އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިން އަނިޔާއަށް ބޭބެއަށް މާފުވެސް ކުރިން، އެކަން ހިތުން ފިލައިގެން ނުދިޔަޔަސް ބޭބެއަށް ހިތްހެޔޮ ކުރަން!

ދިން އަނިޔާއަށް ބޭބެއަށް މާފުވެސް ކުރިން، އެކަން ހިތުން ފިލައިގެން ނުދިޔަޔަސް ބޭބެއަށް ހިތްހެޔޮ ކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

މިއީ މާލޭގައި ދިރިއުޅެމުންދާ އާއިލާއެއްގެ އަންހެނަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. އަމިއްލަ ބޭބެގެ ފަރާތުން ޖިންސީ ގޯނާއާއި ކުރިމަތިލާން ޖެހުނު އެމީހާ "މިއަދުނޫހަށް" އެވާހަކަތައް ހިއްސާ ކުރީ ނަންހާމަ ނުކުރުމަށް އެދިއެވެ.

"އެއިރު އަހަރެންގެ އުމުރުން ވާނީ 14 އަހަރު. އަހަރެމެން ދިރިއުޅުނީ މައްޗަންގޯޅީގަ. ބޭބެ ދިރިއުޅުނީ އޭނަގެ އަންހެނުންނާއި ތިން ކުދިންނާއެކު މާފަންނުގަ. ބޭބެ މެންގޭގަ އެއިރު ހުންނަނީ ޑިޝް އެންޓަނާ ބަހައްޓާފަ. އެހެންވެ ވަރަށް ގިނައިން ދަން އެކި ސީރީޒާ ފިލްމާއި ރެސްލިން ވެސް ބަލަން. އެއިރު ވަރަށް ބަލާހިތްވި އެއްޗެއް ރެސްލިންނަކީ.

އެއްދުވަހު ބޭބެ އަހަންނަށް ގުޅާފަ ބުނި ރެސްލިން ދައްކައޭ އެދުވަހު، އަންނާށޭ ބަލަން. އަހަރެން ބުނިން އެއީ އާއްމުކޮށް ރެސްލިން ދައްކާ ދުވަހެއް ނޫނެއް ނޫން ހެއްޔޭވެސް. ބޭބެ ބުނީ އެދުވަހު ދައްކަނީ ޚާއްސަ އިވެންޓެއް ކަމަށް، އެހެންވެ އަހަރެން ދިޔައިން އެގެއަށް ހަވީރު.

އެގެއަށް ދިޔައިރު ބޭބެގެ އަންހެނުންނެއް ވެސް ތިން ކުދިނެއް ވެސް ނެތް. ކޮބާތޯ އެހީމަ ބުނީ ބޮޑު ކުއްޖާ ބަލާ ސްކޫލަށޭ ދިޔައީ. އަހަރެން އެހިން ކުޑަ ދެ ކުދިން ވެސް ގޮވައިގެންހޭ. ބުނީމަ ބުނީ އާނ އެކޭ ދައްތަގެ ރަށްޓެހިންތަކަކާއެކީ އޭ ދިޔައީ. އެހެންވެ ދެން އެކަމާ އަހަރެން އެހާ އަޅައެއް ނުލަން. ބޭބެމެން ކޮޓަރީގަ އިނީ ޓީވީ ބަލަން.

އެހެން އިންދާ ކޮޓަރި ބޭބެ އެކޮޓަރީގެ ދޮރު ތަޅުލީ. އަހަންނަށް އެއިރު އިހުސާސް ކުރެވެން ފެށި ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އެބައުޅެޔޭ. ބޭބެ ކައިރީ ބުނިން ތަޅު ހުޅުވަން. އެކަމަކު ބުނީ ކުރަން ބޭނުން ކަންތައް ކޮށްފައޭ ދެން ހުޅުވޭނީ.

އަހަރެން ގައިގަ ބޭބެ ހިފެހެއްޓި. އަހަރެން އެއިރު ހުންނަނީ ވަރަށް ކުޑަކޮށް، އެހާމެ ހިކިކޮށް. ބޭބެ އަކީ ޖާނުން ވަރުގަދަ ބިޔަ މީހެއް. އަހަންނަށް ބޭބެ ކައިރީ އެހާގަދައެއް ނުދެއްކުނު. ހަޅާލަވައިގަތީމަ މޫނުމަތީގަ ޖެހި، ޖެހީމަ އަހަރެންގެ ބޮލަށް އެނބުރުން އެރި އެހެންވެ ހަޅޭކެއް ނުލެވުނު.

ބޭބެ އަހަންނަށް ބޮޑު ކަމެއް ނުކުރިކަމުގައި ވިޔަސް ޖިންސީ ފުރައްސާރައެއް ކުރި. އަހަރެން ބުނިން މަންމަ ގާތު ބުނާނަމޭ، ބުނީމަ ބުނީ ކެރެންޏާ ބުނާށޭ.

އަހަރެން އެގެއިން ނިކުތް އިރުވެސް ބޭބެގެ އަންހެނުންނެއް ނާދޭ. ގެއަށް ދިޔައިރު މަގުމަތިން ވެސް ދިޔައީ ރޮމުން، އެކަމަކު އެކަކުވެސް އަހާވެސް ނުލާ ކިހިނެއްވީތޯ ވެސް. މަދަދެއް ވާން ކައިރިވެސް ނުވޭ. އެންމެންވެސް ތިބެނީ ބަލަން.

ގެއަށް އައިސް މަންމަ ގާތު، 'ބޭބެ ވަރަށް ގޯހޭ' ބުނި ހިސާބުން މަންމަ އަހަރެންގެ ގައިގަ ޖެހި. ޖަހާފަ ބުނީ ވިޔާނުދާ ގޮތްގޮތަށް އުޅެފަ ބޭބެގެ ބޮލުގަ ބަދުނާމު އަޅުވަނީ ކަމަށް. އަހަރެން ހުރީ ވީނުވީއެއް ނޭނގިފަ. އިތުރަށް އެއްޗެކޭ ބުނެވޭ ވަރަށްވުރެ ބޮޑަށް ހައިރާންވެ ދެރަވި. ކޮޓަރިއަށް ދިޔުމުން ދައްތަ ކިޔާދިނީމަ އެނގުނީ މަންމައަށްވީ ގޮތް.

ދައްތަ ބުނީ އަހަރެން އައުމުގެ ކުރިން ބޭބެ ގުޅިކަމަށް. އަދި އަހަރެން އެގޭ ކައިރީ ގެސްޓް ހައުސް އަކަށް ފިރިހެން ކުއްޖަކާ އެކީ ވަނިއްޔޭ، ނިކުތްތަނުންނޭ ބޭބެއަށް ފެނުނީ. އެކަމާ ބޭބެ އެއްޗެއް ބުނިތަނުން އަހަރެން ބޭބެއާއި ދިމާލަށް އެއްޗިސް ކިޔޭ، ބޭބެ ބުނި ކަމަށް ދައްތަ ބުނި.

އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެން. އެހާ ކުޑައިރު އެވަރު ކަމަކަށް އަސްލު ރިއެކްޓް ކުރާނެ ގޮތެއް ނޭނގުނު. އެކަމަކު ހިތުގަ ވަރަށް ބޮޑަށް ނުރުހުން އުފެދުނު. އެހިސާބުން ބޭނުންވީ އެއްވެސް މީހަކަށް އެވާހަކަ ކިޔާ ނުދޭން. އެއީ އަހަރެންގެ މަންމަ އެވާހަކަ އަޑު ނާހާ ދޮގު ގަބޫލު ކުރީމަ. އެހެންވެ އެކަންތައް ފަސް އަޅާ ފޮރުވައިގެން ހުރީ.

މިހާރު އަހަރެންގެ އެބޭބެ މިދުނިޔެއަކު ނެތް. ކެންސަރު ބަލީގައި މިދުނިޔެއަށް އަލްވަދާއު ކިޔައިފި މީގެ ތިން އަހަރު ކުރިން. އޭގެ ކުރިން 2003 ގައި އަހަރެން ކައިވެނި ކުރަން ރަންކިޔަން އުޅެނިކޮށް ގެއަށް އައި. އަދި އަހަރެން ގާތު ބޭބެ އެހުރިހާ ކަމަކަށް މާފަށް އެދުނު. އަހަރެން ބޭބެއަށް މާފު ކުރިން.

އަސްލުގަ މިހާރުވެސް ބޭބެއަށް ހެޔޮ ދުޢާ ކުރަން. މިވާހަކަ ހަމައެކަނި މިހިއްސާ ކޮށްލަނީ މީގެން އިބުރަތެއް ބެލެނިވެރިންވެސް ނެގުމަށް. އަހަންނަށް ލިބުނު އަނިޔާތައް ހިތުން ފިލައިގެން ނުދިޔަޔަސް، ބޭބެއަށް ހިތްހެޔޮ ކުރަން! އަދި މަންމަ އަށް ވެސް ހިތްހެޔޮ ކުރަން!"

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ