އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
މިއަދުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ތަރުޖަމާނުކަމަށް ޗީޕް އިންސެޕެކްޓަރ އޮފް ޕޮލިސް ޔޫނުސް ސަބާހް ހަމަޖައްސައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި ބަދަލާއިއެކު ފުލުހުންގެ މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމަށެވެ.
މިބަދަލު ގެނައުމާއި ހަމައަށް ފުލުހުންގެ ތަރުޖާނުގެ މަޤާމުގައި ހުންނެވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެވެ.
އިޒްމިއާ ޒާހިރުގެ ޚިދުމަތްތައް ފާހަގަކޮށް ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އެ އިދާރާގެ ތަރުޖަމާނެއްގެ ގޮތުގައި އިޒްމިއާ ޒާހިރު ހުންނަވައިގެން ކޮށްދެވި މަސައްކަތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިޒްމީއާ ޒާހިރު ނޫސްވެރިންނާއި ބެހެއްޓި ގާތްކަމާއި ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިއީ އާއްމު އުސޫލުން ގެނައި އިދާރީ ބަދަލެއްކަމަށެވެ. އަދި މިނޫން ބައެއް ބަދަލުތައްވެސް ގެނެސްފައިވާ ކަމަށެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަދުވަހު ފުލުހުންގެ ތަރުޖަމާނަކަށް ހަމަޖެއްސި އިޒްމިއާ ޒާހިރު އަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމުގައި މިހައިތަނަށް ޚިދުމަތްކުރެއްވި ހަމައެކަނި އަންހެން ފުލުހެވެ.
އިޒްމިއާ ޒާހިރު ފުލުހުންގެ ތަރުޖަމާނުގައި ހުންނަވައިގެން މިއަދުނޫހާއި ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލުން ފާހަގަކޮށް އިޒްމިއާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އިތުރު ކުރިއެރުމަށްވެސް އެދެމުއެވެ.
Advertisement
2 ޖޫން 2020