އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އެރިގޮތަށް އަރައި މިސްކިތްތައް ބަންދުކުރުވުމުން ބައެއް މީހުންނަށް ބޮޑެތި ފައިދާތަކެއް ކޮށްފި! ފުރުޞަތުގެ ބޭނުން ހިފާ!

ކޮރޯނާ އެރިގޮތަށް އަރައި މިސްކިތްތައް ބަންދުކުރުވުމުން ބައެއް މީހުންނަށް ބޮޑެތި ފައިދާތަކެއް ކޮށްފި! ފުރުޞަތުގެ ބޭނުން ހިފާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

ކޮރޯނާ ވައިރަސް އެވެ މިކިޔާ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަސް އެރި ގޮތަށް އަރައި މިސްކިތްތައް ބަންދު ކުރުވައިފިއެވެ. އެކަމުން ބައަކު މީހުންނަށް ވަރަށް ގިނަ، ބޮޑެތި ފައިދާތަކެއްވެސް ކޮށްފިއެވެ. 

މިހެން ބުނުމުން އެކަން ޤަބޫލުކުރަން އުނދަގޫ މީހުން ތިބެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިސްކިތަށް އަރައި އުޅުނު އެތައް ބައެއްގެ ކިބައިގައި ރަނގަޅު ފެންވަރުގައި ނަމާދެއް ކޮށްލުމުގެ ޤާބިލުކަން ނެތްކަން އިޙްޞާޞް މިކުރެވުނީ އެކަނި ގޭގައި ނަމާދުކުރަންޖެހުމުންނެވެ. މިސްކިތަށް އަރައި އުޅުނު އެތައް ބައަކަށް ޢާއިލާއިން ވަނީ އަލުން ނަމާދުކުރަން ދަސްކޮށްދޭން ޖެހިފައެވެ. 

އެއީ ބަންގި ގޮވުމުން މިސްކިތަށް އަރައި އިމާމް ފަހަތުގައި ނަމާދުކޮށްލައިގެން ފައިބައިގެންދާ މީހުން، ނަމާދަށް ސަމާލުކަން ނުދީ ކުރަމުން ގެންދިއުމުންނެވެ. ކިޔޭ ނުކިޔޭ އެއްޗަކަށްވެސް  ނުވިސްނައި ނަމާދުކުރަމުން ގެންދިއުމުންނެވެ. ރޮބޮޓް ފަދައިން "ފޮލޯ"ކޮށްގެން ގުރާ ފަދައިން ފަހަތުން ކިޔަމުން ނަމާދުކުރަމުން އައިސްފައިވާތީއެވެ. 

ކޮންމެ އަކަސް ކޮރޯނާ މިވަނީ ޙާލަތު މުޅިން ބަދަލުކޮށްލައިފައެވެ. އެންމެންނަށްވެސް މިހާރު ނަމާދުކުރަން ޖެހިފައިމިވަނީ ގޭގައެވެ. ވީމާ ނަމާދުގައި ތިމާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން މިވަނީ ފުރުޞަތު ލިބިފައެވެ. މިފުރުޞަތުގައި ޢާއިލާގެ އެންމެން ވެސް އެކަކު އަނެކަކަށް އެހީތެރިވެދޭށެވެ! ނަމާދުކުރުމުގައި ކުރެވޭ ކުށްތައް އިޞްލާޙް ކުރުމަށެވެ. ތަޖުވީދުމަގުން ޤުރްއާން ކިޔެވުން ފަދަ ކޮންމެ ކަމެއްގައެވެ. 

ކޮންމެ މީހަކު ދިން ނަމަވެސް ހެޔޮ ނަޞޭޙަތެއް ވާނީ ހެޔޮ ނަޞޭހަތަކަށެވެ. ނަމާދުގައި ކުރެވޭ ކުށްތައް އިޞްލާޙްކުރަން، ތަޖުވީދުމަގުން ކިޔަވަން މީހަކު ބުނެދީފި ނަމަ ބުނެދިން މީހާއަށް ނުބަލައި ދިން ނަޞޭޙަތުގައި ހިފާށެވެ! އެއީ ތިމާއަށްވުރެ އުމުރުން ހަގު މީހެއް ކަމުގައިވީނަމަވެސް ލަދު ނުގަނެ އެ ނަޞޭޙަތް ބަލައިގަންނާށެވެ. އެކަމުގެ ފައިދާ ލިބިގެންދާނެއެވެ! އިން ޝާ ﷲ 

މިސްކިތުގައި މީހުން ފާހަގަކޮށް ނުބުނަނީ ބުނަން ބޭނުން ނުވާތީއެއް ނޫނެވެ. ނަޞޭޙަތުގެ ގޮތުން ނަމަވެސް ބުނުމުން ބައެއް މީހުން ރުޅި އަންނާތީއެވެ. ގޭގައި ކޮންމެ މީހަކުވެސް އެފަދަ ކަންކަން ފާހަގަކޮށް އެބުނަނީ ރުޅި އައި ނަމަވެސް އެއީ މައްސަލައެއް ކަމަށް ދެކެން ބޭނުން ނުވާތީއެވެ. ކުށް އިޞްލާޙް ކުރުމުން ޤިޔާމަތް ދުވަހު ތިބާއަށް ކުރާނެ ފައިދާ ހޯދައިދިނުމނުގެ ޝައުޤުވެރިކަން އޮތް މިންވަރު ބޮޑުކަމުންނެވެ. 

އެންމެންވެސް ކެތްތެރިވާން ޖެހޭ މިހާލަތުގައި އެއްވެސް މީހަކު މާބޮޑަށް ކަންބޮޑުނުވާށެވެ! އަދި މާގިނަ ކަންކަން އެނގޭ ކަމަށްވެސް ނުދެކޭށެވެ! ޙަޤީޤަތަކީ ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމާއި އަދި ކުރިމަތިވެގެން މިއުޅޭ ޙާލަތާއިމެދު އެއްވެސް މީހަކަށް މާގިނަ ކަންތައްތަކެއް ނުއެނގޭ ކަމެވެ. 

އަދި އެއްވެސް މީހަކަށް މިޙާލަތުގައި ކުރެވޭނެ ވެސް މާގިނަ ކަމެއް ނެތް ކަމެވެ. ބުނަން އެންމެ ރަނގަޅު އިބާރާތަކީ އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނުން ކަމުގައި ފާހަގަކުރެވެއެވެ. 

މިހާލަތުގައި އެންމެންވެސް ކެތެރިކަން އިސްކުރާށެވެ! ކެތްތެރިކަމުގެ ވާހަކަ އަބަދު ދެއްކޭތީ ބައެއް މީހުން ފޫހިވެސް ވެދާނެއެވެ. ނަމަވެސް މިވަގުތު އެންމެ ގިނައިން ދައްކަން ޖެހިފައި މިވަނީ ކެތްތެރިކަމުގެ ވާހަކައެވެ. ކެތްތެރިވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވެ ވީހައި ވީހައި ގިނަ އިން އަޅުކަންކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް