އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުޟު 5 ނަމާދު އަދާ ނުކުރެވޭ, ހުރި އަނބިމީހާ ނުބެލެހެއްޓޭ ފިރިހެނުން 4 އަނބިން ހަމަކުރަން އުޅުމެއް ނެތް!

ފަރުޟު 5 ނަމާދު އަދާ ނުކުރެވޭ, ހުރި އަނބިމީހާ ނުބެލެހެއްޓޭ ފިރިހެނުން 4 އަނބިން ހަމަކުރަން އުޅުމެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ގިނަ އަނބިން ހޯދުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ފިރިހެނުން އުޅެނީ ގިނަ އަނބިން ހަމަނުކުރެވިގެންނެވެ. އަންހެނުން ޝަކުވާ ކުރަނީ އެމީހުންނާއި ފިރިން އަޅާނުލައިގެންނެވެ. ބައެއް ދަރުސްތަކުގައި މިކަންކަން ބޮޑު ޒުވާބަކަށް ވެގެންވެސް އެބަ ދެއެވެ. 

ހަމަ ޤައިމުވެސް އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދީ، އަނބިމީހާ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެންމެ އަންތބަކު ނުބެލެހެއްޓޭ މީހާ ގިނަ އަނބިން ބަލަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ 

ހަމަ އެއާއިއެކު ތިމާއަށް ނުބެލެހެއްޓޭ ޙާލު، އެއް ގޮތަކަށް އަނބިންނާއިމެދު ކަންކަން ނުކުރެވޭ ޙާލު އިތުރު އަނބިންނާއި ކައިވެނިކުރަން އޮތް ޙަދީޘްފުޅެއް ނިކަން ދައްކައިބަލާށެވެ! ވީމާ 4 އަނބިން ހަމަކުރުމަކީ ސުނަނަތެކޭ، ދެކޮޅު ހެދީމާ ފާފަވެރިވާނެއޭ ބުނެ ތިއަ ހަދަނީ ބޮޑެތި ދޮގުތައް ނޫން ހެއްޔެވެ؟

އިސްލާމް ދީނުގެ ތަރުތީބަށް ބެލި ނަމަވެސް ފުރަތަމަ އޮތީ ޤްރްއާނެވެ. ސުންނަތް އަންނާނީ ފަހަތުންނެވެ. އެންމެ ފުރަތަމަ އޮތީ ފަރުޟެވެ. ސުންނަތް އަންނާނީ ފަރުޟުގެ ފަހަތުންނެވެ. ރަވާތިބު ސުންނަތް ކޮށްފައި ފަރުޟު ނަމާދު ނުކުރީމާ ފަރުޟު އަދާކުރިކަމަށްވޭހހެއްޔެވެ؟ 

ވީމާ ފުރަތަމަ ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ! އެއަށްފަހު ތިބި އަނބިން ނުވަތަ އަނބިމީހާ ބެލެހެއްޓޭ މީހަކަށްވާށެވެ! އެއަށްފަހު އިތުރު އަނބިން ހަމަކުރަން ވިސްނާށެވެ! 

ސުންނަތަކަށްވެގެން ގިނަ އަނބިން ހޯދާ މީހާ ރަސޫލް (ޞޢވ)ގެ އަނބިއަނބިކަނބަލުންނާއިމެދު ރަސޫލް (ޞޢވ) އަމަލުފުޅު ކުރެއްވެވި ގޮތަށް އަމަލު ވެސް ކުރަން ޖެހޭނެއެވެ. ސުންނަތަކީ އެގޮތެވެ. ތިމާ ބޭނުންވާ ބައި ނަގާފައި އަނެއް ބައި ދޫކޮށްލުމެއް ނޫނެވެ! 

އެކަނިވެރި މައިން ގިނަވަމުންދާއިރު އިންސާނިއްޔަތަށްޓަކައިވެސް އަނބިން ގިނަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގިނަކުރާނަމަ އަނބިންނާއިމެދު ޢަމަލުކުރަން ދީނުގައި އޮތް ގޮތަށް ޢަމަލުކުރަންވާނެއެވެ! އެގޮތަށް އެކަން ނުކުރެވޭނެ ނަމަ އަނބިން ގިނަކޮށް އެކަނބަލުން ބިކަ ނުކުރާށެވެ! އެއްފަޅި ވައުވެފައިވާ ޙާލު މަޙްޝަރު ކުރެއްވޭ މީހަކަށް ނުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް