އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވުމުން ތިބާއަށް މަރުޙަބާކިޔާނީ ކޮންބައެއް؟ އެންމެ ލޯބިވާ މީހުންނާއެކުވާން ބޭނުންތަ؟

މަރުވުމުން ތިބާއަށް މަރުޙަބާކިޔާނީ ކޮންބައެއް؟ އެންމެ ލޯބިވާ މީހުންނާއެކުވާން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ޢައިޝަތުގެފާނު ވިދާޅުވެފައިވަނީ ރަސޫލް (ޞޢވ) އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި މިއާޔަތް ގިނަގިނައިން ވިދާޅުވިކަމަށެވެ! 

"ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބައެކެވެ." (އައްނިސާ: 69)

އެކަމުން އެނގިގެންދަނީ ރަސޫލް (ޞޢވ) ދުނިޔެ ދޫކުރައްވަވައި ސުވަރުގެވަޑައިގަތުމުން ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނާއި އަދި ޞާލިޙް އަޅުންނާއި ބައްދަލުވެވަޑައިގަންނަާނެތީ އުފާފުޅު ކުރެއްވެވި ކަމެވެ. ހަމަ އެއާއިއެކު ދުނިޔޭގައި ދާއިމަށް ހުންނެވުމުގެ ފުރުޞަތު ވެސް ރަސޫލް (ޞޢވ)އަށް ﷲ ތަޢާލާ ދެއްވެވިއެވެ. ނަމަވެސް އިޚްތިޔާރުކުރެއްވެވީ ދުނިޔެ ދޫކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަތުމަށެވެ. 

އަބޫބަކުރުގެފާނު އަވަހާރަވީ ހޯމަ ދުވަހެއްގައެވެ. ވިދާޅުވީ ފަސްދާނުލުން އަނެއް ދުވަހަށް ފަސްނުކޮށް ފަސްދާނުލުމަށެވެ! އެއީ ރަސޫލް (ޞޢވ) އާއި އަވަހަށް ބައްދަލުވެވަޑައިގަތުމަށެވެ! އެހެން މާތް ބޭކަލުންނާއިވެސް ބައްދަލުވެވަޑައިގަތުމަށް ޝައުޤުވެރިކަން އޮތް މިންވަރު ބޮޑުކަމުންނެވެ. އަދި ހުރިހާ ޞަޙާބީން ވެސް އެކަމަށް އެދިވަޑައިގެންނެވިއެވެ. 

ބިލާލުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވި އެންމެ ފަހު ދުވަހު އެއީ އެންމެ ހިތާމަވެރި ދުވަސްކަމުގައި އަނބިކަނބަލުން ވިދާޅުވުމުން ދެއްވެވި ޖަވާބު ހަނދުމަކުރާށެވެ! "މިއަދަކީ އެންމެ އުފާވެރި ދުވަހެވެ. މާދަމާ ތިމަންކަލޭގެފާނުވާނީ ތިމަން އެންމެ ލޯބިފުޅުވާ ރަސޫލް (ޞޢވ) އާއި އެހެންވެސް ޞަހާބީންނާއި އެކުގައި ކަމަށެވެ!"

ޢުޘްމާންގެފާނު އަވަހާރަވި ދުވަހު، އެދުވަހުގެ ރޯދަ ވީއްލަވާނީ ރަސޫލް (ޞޢވ) އާއި އަބޫބަކުރުގެފާނާއި އެފަދަ ބޭކަލުންނާއިއެކުގައިކަމަށް ރަސޫލް (ޞޢވ) ވިދާޅުވަނިކޮށް ހުވަފެންފުޅުން ފެނިވަޑައިގެންނެވިއެވެ.   

ހެޔޮލަފާއަޅުން މަރުވެ ވަޅުލެވުމުން އެމީހުންގެ ޢާއިލާގައި ހިމެނޭ ޞާލިޙުންނާއި އެހެންވެސް ޞާލިޙުން އެމީހަކާއި ބައްދަލުކުރާނެތެވެ. އަދި ބަރުޒަޚުގެ ޢާލަމަށް މަރުޙަބާކިޔާނެތެވެ! ވީމާ އަހަރެމެން އަހަރެމެންގެ އެންމެ ލޯބިވާ  މީހުންނާއި ބައްދަލުވެ އެކުގައި އުޅެން ބޭނުންނަމަ އޮތީ ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރުމެވެ. 

އެކުގައި އުޅެންވެސް ޞާލިޙް މީހުން އިޚްތިޔާރުކުރާށެވެ! ނޫންނަމަ އެމީހަކު ވާނީ ހަމައެކަނި ދުނިޔެމަތީގެ އެކުވެރިއަކަށެވެ. ހަމަ އެއާއިއެކު ތިބާގެ ޞާލިޙްކަން ގެއްލި ތިބާ އެންމެ ލޯބިވާ ޞާލިޙުންނާއި ބައްދަލުކުރުމުގެ ފުރުޞަތުވެސް ގެއްލިދާނެއެވެ.  

- ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް