އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު
ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ރާއްޖެއަށްވެސް މިވަނީ ޞިއްޙީ، އިޖުތިމާޢީ، އަދި އިޤްޠިޞާދީ ގޮތުން ވަރަށް ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައި ކަމަށާއި މިޙާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ ވެސް އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހާއި ގުޅިގެން މިއަދު ދެއްވި ތަޤްރީރުގައި ޝއިޚް އިމްރާން ވިދާޅުވީ ޝަހީދު އަލިރަސްގެފާނު ދިވެހިންގެ ސަލާމަތަށްޓަކައި ކުރެއްވި އަގުހުރި ޖިހާދުގެ ޛިކުރާ މިއަދު އަޅުގަނޑުމެން އާކުރަމުންދާ ހިނދު، އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޢާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށްލައިގެން ނިކުމެ ޤައުމީ ޚިދުމަތުގައި ތިބި އެތައް ދިވެހި ދަރީންނެއް މި ޤައުމުގެ އެކިކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރަން ޖެހޭކަމަށެވެ.
" ނޮވެލް ކޮރޯނާގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްޙަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ހިނދު، މިދެންނެވި ޤައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުންއަންނަ ޤުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއް. " ކަމަސްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ޝައިޚް އިމްރާންގެ ޚިޠާބުން:
މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ދިވެހިރާއްޖެއިން ވެސް އުދަނގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރު ކުޑަކުރުމަށްޓަކައި އަޅާފިޔަވަޅުތަކާ ގުޅިގެން އިޤްތިސާދު ހީނަރުވެ އާންމު ދިރިއުޅުން މަޑުޖެހެމުންދާ މިވަގުތަކީ އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް އެމީހެއްގެ ޤައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ ފުރިހަމަކުރަންވީ ވަގުތު.
ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެނާ ކުރިމަތި ވެފައިމިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަން، ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަން. އަދި ބައިބައިވުމާއި ފިތުނަފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން. ލޮބުވެތި ރައްޔިތުން!
އަޅުގަނޑުގެ އިލްތިމާސަކީ، އާންމު ސިއްހަތަށް ނުރައްކާވެ، އިޤްތިސާދީގޮތުން މިރާއްޖެއަށް ތަހައްމަލުކުރަން ދަތި ޙާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުން. މި ދަނޑިވަޅަކީ ހަމަ އެންމެ މީހަކު ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ޤައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާފަދަ ވަގުތެއް.
އަޅުގަނޑުގެ ދުޢާއަކީ މުޅި އިންސާނިއްޔަތަށް މެދުވެރިވަފައިމިވާ ނުރައްކަލުން އަޅުގަނޑުމެން އެންމެން މިންޖުކުރެއްވުން، މި ހުޠޫރަތްތެރި ވަގުތުގައި އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކިވަރުގެ ޤުރުބާނީ ވަމުންދާ އެންމެހާ ފަރާތްތަކަށް އެކަމުގެ ފުރިހަމަ ސަވާބާއި ހެޔޮދަރުމަ ދެއްވުން. އަދި ޝަހީދު އަލިރަސްގެފާނާއި އެ ރަސްގެފާނު ފަދައިން އަޅުގަނޑުމެންގެ ޙައްގުގައި ޝަހީދުވެވަޑައިގެންނެވި އެންމެހާ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން.
Advertisement
25 މާޗް 2020