އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު
އާއްމުކޮށް ކޮންމެ ރޯދަމަހެެއްގައި ވެސް މަޙަލްދީބް ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ "ގިފްޓް އަ ސްމައިލް" ޕްރޮޖެކްޓްގެ ދަށުން، މިއަހަރުވެސް ގޭގެއަށް ފުޑްޕެކްތައް ބަހަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން މަހަލްދީބްގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެގެން ހުރި އަޙްމަދު ޝިޔާޒް ވިދާޅުވީ މިއީ އެފައުންޑޭޝަންގެ ފަރާތުން މިޕްރޮޖެކްޓް ހިންގާ ފަސް ވަނަ އަހަރު ކަމަށާއި މިފަހަރުގެ ފުޑްޕެކްތައް ޚާއްސަ ކޮށްފައިވަނީ މިހާރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅުވާފަ ކަމަށެވެ.
"އެހެން އަަހަރުތަކާއި ޚިލާފަށް މިއަހަރު އަޅުގަނޑުމެންގެ އައިޓަމްތަކަށް ވެސް މިވަނީ ބަދަލެއް އައިސްފަ. އެހެން އަހަރުތަކުގައި އަޅުގަނޑުމެން ހިމަނާފަ ވާނެ ރޯދަމަހާއި ގުޅުވާފަ، ފަނިގިރަން ބޭނުން ކުރެވޭނެ ތަކެތިވެސް. މިފަހަރު އެކަމަކު މިއަހަރުގެ ޕެކްތައް ގުޅުވާފަ ހުންނާނީ މިހާލަތާއި ގުޅުވާފަ" ޝިޔާޒް ވިދާޅުވިއެވެ.
"ގިފްޓް އަ ސްމައިލް" ފުޑްޕެކެއްގައި މިފަހަރު ހިމެނެނީ 48 ދަޅު މަހާއި (ސަންފްލާވަރ އޮއިލްގެ)، 2 ލޮނު ޕެކެޓާއި، 1 ލީޓަރުގެ ހަތަރު ސަންފްލާވަރ އޮއިލް ތެޔޮފުޅިއާއި، 800ގ. ގެ ކޯސްޓް ފުލްކްރީމް ކިރު ދެ ޕެކެޓާއި، 15 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ.
"އާއިލާއެއްގައި 10 އަކަށްވުރެ މަދުން މީހުން ތިބި ކަމަށްވަންޏާ އަޅުގަނޑުމެން ދެނީ އެއް ޕެކް. ނަމަވެސް 10 އަކަށްވުރެ ގިނަ މީހުން ތިބި އާއިލާއެއްނަމަ، ނޫނީ އެއް ގެއެއްގަ ދެ އާއިލާއެއް ރެޖިސްޓަރ ވެފަ ހުރިނަމަ އަޅުގަނޑުމެން ދެނަ ދެ ޕެކް. އޭރުން އެއީ 30 ކިލޯ ހަނޑުލާއި 20 ކިލޯ ފުށާއި ހަކުރު. އަދި އެހެން އައިޓަމްތައް ވެސަ ޑަބަލް ވެގެންދާނެ" ޝިޔާޒް ވިދާޅުވިއެވެ.
އެކަނިވެރިންމައިންނަށާއި، ޔަތީމުންނަށް އަދި މާލީ ދަތިކަން ފޯރާފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަޙަލްދީބް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ މިޕްރޮޖެކްޓަށް އެހެން އަހަރުތަޖުގައި ސްޕޮންސަރުން ލިބުން ކަމުގައިވިޔަސް، މިފަހަރު ފަންޑިންގ ހޯދާފައިވަނީ އެކި އިވެންޓުތައް މަހަލްދީބްގެ ފަރާތުން ބާއްވައިގެން އަމިއްލައަށް އެއްކުރެވުނު ފައިސާއިންނެވެ.
މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމުގައި އެހީތެރިވެދިން ފަރާތްތަކަށް ބަލާއިރު، އެހެން އަހަރުތަކަށްވުރެ މިއަހަރު މިކަމުގައި ބައިވެރިވި ވޮލަންޓިއަރުންވެސް މަދެވެ.
"މިފަހަރު އަޅުގަނޑުމެންނަށް މިމަސައްކަތަށް ބޭނުންވާ މިންވަރަށް ވޮލަންޓިއަރުން ވެސް ނުއެއް ނެރެވޭ މިހާލަތާއި ގުޅިގެން. ނަމަވެސް މިނިކުތް ވޮލަންޓިއަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަނީ، ރޯދަ ހިފައިގެން ތިބެ ހެނދުނުން ފެށިގެން، ފަހުން ރޯދަ ވީއްލައިގެން ވެސް މަސައްކަތް ކުރިއަށް ގެންގޮސް އެއްކޮށް ނިންމާލެވެނީ ރޭގަނޑު 11 ނުވަތަ 12 ޖަހާއިރު. އެބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުން. އޭގެއިތުރުން ޖެންޑާ މިނިސްޓްރީ އަށާއި ސްކައުޓް އެސޯސިއޭޝަން އާއި އަމިއްލަ ބައެއް ވިޔަފާރިތަކުން ވެސް އެހީތެރިވެދީ ތަން ވެސް އެބަ ހަމަޖައްސަދެއްވާ. އެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން" އެހީތެރިވެދިން ފަރާތްތަށް ފާހަގަ ކުރައްވަމުން ޝިޔާޒް ވިދާޅުވިއެވެ.
"ގިފްޓް އަ ސްމައިލް" ފުޑް ޕެކް ޞަދަޤާތްކުރި އާއިލާތަށް މިއަހަރު 165 އަށް ވުރެ ގިނަވާނެ ކަމަށާއި އައްޑޫ އާއި ފުވައްމުލަކާއި، ހުޅުމާލެ އަށާއި ވިލިމާލެ އަށް ފުޑްޕެކްތަށް ބަހާ ނިމިއްޖެ ކަމަށާއި މިހާރު ހަމައެކަނި ހުރީ މާލޭގެ ގެތަކަކަށް ބެހުން އެކަނި ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.
Advertisement
23 މެއި 2020