އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! ‍ 2

މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! ‍ 2


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 23 މިނެޓް, 19 ސިކުންތު

ޙުސައިން ރަޝީދު އަޙްމަދު

(ކުރީގެ ބަޔާ ގުޅޭ)

ދެންފަހެ އަށްވަނަ ދުވަސް އައުމުން އެންމެން މިނާއަށް ދާން ނިކުމެއްޖެއެވެ. އިޙްރާމް ކެނޑި އެންމެން އަލުން ޙައްޖަށް ނިޔަތް ގެންފިއެވެ. رَسُولُ اللَّهِ ވެސް ސަވާރީއަށް އަރައިވަޑައިގެން މިނާއަށް ވަޑައިގަތީއެވެ. އެކަލޭގެފާނު އެދުވަހުގެ މެންދުރު ނަމާދާއި ޢަޞުރު ނަމާދާއި މަޣުރިބު ނަމާދާއި ޢިޝާ ނަމާދާއި ފަތިސް ނަމާދު ކުރެއްވީ މިނާގައެވެ. ދެން އަނެއް ދުވަހުގެ އިރުއަރައި އަލިވެ، އިރުގަނޑެއް ވަންދެން މިނާގައި މަޑު ކުރެއްވުމަށް ފަހު رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރަށް ފަށްޓަވައިފިއެވެ. އޭރުއެކަލޭގެފާނުވަނީ، އެކަލޭގެފާނަށްޓަކައި ޚާއްޞަ ލާގެކޮޅެއް ނަމިރާގައި ޖައްސަވަން، އަޞްޙާބު ބޭކަލުންތަކެއް ފޮނުއްވާފައެވެ.  

ޤުރައިޝު ވަންހައިގެ މީހުން ހީކޮށްގެންތިބީ އެމީހުން ކަންތައްކޮށްއުޅޭ ފަދައިން رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ވެސް ޢަރަފާތަށް ވަޑައިގަންނަވާނީ މުޒްދަލިފާގެ މައިދާނެއް ކަމުގައިވާ އަލްމަޝްޢަރުލް ޙަރާމުގައި މަޑުކުރެއްވުމަށްފަހު ކަމަށެވެ. އެހެނަސް އިތުރު އެކަލޭގެފާނު މުޒްދަލިފާގައި މަޑުކުރެއްވުމަކާ ނުލައި ޢަރަފާތާއި ދިމާއަށް ދަތުރުފުޅު ކުރިއަށް ގެންދެވީއެވެ. ދެން ވަޑައިގެން ނަމިރާގައި އެކަލޭގެފާނަށްޓަކައި ޖަހާލެވިފައިހުރި ލާގެކޮޅުގައި މަޑުކޮށްލެއްވީއެވެ. ޢަރަފާތަށްވެސް ވެދެވަޑައި ނުގަންނަވައެވެ. ދެން އެދުވަހުގެ އިރުމެދު ފިލުމުން އެކަލޭގެފާނު ޖަމަލުކޮޅުގައި ވަޑައިގަތީ ނަމިރާއާއި ޢަރަފާތާ ދެމެދު އޮންނަ ޢުރަނާ ކިއުނު ވާދީއަށެވެ. އޭތާގައި ހުންނަވައިގެން މީސްތަކުންނަށް ދުވަހުގެ ދެޚުޠްބާ ދެއްވިއެވެ. އޭގައި މިފަދައިން ވިދާޅުވިއެވެ.

" އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދަލާއި ފުރާނަވަނީ ޙުރުމްތެރި ކުރެވިގެންނެވެ. އެއީ މިދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިމައްސަރު ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިރަށް (މައްކާ) ޙުރްމަތްތެރި ކުރެވިގެންވާ ފަދައިންނެވެ. ދަންނާށެވެ! ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ކަންތައްތަކެއް މިއަދު ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށް ލެވި ޗިސް ޗިސް ކުރެވެނީއެވެ. ޖާހިލިއްޔަ ގޮތުގައި ބަދަލު ހިފުމުގެގޮތުން އޮހަރަމުންދިޔަ ލެއި އޮހޮރުން ނިމުމަކަށް ގެނެވުނީއެވެ. ދަންނާށެވެ! ތިމަންމެންގެ އޮހޮރިފައިވާ ލެއިތަކުގެ ތެރެއިން ތިމަން ކަލޭގެފާނު ބަދަލު ހިއްޕެވުމުން ތިމަން ކަލޭގެފާނު އެއްކިބާވެ ވަޑައިގަންނަވާނެ ފުރަތަމަ މީހަކީ ރަބީޢާ އިބްނިލް ޙާރިޘްގެ ދަރިކަލުންގެ ފުރާނައިގެ ބަދަލެވެ. އޭނާއަކީ ބަނީ ސަޢުދު ވަންހައިގެ އެއްކިރު މީހެއްވެސް މެއެވެ. އޭނާ މަރާލީ ހުޛައިލު ވަންހައިގެ މީހުންނެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނު އެންމެފުރަތަމަ ދޫކޮށްލައްވާނެ ރިބާއަކީ ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބިވަޑައިގަންނަވަން ޖެހޭ ރިބާގެމުދަލެވެ. ރިބާއަކީ މުޅިންމެ ހުއްޓާލައި އެއްކިބާވާންޖެހޭ އެއްޗެކެވެ. އަދި ދަންނާށެވެ! އަންހެނުންގެ ކަންކަމުގައި ﷲ އަށް ބިރުވެތިވެ، އެކަނބަލުންނަށް ހެއުކޮށް ހިތާށެވެ. ތިޔަބައިމީހުން ވަނީ އަމާނަތެއްގެ ގޮތުގައި ﷲގެ ޙައްޤުގައި ތިމާމެންގެ އަނބީން އަމިއްލަކޮށްފައެވެ. ﷲގެ ނަންފުޅުގައި އެކަނބަލުންގެ އަޢުރަ ހުއްދަކޮށްގެންނެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކެއް ވެއެވެ. އެއީ ތިޔަބައިމީހުން ނުރުހޭ އެއްވެސް މީހަކު ތިޔަބައިމީހުންގެ ގެއަށް ގެނަސް، އެމީހަކާއެކު ވާހަކަ ދައްކައި ނުހެދުމެވެ. މިގޮތަށް ކަންކޮށްފިނަމަ އެކަނބަލުންނަށް އަނިޔާއެއް ނުވާގޮތަށް އަދަބުދިނުމަކީ ތިޔަބައިމީހުންނަށް ހުއްދަވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤުތަކަކީ އެކަނބަލުންނަށް (ދެފަރާތް) ރުހެވޭ ގޮތުގެ މަތިން، ހެއު ގޮތުގައި ކާންބޯން ދިނުމާއި އަންނައުނު ދިނުމެވެ.  

އަދި ދަންނާށެވެ! ތިމަން ރަސޫލާ މިވަޑައި ގަންނަވަނީ ތިޔަބައިމީހުން އެއެއްޗަކަށް ތަބާވެއްޖެ ކަމުގައިވާނަމަ، އެމީހަކު މަގުނުގެއްލޭނެ އެއްޗެއް ތިޔަބައިމީހުންނާ ޙަވާލު ކުރަށްވާފައެވެ. އެއީ ﷲގެ ކަލާމްފުޅެވެ. އަދި ތިމަން ރަސޫލާގެ އަރިހުން ތިޔަބައިމީހުން ބޭނުން ސުވާލެއްކުރާށެވެ. މިކަމާމެދު އަޅެ ތިޔަބައިމީހުން ބުނަނީ ކީކޭހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށާއި، ކަލޭގެފާނާ ޙާވާލު ކުރެއްވެވުނު ރިސާލަަތު ފުރިހަމަ ގޮތުގައި، އަމާނާތްތެރި ކަމާއެކު ތިމަންމެނަށް އަންގަވައި ދެއްވައި، ފޯރުކޮށްދެއްވައިފި ކަމަށް ތިމަންމެން ހެކިވަމެވެ. އެހިނދު އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި މީސްތަކުންނާއި ދިމާއަށް ދިއްކުރަށްވައި އިޝާރަތް ކުރެއްވަމުން ﷲގެ ޙަޟުރަތުގައި ތިންފަހަރުމަތިން، މިފަދައިން މުނާޖާ ދެންނެވިއެވެ. }اللَّهُمَّ اِشْهَدْ اللَّهُمَّ اِشْهَدْ{ (އޭ ﷲ! މިކަމާމެދު ތިޔައިލާހު ހެކިވެ ވޮޑިގަންނަވާނދޭވެ.) ދެން ޚުޠުބާއިން ނިމިވަޑައިގަތުމުން، ބަންގިދޭ މީހާއަށް ބަންގިދިނުމަށާއި ޤަމަތް ދިނުމަށް އެންގެވިއެވެ. އެއަށްފަހު މެންދުރު ނަމާދު ކުރެއްވިއެވެ. ދެން ޤަމަތް ދެއްވައި ޢަޞުރު ނަމާދު ކުރެއްވިއެވެ. އެދެނަމާދުގެ ދެމެދަކު އެހެން ނަމާދެއް ނުކުރަށްވައެވެ. ދެން رَسُولُ اللَّهِ ސަވާރީއަށް އަރައިވަޑައިގެން ޢަރަފާތަށް ވެދެވަޑައިގެން ޖަބަލުއްރަޙްމާގެ ކައިރީ ހުއްޓިވަޑައިގަތެވެ. ސަވާރީކޮޅުގެ ލަގަން ދޫކޮށްލެއްވުމުން އެސޮރު އެތާއޮތް ހިލައެއްގެމަތީ ބަނޑު ޖައްސާލައިފިއެވެ. ދެން އެކަލޭގެފާނު ޤިބުލައަށް ހުންނަވައިގެން، ފައިމަގުގައި އައިމީހުންނާ ދިމާއަށް ކުރިމަތިފުޅު ލައްވަވައިގެން ދުޢާކުރަށްވަން ހުންނެވިއެވެ. މިގޮތަށް މިތާ އިތުރު އެކަލޭގެފާނު އިރު އޮއްސި، ރަތްވިލާ މުޅިންހެން ވީއްލަންދެން ހުންނެވިއެވެ. އިރު އޮއްސި އަނދިރިވާން ފެށުމުން رَسُولُ اللَّهِ ޢަރަފާތުން އެނބުރި ވަޑައިގަންނަވަން ދަތުރު ފެއްޓެވިއެވެ. އިތުރު އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ސަވާރީ ކޮޅުގައި ބޭންދެވީ އުސާމާ އިބްނި ޒައިދެވެ. ޖަމަލު ބާރަށް ގެންދަވަން ވެގެން އިތުރު އެކަލޭގެފާނު ޖަމަލުގެ ލަގަން ބޮޑަށް އަރިހަށް ދަންނަމަވަތެވެ. އަސްގޮޑީގެ ކައިރީގައި އޮންނަ އެސޮރު ބޯއަޅާ ގޮނޑީގައި އެސޮރުގެ ބޯޖެހޭ މިންވަރަށް ދަންމަވާ ހައްދަވަތެވެ. ދެން ފަރުބަދައަކާ ކައިރިވުމުން އިތުރު އެކަލޭގެފާނު ކަނާތްޕުޅުން މީސްތަކުންނާ ދިމާއަށް އިޝާރަތް ކުރަށްވައި ހަމަހިމޭންވުމަށް އަންގަވަތެވެ. ހަނަފަސްތަނެއް އަންނަ ކޮންމެހިނދަކު ތަންކޮޅެއް ހަލުއިކުރަށްވަތެވެ. މިގޮތަށް ދަތުރު ކުރަށްވަމުން ވަޑައިގަންނަވަމުން މުޒްދަލިފާއަށް ވަޑައިގަނެވުނެވެ. ދެން އެތާގައި، އެއް ބަންގިއާއި ދެޤަމަތާއެކު މަޣުރިބު ނަމާދާއި ޢިިޝާ ނަމާދު ކުރެއްވިއެވެ. އެތާކުވެސް އިތުރު އެހެން ސުއްނަތެއް ނުކުރަށްވަތެވެ. އެއަށްފަހު رَسُولُ اللَّهِ އަވަހާރަ ލައްޕަވައިފިއެވެ. ފަޖުރުލައި ހެނދުނާއި ގާތްވުމުން، އެއްބަންގިއާއި އެއް ޤަމަތާއެކު، ފަތިސް ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޖަމަލުކޮޅަށް އަރާވަޑައިގެން އަލްމަޝްޢަރުލް ޙަރާމް ކިއުނު ހިސާބަށް ވަޑައިގަތެވެ. އެތާގައި ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ދުޢާފުޅު ކުރެއްވިއެވެ. ތަކްބީރާއި ތަހްލީލު ވިދާޅުވެ ﷲގެ އެއްކައުވަންކަން ބަޔާންކޮށް ހެއްދެވިއެވެ. އަދި ރަނގަޅަށް އަލިވެ ދުނިޔެމަތިން އަނދިރިކަން ފިލައްޖެއުމަށް ދާނދެން އިތުރު އެކަލޭގެފާނު އެތާގައި މަޑު ކުރެއްވިއެވެ. 

ކޮންމެއަކަސް އިރުނާރަނީސް ލޮބުވެތިރަސޫލާ މުޒްދަލިފާއިން ދަތުރުފުޅު ފަށްޓަވައިފިއެވެ. އަރިހުގައި ޖަމަލުކޮޅުގައި މިފަހަރު ގެންދެވީ ފަޟްލު އިބްނި ޢައްބާސް އެވެ. ފަޟްލަކީ ބުރުސޫރަފުޅު ވަރަށް ރީތި، ސަމައްތުރަ ހެއު، ދޮން، ނަލަ ކުއްޖެކެވެ. رَسُولُ اللَّهِ މުޒްދަލިފާއިން މިނާއަށް ވަޑައިގަންނަވަނިކޮށް، މަގުމަތިން އަންހެނުންގެ ޤާފިލާއަކާ ބައްދަލުވެ ވަޑައިގަތެވެ. އެވަގުތު އެކަނބަލުންނާ ދިމާއަށް ފަޟްލު ބައްލަވަން ފަށްޓަވައިފިއެވެ. رَسُولُ اللَّهِ ފަޟްލުގެ މޫނުފުޅުގައި އަތްޕުޅު އެޅުއްވުމަށްފަހު އަނެއް ފަރާތަށް މޫނުފުޅު އަނބުރާ ލެއްވިއެވެ. އަނެއްކާވެސް ފަޟުލު އެކަނބަލުންނަށް ބައްލަވަން ފެއްޓެވުމުން ދެވަނަ ފަހަރަށްވެސް رَسُولُ اللَّهِ ފަޟްލުގެމޫނުފުޅު އަނެއްފަރާތަށް އަނބުރާލެއްވިއެވެ. ދެންވެސް ފަޟުލު އެކަނބަލުންނާ ދިމާއަށް ބައްލަވަން ފެއްޓެވިއެވެ. އެވަގުތުވެސް رَسُولُ اللَّهِ ފަޟުލުގެ މޫނުފުޅު އަނބުރާލެއްވިއެވެ. މިގޮތަށް ދަތުރު ކުރަށްވަމުން ވާދީ މުޙައްސިރާ އަރާހަމަވުމުން ތަންކޮޅެއް ބާރަށް ޖަމަލުކޮޅު ދުއްވެވިއެވެ. އަދި އެތަނުން ބޮޑު ޖަމްރާއާ ދިމާއަށް އޮންނަ މެދު މަގު އިޚްތިޔާރު ކުރަށްވައި، ސީދާ އެތަނަށް ވަޑައިގަތެވެ. އެތާގައި ހުންނަ ގަސްދޮށަށް ޖަމަލުކޮޅު މަޑުކުރެއްވެވިއެވެ. ތިންވަނަ ޖަމްރާ ހުންނަނީ އެގަސްދޮށުގައެވެ. ދެން ވަޑައިގެން، ކޮންމެ ހިލަކޮޅަކަށް ތަކްބީރު ވިދާޅުވަމުން ހަތް ހިލަކޮޅު އުއްކެވިއެވެ. އެއީ ނިޔަރޮދިން ހިފާލެވޭ ވަރުގެ ކުދި ހިލަކޮޅުތަކެވެ. އޭރު އެކަލޭގެފާނުން ހުންނެވީ ޢަޤަބާ ވާދީގައެވެ. (މައްކާއާ ވީފަރާތަށް ވާތްޕުޅު ފަރާތް، އަދި ކަނާތްޕުޅު ފަރާތަށް މިނާއާއި މުޒްދަލިފާއާއި ޢަރަފާތު ވާގޮތަށް އުތުރަށް ކުރިމަތިފުޅު ލައްވަވައިގެންނެވެ.) އެއަށްފަހު އިތުރު އެކަލޭގެފާނު ވަޑައިގަތީ ކަތިލާ ތަނަށެވެ. އެތަނަށް ވަޑައިގެން އަމިއްލަ އަތްޕުޅުން ފަސްދޮޅަސް ތިން ޖަމަލު ކަތިލެއްވެވިއެވެ. އެއަށްފަހު ޢަލީގެފާނުންގެ އަތްޕުޅަށް ކަތިލެއްވުމަށް ދެއްވެވިއެވެ. އެކަލޭގެފާނު ބާކީ ހުރިހާ ހަދްޔުތައް ކަތިލެއްވެވިއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޖަމަލުކޮޅުގައި ޢަލީގެފާނު ބައިވެރި ކުރެއްވެވިއެވެ. ދެން ޢަލީގެފާނަށް އެންގެވީ ކޮންމެ ހަދްޔުއަކުންވެސް މަސްކޮޅެއް ނެންގެވުމަށާއި މިމަސްކޮޅު ކައްކާމީހުން ލައްވައި ތެއްޔެއްގައި ރަނގަޅަށް ކައްކާލެއްވުމަށެވެ. ކައްކައިގެން އަރިހަށްގެނެވުމުން އެއިން އިތުރު އެކަލޭގެފާނާއި ޢަލީގެފާނު ފަރީކުޅުއްވިއެވެ. އެދި އޭގެ ސުރުވާ ވެސް ހިއްޕެވިއެވެ.  

އެއަށްފަހު رَسُولُ اللَّهِ ސަވާރީއަށް އަރައި ވަޑައިގެން ގެފުޅަށް ވަޑައިގަތެވެ. ޙައްޖުގެ ޠަވާފު ކުރެއްވިއެވެ. އެދުވަހުގެ މެންދުރު ނަމާދު މައްކާގައި ކުރަށްވައިގެން ޢަބްދުލް މުއްޠަލިބު ވަންހައިގެ ބޭކަލުން މީސްތަކުންނަށް ޒަމްޒަމް ފެން ދެއްވަނިކޮށް، އެބޭކަލުންގެ ގާތަށް ވަޑައިގަތެވެ. އަދި ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ވެސް ފެންދޭށެވެ. ދަންނާށެވެ! މީސްތަކުން މިގޮތަށް ފެންދިނުމަކީ ޙައްޖުގެ ފަރުޟެއް ކަމުގައި ދެކި މިތަނަށް ޖަމާވެ ބައިބޯ ނުކުރާނެނަމަހީ ތިމަން ކަލޭގެފާނުވެސް ތިޔަބައިމީހުންނާ ބައިވެރިވެ ވަޑައިގެން ފެންދެއްވަން ހުންނެވީހެވެ. ދެން އެބޭކަލުން އެކަލޭގެފާނަށް ބާލިދީކޮޅަކުން ފެންފޮދު އެރުވުން އެއިން ފެންފޮދު ހިއްޕެވިއެވެ. އެއަށްފަހު މިނާއަށް އެނބުރި ވަޑައިގަތެެވެ. އަދި މިނާގައި ތިއްބެވި ބޭކަލުން އެބޭކަލުންނާއެކު އިސްވެ މެންދުރު ނަމާދު ކުރެއްވުމަށް ދެންނެވުމުން އަނެއްކާ ދެވަނަ ފަހަރަށް މެންދުރު ނަމާދު ކުރެއްވިއެވެ. (އެނަމާދަކީ އެކަލޭގެފާނުންގެ ނިސްބަތުން ސުއްނަތް ނަމާދެކެވެ.)  

(އެހެން ރިވާޔަތެއްގައި އިތުރަށް މިފަދައިން އައިސްފައި ވެއެވެ.) ޖާހިލިއްޔަ ދުވަސްވަރު ޢަރަބިންގެ ޢާދައަކަށް އޮންނަ ގޮތަކީ އެބައިމީހުން އަބޫ ސައްޔާރާ ކިޔާ މީހަކު ބަހަރަނާ ކޮށްގެން ޙިމާރަކަށް އަރުވައިގެން މުޒްދަލިފާއަށް ގެންދެތެވެ. ޤުރައިޝުން ހީކޮށްގެން ތިބީ رَسُولُ اللَّهِ ޢަރަފާތަށް ވަޑައިގަތް ވަގުތު މަޝްޢަރުލް ޙަރާމުގައި މަޑު ކުރަށްވާނެ ކަމަށެވެ. އެހެނަސް ކަންވީ ގޮތަކީ އިތުރު އެކަލޭގެފާނު މުޒްދަލިފާގައި މަޑު ކުރެއްވުމެއްނެތި މުޒްދަލިފާ ކަޑައްތު ކުރަށްވާފައި ސީދާ ވަޑައިގަތީ ޢަރަފާތަށެވެ. ދެން އެތާ މަޑުކުރެއްވީއެވެ.

މިޙަދީޘުން ނެރެވޭ ފިޤުހީ ބައެއް މައްސަލަތައް:  

(1)  މިއީ ޙައްޖުގެ ތަފްޞީލު ބަޔާންވެގެންވާ ޙަދީޘެކެވެ. 

މިޙަދީޘަކީ ޙައްޖުގެ އަޅުކަމާމެދު އައިސްފައިވާ އެންމެ ތަފްޞީލީ ޙަދީޘެވެ. އެހެންކަމުން ޞަޙީޙު މުސްލިމުގައި މިޙަދީޘުގެ ބާބަކަށް ވެސް ގެންނަވާފައިވަނީ رَسُولُ اللَّهِ ޙައްޖު ވެވަޑައިގަތް ގޮތުގެ ތަފްޞީލު މިހެންނެވެ.  

(2)  ކޮންމެ މީހަކަށް ވެސް އެމީހަކާ އެކަށޭނަ ޢިއްޒަތް ދިނުން: 

ޖާބިރުގެފާނު އެކަލޭގެފާނުންގެ އަރިހަށް އިމާމު ބާޤިރު ގެންނެވުމާއި އެކަލޭގެފާނުންގެ މޭފުޅުގައި ޖާބިރުގެފާނުން އަތްޕުޅު ފިރުމާލެއްވުމުން ދޭހަވަނީ، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޤަދަރާއި ޢިއްޒަތާ އެއްފެންވަރަށް ޤަދަރުދިނުމީ އޮންނަ ކަމެއްކަމެވެ. އެއީ އެމީހާ ޢުމުރުގެ ގޮތުން ކިތަން ޅަކަމުގައި ވިއަސްވެހެވެ. އިމާމު ބާޤީރުގެ ހަށިކޮޅުގައި ޖާބިރުގެފާނު އަތްޕުޅު ލައްވައި ހެއްދެވި ސަބަބަކަށް ވަނީ ކުޑަ ކުއްޖަކަށްވާތީ އެވެ. ބޮޑު މީހަކުނަމަ އެހެން ނުހެއްދެވީހެވެ. އެހެންކަމުން ސިއްތުނާ ޢާއިޝާގެ އަރިހުން އިމާމު މުސްލިމު އެކަލޭގެފާނުންގެ މުޤައްދިމާގައި ނެރުއްވާފައިވަނީ އެކަމަނާ މިފަދައިން ވިދާޅުވެފައިވާ ކަމަށެވެ. }أَمَرَنَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أَنْ نُنْزِلَ النَّاسَ مَنَازِلَهُمْ{ މާނައީ: ތިމަންމެނަށް رَسُولُ اللَّهِ އަމުރު ކުރަށްވާފައިވަނީ މީސްތަކުންނަށް އެއުރެންނާ އެކަށޭނަ ޢިއްޒަތް ދިނުމަށެވެ. (މިޙަދީޘާމެދު ބައެއް ބޭކަލުން ވާހަކަފުޅު ދައްކަވާފައި އޮތް ކަމުގައި ވިއަސް މިއީ ޞައްޙަ ޙަދީޘެއް ކަމުގައި އިމާމު ޙާކިމު ވިދާޅުވެއެވެ. އަދި ޙަދީޘުގެ ރާވީ މައިމޫނުއާ ޢާއިޝަތުގެފާނާ ބައްދަވެ ވަޑައި ނުގަންނަވާކަމަށް އިމާމު އަބޫ ދާއޫދު ވިދާޅުވެފައިވާ ވުމަށް އިމާމު އިބްނިޞަލާޙު ވަރަށްބޮޑަށް ރައްދު ދެއްވާފައި ވެއެވެ. (އަބޫދާއޫދު: 4202 ޙަދީޘުގެ ޝަރަޙަ، ޢައުނުލް މަޢުބޫދު ބައްލަވާ) އަދި އިމާމު ނަވަވީ އިމާމު ބައްޒާރުގެ ކިބައިން ނަގުލު ކުރަށްވަނީ ޞައްޙަ ރިވާޔަތަކީ، ޢާއިޝާގެ މައުޤޫފު ރިވާޔަތެއްކަމަށެވެ. ދެން އިމާމު ނަވަވީ ވިދާޅުވަނީ މިޙަދީޘުން ސާބިތުވާ ކަންތައްތަކުގެ ތެރޭން ކީރިތި ރަސޫލާގެ އަހުލު ބައިތުންނަށް ކަމޭ ހިތުމާއި މެހުމާނުންނަށާއި ޒިޔާރަތްކުރާ މީހުންނަށް މަރްޙަބާކިއުމާއި އެބައިމީހުންނަށްކަމޭހިތައި ޢިއްޒަތް ކުރުމާއި މިކަންކަމީ ސުއްނަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމެވެ.  

(3) ލޯފަން މީހެއްގެ ފަހަތުގައި ނަމާދުކުރުން:  

ދެން މިޙަދީޘުން ސާބިތުވާ އަނެއްކަމަކީ ލޯފަން މީހެއްގެ ފަހަތުގައި ފެންނަ މީހުންނަށް ނަމާދުކުރުން ހުއްދަވެގެންވާ ކަމެވެ. މިއީ އެއާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް އޮތް ކަމެއް ނޫނެވެ. އެހެނަސް އައުލާ ގޮތަކީ ކޮބައިކަމާމެދު ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. އެންމެ ޞައްޙަގޮތަކީ އެދެމީހުންގެ ތެރޭގައި ވަކިތަފާތެއް ނެތްކަމަށާއި އިމާމާގެ ގައިގައި ހުންނަންޖެހޭ ސިފަތަކަށް ބަލައިގެން އައުލާ މީހަކު ބެލުމަށެވެ. މިގޮތަށް އިމާމު ޝާފިޢީގެ އަރިހުން ނައްޞުން އައިސްފައި ވެއެވެ. މިޙަދީޘުން ސާބިތުވާ އަނެއްކަމަކީ ގޭގެ ވެރިޔާއަށް ގޭގައި އިސްވެ ނަމާދުކުރުން ޙައްޤުކަން ބޮޑުކަމެވެ. މިއިން ސާބިތުވާ އަނެއްކަމަކީ އަންނައުނުގެ ދެގަނޑެތި ލިބެން އޮތް ޙާލުގައިވެސް އެކަތިގަނޑުގައި ނަމާދު ކުރުން ހުއްދަ ވެގެންވާ ކަމެވެ. (އެހެނަސް ޙަންބަލީ މަޛްހަބުގައި ކޮނޑު ހާމައަށް ހުރިއްޔާ ނަމާދު ޞައްޙަ ނުވާނެއެވެ.)

(4)  ޙައްޖު ވެވަޑައި ނުގެން ކީރިތި ރަސޫލާ ނުވަ އަހަރު ހުންނެވުން:

މިބަސްފުޅުގެ މުރާދަކީ އިތުރު އެކަލޭގެފާނު ޙިޖުރައަށްފަހު ނުވަ އަހަރު މަޑު ކުރެއްވި ވާހަކައެވެ. އަދި ކީރިތި ރަސޫލާ ޙައްޖު ވެވަޑައިގަތް ގޮތަކީ ކޮބައިތޯ އިމާމު ބާޤިރު އެއްސެވި ބަސްފުޅުގެ މުރާދަކީ ޙައްޖަތުލް ވަދާޢުގެ ވާހަކައެވެ. އަދި އިތުރު އެކަލޭގެފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކަ އިޢުލާން ކުރަށްވައި މީސްތަކުންނަށް އެންގެވި ސަބަބީ މީސްތަކުން ދުރާލާ އައިސް ޙައްޖުގެ އަޅުކަންތައް އުނގެނުމަށާއި އެކަންކަން ކީރިތި ތަސޫލާގެ ފަހަތްޕުޅުގައި ތިބެގެން އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ އިތުރުން ޢަމަލުފުޅުން ކުރެއްވިގޮތް ބަލައިގެން އެގޮތް ދަސްކޮށް އެއަށް ޢަމަލު ކުރުމެވެ. އެހެންކަމުން ޚުދް އެކަލޭގެފާނު ޙަދީޘު ކުރަށްވާފައިވަނީ، }لِيُبَلِّغَ الشَّاهِدُ الْغَائِبَ{ މިއެވެ. (މާނައީ: މިއަދުމިތާ ޙާޟިރުވެތިބި މީހުން އަނެކުންނާ ހަމައަށް މިވާހަކަތައް ފޯރުކޮށް ދޭހުށިކަމެވެ.) އަދި މިޙަދީޘުން ސާބިތުވާ މުސްތަޙައްބު އަނެއްކަމަކީ މީސްތަކުން ހޭލެއްވުމުގެ ގޮތުންނާއި އެންމެން އެއްގޮތް ކުރުމުގެ ގޮތުން ދީނުގެ ބޮޑެތި މުހިއްމު އިޖްތިމާޢީ ކަންކަމުގައި ފަހުބަސް ބުނުމުގެ ޙައްޤު ވެރިޔާއަށް ލިބިގެންވާ ކަމެވެ. މިސާލަކަށް ރޯދައާއި ޢީދުފަދަ ދުވަސްތައް އިޢުލާން ކުރުމާއި ނަމާދުގެ ވަގުތު ހަމަޖެއްސުމާއި މިކަންކަމެވެ.

(5)  އަޞްޙާބު ބޭކަލުން އެންމެން ކީރިތި ރަސޫލާއާގެ އަރިހު ނިޔަތް ގެންނެވީ ޙަޖަށެވެ.   

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ކަނޑައެޅިގެން އެންމެހައި އަޞްޙާބު ބޭކަލުން ކީރިތި ރަސޫލާގެ އަރިހުގައި ނިޔަތްގެންނެވީ ހަމައެކަނި ޙައްޖަށް ކަމެވެ. ޤާޟީޢިޔާޟް ވިދާޅުވެފައިވެއެވެ. މިޙަދީޘުން ދޭހަކޮށްދޭ ފަދައިން ކީރިތި ރަސޫލާގެ އަރިހު އެންމެހައި އަޞްޙާބު ބޭކަލުން ޙައްޖު ވުމުގައި ނިޔަތް ގެންނެވީ ހަމައެކަނި ޙައްޖަށެވެ. ތަމައްތުޢު ޙައްޖަކަށް ނޫނެވެ. އޭގައި އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއްނެތެވެ. އެހެންކަމުން ޖާބިރުގެފާނު ވިދާޅުވެފައިވަނީ "އިތުރު އެކަލޭގެފާނު އެކަމެއް ކުރެއްވި ކޮންމެކަމެއް އެގޮތަކަށް ތިމަންމެންވެސް ކަންކުރީމެވެ." ހަމައެހެންމެ ޢަލީގެފާނާއި އަބޫ މޫސާ ވިދާޅުވެފައިވަނީ ތިމަންމެން ނިޔަތް ގަތީ ކީރިތި ރަސޫލާ ނިޔަތް ގެންނެވި ގޮތަށް ކަމަށެވެ. އެހެންކަމުން ފަހުން އެކަލޭގެފާނުގެ އިރްޝާދުގެ މަތިން ހަދުޔު ނުގެންނަވާ ބޭކަލުން ތަމައްތުޢު ޙައްޖަކަށް ބަދަލު ކުރަށްވައި އިޙްރާމް ކެނޑުއްވީއެވެ.  

(6) އިޙްރާމުގެ ދެރަކްޢަތް ނަމާދު:

ޛުލް ޙުލައިފާގައި އިތުރު އެކަލޭގެފާނު ކުރަށްވާފައި ވަނީ އިޙްރާމުގެ ދެރަކްޢަތް ނަމާދެވެ. މިޙަދީޘުގައި އަންނަނީ، }أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى بِذِي الْحُلَيْفَةَ رَكْعَتَيْنِ ثُمَّ أَحْرَمَ{ މާނައީ: رَسُولُ اللَّهِ ޛުލްޙުލައިފާއަށް ވަޑައިގެން އެތާގައި ދެރަކްޢަތްނަމާދު ކުރެއްވުމަށްފަހު، ވަޑައިގެން ދެންއިޙްރާމް ބެންނެވިއެވެ. މިއެވެ. މީގެ އިތުރުން ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. }عَنْ اِبْنِ عُمَرَ أَنَّهُ كَانَ يَأْتِي مَسْجِدَ ذِي الْحُلَيْفَةَ فَيُصَلِّي رَكْعَتَيْنِ ثُمَّ يَرْكَبُ فَإِذَا اسْتَوَتْ بِهِ رَاحِلَتَهُ قَائِمَةً أَحْرَمَ ثُمَّ يَقُولُ هَكَذَا رَأَيْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْعَل{ (މިއީ އިމާމު އަޙްމަދާއި ޙާކިމާއި އަބޫ ދާއޫދުގެ ރިވާޔަތެކެވެ.) މާނައީ: އެކަލޭގެފާނު ޛުލްޙުލައިފާގެ މިސްކިތަށް ވަޑައިގެން އެތާ ދެރަކްޢަތް ނަމާދު ކުރަށްވައިގެން ސަވާރީއަށް އަރައިވަޑައިގެން، ބިންމަތިން ސަވާރީގެ ބަނޑު އުފުލާލުމުން، ހަމަޖެހި ވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު އިޙްރާމް ބަންނަވަތެވެ. މިއެވެ. ދެން އެކަލޭގެފާނު ވިދާޅުވެފައި ވަނީ، މިގޮތަށް رَسُولُ اللَّهِ ޢަމަލު ކުރެއްވިތަން އެކަލޭގެފާނު ދެކެވަޑައިގަތްކަމަށެވެ. (މިއީ މިޙަދީޘު ބުޚާރީ ގެންނެވި ގޮތެވެ.) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެއަރިހުން، އިމާމު އަޙްމަދާއި ޙާކިމާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެވެ. }عَنْ ابْنِ عَبَّاسٍ قَالَ خَرَجَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ حَاجًّا فَلَمَّا صَلَّى فِي مَسْجِدِهِ بِذِي الْحُلَيْفَةَ رَكْعَتَيْهِ أَوْجَبَ فِي مَحَلِّهِ فَأَهَلَّ بِالْحَجِّ حِينَ فَرَغَ مِنْ رَكْعَتَيْهِ{ (މާނައީ: އިބްނި ޢައްބާސް ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ޙައްޖު ވެވަޑައިގަތުމަށް މަދީނާއިން ފުރާވަޑައިގަތެވެ. ދެންފަހެ ޛުލް ޙުލައިފާގައި ހުންނަ އެކަލޭގެފާނުންގެ މިސްކިތްކޮޅަށް ވަޑައިގެން އެތާ އިޙްރާމުގެ ދެރަކްޢަތް ނަމާދު ކުރަށްވައިގެން އެތާ އިންނެވިއެވެ. ދެން އެނަމާދުން ނިމިވަޑައިގެން ޙައްޖަށް އިޙްރާމް ބެންނެވިއެވެ.) އިިމާމުނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވެފައިވަނީ މިނަމާދަކީ ސުއްނަތެއް ކަމާމެދު އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ. އިމާމު ޤާޟީ ޙުސައިންއާއި ބަޣަވީއާއި މުތަވައްލީއާއި ރާފިޢީ ވިދާޅުވެފައިވަނީ މަސްދިޖު ސުއްނަތެކޭ އެއްފަދައިިން، މީހަކު އިޙްރާމް ބަނުމުގެ ކުރިން ފަރުޟު ނަމާދު ކޮށްފި ނަމަވެސް މިސުއްނަތް ނަމާދު ކުރިކަމަށް ފުދޭނެ ކަމަށެވެ.  

(7)  ހިނގާފައި ދިއުމާއި ސަވާރީގައި ދިއުން:

ކީރިތި ރަސޫލާގެ އަރިހުގައި ޙައްޖަށް މީސްތަކުން ދިޔައީ ހިނގާފަޔާއި ސަވާރީގައެވެ. ކީރިތި ރަސޫލާ ހުންނެވީ ސަވާރީކޮޅެއްގައެވެ. މިއިން ދޭހަވަނީ ދެގޮތްމެ ހުއްދަ ކަމާއި ދެގޮތްމެ ސުއްނަތް ކަމެވެ. އެހެނަސް އައުލާ ގޮތަކީ ސަވާރީގައި ދިއުންތޯ ނުވަތަ ހިނގާފައިތޯ މިއީ ދަންނަބޭކަލުންގެ މެދުގައި ޚިލާފުއޮތް ކަމެކެވެ. އިމާމު މާލިކާއި ޝާފިޢީއާއި ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ ސަވާރީގައި ދިއުން އައުލާ ވެގެންވާ ކަމަށެވެ. އެއީ رَسُولُ اللَّهِ ވެސް ޙައްޖު ވެވަޑައިގަތީ ސަވާރީގައި ކަމަށް ވެފައި، ޚަރަދުގެ ތަކްލީފު ބޮޑުވާނީވެސް އެގޮތް ކަމަށް ވާތީއެވެ.  

(8)  ތަލްބިޔާ ކިއުން:

ތަލްބިޔާ ކިއުމުގައި ސުއްނަތްވެފައި، އައުލާ ގޮތަކީ އަސްލު ތަލްބިޔާގެ ޢިބާރާތް ކިއުމެވެ. އެއަށް އުނިއިތުރު ގެނައުމެއް ނެތިއެވެ. އެހެނަސް އިބްނި ޢުމަރާއި އިބްނި ޢައްބާސްގެ އަރިހުން އިތުރު ބައެއް ލަފްޒުތައް އައިސްފައި ވެއެވެ. ޝާފިޢީގެފާނު ވިދާޅުވާ ގޮތުން ބޮޑަށް ބުރަވެވެނީ އުނި އިތުރު ނުކޮށް ހަމަ އެލަފްޒުތައް ކިއުމެވެ.

(ނުނިމޭ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު