އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އެސްއޯއާރުސީ އާއި ކުލަބް އައިއެސްޑީން ޖާގަހޯދައިފިއެވެ.
އެސްއޯއާރުސީ ފައިނަލުން ޖާގަހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އިކޯސޯ ކޮމްބައިންއާ ވާދަކޮށް 3-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި އެސްއޯއާރުސީން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ނިޝާދު އަލީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ ނިޝާދު އަލީއެވެ.
މިދިޔަ އަހަރުގެ ރަނަރަޕް އައިއެސްޑީން ފައިނަލުން ޖާގަހޯދީ ފޮރެންސިކް ފްރެންޑްސް އާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި އައިއެސްޑީއަށް ލަނޑުތައް ޖަހައިދިނީ ރާއިފް މުހައްމަދު އާއި ހަސަން ޝާނީޒް އަދި އަހްމަދު ޝާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދީ އަހްމަދު ޝާންއެވެ.ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެރޭ އެފްއޭއެމް ޓާފް ދަނޑުގައެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި އައިއެސްޑީ ރަނިން އާއި ޕޮލްކޯ ވާދަކުރާ މެޗު 20:30 ގައެވެ. ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު ފަށާނީ 21:30 ގައެވެ.
ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގައި 23 ޓީމަކުން ބައިވެރިވެފައިވެއެވެ. އަދި އަންހެން ޑިވިޜަންގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ.
Advertisement
5 މާޗް 2020