އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގެ ޙައްޤުގަ ޢަލި ރަސްގެފާނު ކުރެއްވި ޖިހާދު ކުރަން ދިވެހި މުސްލިމުން ފަސްޖެހިއްޖެ ނަމަ ރާއްޖެއަށް ޞަލީބީން ވެރިވާނެ!

އިސްލާމް ދީނުގެ ޙައްޤުގަ ޢަލި ރަސްގެފާނު ކުރެއްވި ޖިހާދު ކުރަން ދިވެހި މުސްލިމުން ފަސްޖެހިއްޖެ ނަމަ ރާއްޖެއަށް ޞަލީބީން ވެރިވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިއެވެ. ޝަހީދުވަސް އެބޭފުޅަކަށް ނިޞްބަތްވާ ޢަލިރަސްގެފާނު އެދުވަހު ކުރެއްވެވި ޖިހާދަކީ ޞަލީބީންނާއި ދެކޮޅަށް ކުރެއްވެވި ޖިހާދެއްކަމަށް ހޯމް މިނިސްޓަރު މިއަދު އެވަނީ އިޝާރާތުން ނަމަވެސް ހާމަކުރައްވައިފައެވެ.

ޕޯޗްގީޒުންނަށް ރާއްޖެ މުހިންމުވީ ރާއްޖޭގައި މާބޮޑު މުއްސަނދިކަމެއް އޮވެގެނެއް ނޫނެވެ. ހަމައެކަނި ބޭނުމަކަށް އޮތީ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމެވެ. އެކަން އެނގިގެންދަނީ އެމީހުން ރާއްޖެއަށްވެރިވެގަނެގެން ތިބި ދުވަސްވަރު ރާއްޖޭގެ ރައްޔިތުންގެ މުދާ ފޭރުމަށްވުރެ ދިވެހިން އިސްލާމް ދީނުން ބޭރުކުރަން ކުރި މަސައްކަތްތައް ގިނަވުމުންނެވެ. އެންމެ ފަހުން ދިވެހިންގެ ކަރަށް ގަދަކަމުން ނަމަވެސް ބަނގުރާ އަޅަން ނިންމި ނިންމުމެވެ.

އެކަމުގެ އަމުރު ނެރުނީ އަނދިރިއަނދިރިންގެ ކިއްލާއިންނެވެ. މީގެ ވަރަކަށް އަހަރުކުރިން ދިވެހިރާއްޖޭގެ ވެރިކަމުގެ ކިއްލާގެ ފަރުދާތައް ނެގި ދުވަހު ފެނިގެން ދިއައީ ވަކި އިތުރުކަމެއް ނޫނެވެ. ހަމަ އެކަން އެމޭރުމުން ކުރަމުން އައިސްފައިވާ ކަމެވެ. ތަފާތަކީ ޕޯޗްގީޒުން ތިބި ދުވަސްވަރު ބަނގުރާ ބޯނެ ބައަކު ރާއްޖޭގައި ނެތްކަމާއި ނަމަވެސް އެފަދަ ބައަކު ފަހުން ރާއްޖޭގައި އުފެއްދިފައި ތިބި ކަމެވެ. މިއީ އެއްވެސް މީހަކަށް ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކުހެން މިދަނީ އެކަމުގެ ހެކިތައް ފެންނަމުންނެވެ.

ޕޯޗުގީޒުންވެސް ކުރި މަސައްކަތަކީ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމުގެ މަސައްކަތެވެ. މިއަދު ރާއްޖޭގައި އެކަމަސް މަސައްކަތްކުރަމުންދަނީ ދޮން ފަރަންޖީން އެކަންޏެއް ނޫނެވެ. ސާފު ހުދު ލިބާހުގައި ސަރުކާރުގެ އިސްމަޤާމުތަކާއި ދައުލަތުގެ ބާރުތަކުގެ އިސްވެރިންގެ ގޮތުގައި ތިބި ދިވެހިންވެސް ކުރަމުން އެގެންދަނީ ހަމަ ޕޯޗްގީޒުން ކުރި މަސައްކަތްތަކެވެ.

އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ދޮން ފަރަންޖީންގެ ޖަމާޢަތްތަކުން ފައިސާގެ އެހީތެރިކަން ފައުޅުގައި ހޯދައިގެން ދިވެހިން އިސްލާމް ދީނުން ބޭރުކުރުވަން މަސައްކަތްކުރާ ބައަކު ތިބިކަން އެނގިތިބެމެ ޖަމިއްޔާ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާ ހިންގައި ފައިސާ ހޯދުމަށް ޤާނޫނު އަސާސީ މިއަދު މަގުފަހިކޮށްދީފައި އޮތް އޮތުމަކީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން އޮތް އެންމެ ބޮޑު ނުރައްކެލެވެ!

ފައުޅުގައި ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފަށް ވާހަކަތައް ދައްކަމުން ގެންދާއިރު ފިޔަވަޅެއް ނޭލެއެވެ. ޖުވާކުޅުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްދަކުރަން ފައުޅުގައި އެގެންދަނީ ވަކާލާތުކުރަމުންނެވެ. މަސްތުވާތަކެތި ހުއްޓުވަން ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުށްވެރިކޮށް ފުލުހުންނަށް އެގެންދަނީ ބިރުދައްކަމުންނެވެ. އިސްލާމް ދީން މަތިވެރިކޮށް ދިވެހިންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން ޒަމާނުންސުރެ ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތައް ހަމަ ޖިލީހުގައި އެގެންދަނީ ކުށްވެރިކުރަމުންނެވެ. މިސްކިތްތައް ޒީނަތްތެރިކުރުމާއި ރަމަޟާން މަހު އިމާމްވެ ވިތުރި އާއި ނަމާދުކުރާނެ ޙާފިޡުން ގެނައުމަކީ އިސްރާފެއް ކަމަށް ހަމަ އެމަޖިލީހުގައި އެގެންދަނީ ވަކާލާތުކުރަމުންނެވެ.

އިސްލާމް ދީނާއި ދެކޮޅަށް ރާއްޖޭގައި ފައުޅުގައި ޙަރަކާތްތެރިވާ މީހުންނާއިމެދު އަމަލުކުރަން ﷲ އަނގްވާފައިވާ ގޮތަށް ޢަމަލުކުރަން ދައުލަތް ވަނީ ނުކުލެދިފައެވެ. ވާގިނެތި ޕރެލައިޒްވެފައެވެ.

ވީމާ ފެންނަމުން މިދާ ކަންކަމުން އެނގެނީ ޢަލިރަސްގެފާނު ދީނާއި ޤައުމަސްޓަކައި އެދުވަހު ކުރެއްވެވި ހަނގުރާމަ މިއަދުވެސް ކުރަން ޖެހިފައިވާ ކަމެވެ. އެހަނގުރާމައިގައި ކޮންމެ ދިވެހި މުސްލިމަކުވެސް ބައިވެރިވެ ފަހުނޭވައާއި ހަމައަށް ޖިހާދުކުރަން ޖެހިފައިވާ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް