުންނަށް ޙައްޤު" 

މިއީ ސުވާލު ކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ޙިޔާލެވެ. މިފަދައިން މިސުވާލަށް ޖަވާބުދޭން ބޭނުންވާނެ، އަދި މިޢަމަލުތައް ހުއްޓެން ބޭނުންވާނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. އެއެންމެންވެސް ކުރަމުންދާ އިންތިޒާރަކީ، ރޭޕް ކުރުމާއި ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަ އަޅުގަނޑުމެންގެ މިއިސްލާމީ ލޮބުވެތި ޤައުމުން އެއްކޮށް ފުހެވި، މިތަނަކީ އެންމެންނަށް ވެސް ދިރިއުޅެން އަމާންއޮމާން، ސުލްޙަވެރި ޤައުމަކަށް ވުމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ