އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ އައްޔޫބްގެފާނުގެ ސިޔަރަތުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅު ލިބިގަންނަންވީ ވަގުތު!: ޑރ.ޝަހީމް

މިއީ އައްޔޫބްގެފާނުގެ ސިޔަރަތުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅު ލިބިގަންނަންވީ ވަގުތު!: ޑރ.ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

މުޅި ދުނިޔެއަށް ހިތާމަތަކާއި ހިތްދަތިކަމާއި މާލީ ދަތިތައް އިންތިހާއަށް ބޮޑުވެފައިވާ މިވަގުތަކީ އައްޔޫބްގެފާނުގެ ސިޔަރަތުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅު ލިބިގަންނަންވީ ވަގުތެވެ! ކެތްތެރިކަން ދަސްކޮށް ކެތްތެރިކަން އިސްކުރަންޖެހޭ ވަގުތެވެ! 

އައްޔޫބްގެފާނަކީ މުދަލާއި އަނބިދަރިން ގިނަ ނަބީބޭކަލެކެވެ. ހުރިހާ ތަނަވަސްކަމެއް ގެއްލިވަޑައިގަތެވެ. ހުރިހާ ބޭފުޅުން އަވަހާރަވިއެވެ. އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އަނބިކަނބަލަކު ފިޔަވައި ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރައްވައި ވަޑައިގަތެވެ. 

އާލާސްކަންފުޅަކީ ގޮތް ނުއެނގޭ ވަރަށް ބޮޑު އާލާސްކަންފުޅެވެ. ބިރުވެރިކަން ހުރި އާލާސްކަންފުޅެކެވެ. ހަށިކޮޅުގެ މަސްތައް ކަށިތަކާއި ވަކިވެ ފައިބަމުންދިއަ އާލާސްކަންފުޅެކެވެ. އެހެން މީހަކަށް އެ ބަލި ޖެހިދާނެ ކަމުގެ ބިރަށް އެކަލޭގެފާނު ރަށުން ބޭރުކޮށްލެވުނެވެ. 

އެދަތި ޙާލުކޮޅުގައި އެބޮޑުބަލީގައި 13، 18 އަހަރު ހޭދަކުރެއްވެވިއެވެ. އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. ކެތްތެރިވެވަޑައިގަތެވެ. އެންމެފަހުން ﷲ ތަޢާލާއަށް ދުޢާ ކުރެއްވެވީ ހަށިކޮޅުގެ ބާރު ދެރަވެ ﷲ ތަޢާލާއަށް އަޅުކަން ނުކުރެއްވެވޭ ޙާލަތަށް ދިއުމުންނެވެ. ދުޢާ ކުރެއްވެވިއިރުވެސް އެއްވެސް ކަމަކަށް އެދިވަޑައިގެން ނުދަންނަވައެވެ. ދަތިހާލުކޮޅެއް ކުރިމަތިވެވަޑައިގެންފި ކަމަށެވެ! 

އައްޔޫބްގެފާނުގެ ކެތްތެރިކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއއާނުގައި ތަޢްރީފްގެ ބަސްފުޅު ވަޙީ ކުރައްވަވައިފައެވެ. "އެކަލާނގެ އަޅުތަކުންގެ ތެރެއިން ހާދަ ރަނގަޅު އަޅެއް" ކަމަށް ވަނީ ވަހީ ކުރައްވަވައިފައެވެ. ލިބިވަޑައިގަތީ ކޮންފަދަ މަތިވެރި ދަރަޖައެއްތޯއެވެ! 

"އަދި އައްޔޫބްގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާއަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވާ، އެންމެ ރަހްމަތްވަންތަ ރަސްކަލާނގެއެވެ." (އަލް އަންބިޔާ: 83) 

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ޙާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ". (އަލް އަންބިޔާ: 84) 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް