އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު
ކަރަންޓީނު މުއްދަތު ހަމަވެފައިވާ ސަފާރީތަކުން އެމީހުން ފޭބުމާއިމެދު ގޮތެއް ނިންމައިދީ ފޭބުމުގެ ހުއްދައަށް އެދި އެޗްޕީއޭއަށް ފޮނުވާ އީމޭލްތަކަށް ޖަވާބުލިބުން ލަސްވަމުންދާތީ ޑިންގީ ތަކުގައި ފަޅުތެރޭގައި ޞުލްޙަވެރި މުޒާހަރާކޮށްފިއެވެ.
ބޯޑުތައް ހިފައިގެން ޑިންގީތަކުގައި ތިބެ ޞުލްހަވެރިކަމާއިއެކު މުޒާހަރާކުރަން ފެށީ މިއަދު ހަވީރުއެވެ. ސަފާރީތަކުން ބުނީ އެކަން ކުރަން ޖެހުނީ އެމީހުންގެ އީމޭލްތަކަށް އެއްވެސް ޖަވާބެއް ނުލިބި ގިނަ ދުވަސްވާތީ ކަމަށެވެ. "އަބަދުވެސް ނެރެނީ ސާކިޔުލާ! ސާކިޔުލާގެ ދަށުން ފޮނުވާ އީމޭލަށް ޖަވާބެއް ނުދޭ!"
މިއަދު ހެނދުނު މިއަދުނޫހަށް މައުލޫމާތު ދިން ސަފާރީއަކުން ރޭ ބުނެފައިވަނީ އެ ސަފާރީން ގެސްޓުން ހުސްވިތާ މިހާރު ދޮޅު މަސް ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް ފޭބުމުގެ ހުއްދަ ނުލިބޭ ކަމަށެވެ. މިއަދު މައުލޫމާތު ދިން މީހަކު ބުނީ 14 ދުވަސް ވުމުން ފޭބުމުގެ ހުއްދައަށް އެދުނުތާ 4 ދުވަސް ވެއްޖެ ކަމަށާއި ފޭބުމުގެ ހުއްދައަށް އެދި އެޗްޕީއޭއަށް އީމޭއިލް ކުރުމުން އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
"އެހެންވެ ސަފާރީތަކުން މި ނިންމީ ޑިންގީތަކުގައި ސޯޝަލް ޑިސްޓެންސް ބާއްވައިގެން ޞުލްޙަވެރި މުޒާހަރާއެއް ކުރަން. އަޅުގަނޑުމެން އަޑުގަދައެއްވެސް ނުކުރާނަން! އަޅުގަނޑުމެންގެ ޝުޢޫރުތައް ބޯޑުތަކުގަ ހާމަކުރާނީ! އަޅުގަނޑުމެންގެ ތެރޭގައި ޢާއިލާ އާ ބައްދަލު ނުވާތާ 3، 4 މަސްވީ މީހުން އެބަ ތިބި. އަޅުގަނޑުމެން މިއެދެނީ ސާމްޕަލް ޓެސްޓް ކޮށްފަ ނަމަވެސް އަޅުގަނޑުމެންނަށް ޖަވާބެއް ދެއްވަން."
"އިއްޔެވެސް ވަރަށް ގުޅިން އެކަމަކު އެއްވެސް ޖަވާބެއް ނުލިބޭ! ޖަވާބު ނުދެނީސް ފޭބުމަކީ ކުށެއް. އެހެންވެ ބިތިބީ ބަންދުވެފަ. ސަފާރީތައް ހުއްޓުމުން ވަރަށް ގޮތްގޮތްވެސް އެބަ މެދުވެރިވޭ. ވީމާ ބަންދުގައި ގޮތެއް ނުނިމި މިހެން ތިބުމަކީ ވަރަށް އުނދަގޫ ކަމެއް!" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
Advertisement
31 މާޗް 2020