އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯވިޑް އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ކޯވިޑް އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 2 މެންބަރުންނާއި، އެ ސިޓީގެ ކައުންސިލް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުންފިލުއްވާފައެވެ. އަދި އެ ސިޓީގައި ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ އަޕްޑޭޓްތަކާއި، ޚާއްޞަކޮށް ހޮސްޕިޓަލުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ކުޅުދުއްފުށީ ސިޓީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެސިޓީގެ އެކިދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިންވަނީ އެބޭފުޅުންނަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބައެއް މުހިންމު މަޝްރޫޢުތައް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި، ޖާގައިގެ ދަތިކަން ފާޅުކުރައްވާފައެވެ. އަދި އެން.އައި.ސީ.ޔޫގައި ބޭނުންވާވަރަށް ވަޞީލަތްތައް ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ފާޅުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ޙައްލުކުރުމަށް މިނިސްޓަރ އޮފް ފައިނޭންސް މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެންވަރުރަނގަޅުކޮށް އަދި ޚަރަދުކުޑަކޮށް ކަންކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދައި އެގޮތްގޮތަށް މަސައްކަތްކުރެއްވުމަށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ޙިއްޞާކުރައްވަމުން ގެންދެވުމަށް އެމަނިކުފާނު މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު