އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! ‍‍- 3

މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތިރީސްތިން ވަނަ ޙައްޖު! - އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރިވި! ‍‍- 3


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 28 މިނެޓް, 37 ސިކުންތު

ޙުސައިން ރަޝީދު އަޙްމަދު

(ކުރީގެ ބަޔާ ގުޅޭ)

 

(1) ޠަވާފު ޤުދޫމު ކުރުމާއި ރަމްލު ކުރުން: 

(ހ) އިތުރު އެކަލޭގެފާނު ފުރަތަމަ ވަޑައިގަތީ ޠަވާފު ކުރެއްވުމަށެވެ. މިޠަވާފަކީ ސުއްނަތެކެވެ. ޙައްޖަށް އިޙްރާމް ބަނދެގެން ހުރިމީހަކު ޢަރަފާތަށްނުގޮސް ފުރަތަމަ މައްކާއަށް އަތުވެއްޖެނަމަ އޭނާއަށް ސުއްނަތް ވެގެންވަނީ ޠަވާފު ޤުދޫމު ކުރުމެވެ. ޙައްޖަށް އައިސް ފުރަތަމަ ކުރާ ޠަވާފަށް ކިޔަނީ ޠަވާފު ޤުދޫމެވެ. ތަމައްތުޢު ޙައްޖު ވިކަމުގައި ވިއަސް ވެހެވެ. އެހެނަސް ޢުމްރާގައި ކުރާނީ ވާޖިބު ޠަވާފެކެވެ. އެއީ އަކީ ސުއްނަތެއް ނޫނެވެ. ކީރިތި ރަސޫލާގެ މިޢަމަލުފުޅުން ސާބިތުވަނީ އިފްރާދު ނުވަތަ ޤިރާން ޙައްޖަށް އަންނަ މީހާއަށް ޢަރަފާތަށް ނުގޮސް ވެސް ޠަވާފު ކުރެވިދާނެ ކަމެވެ. އޭރުންވެސް އެޠަވާފު ހިމެނޭނީ ޠަވާފު ޤުދޫމުކަމަށެވެ. ޠަވާފުލް އިފާޟާ ނުވަތަ ޙައްޖުގެ ޠަވާފު ކުރާނީ ޢަރަފާތުން އެނބުރި އައިސްއެވެ. 

(ށ) އިމާމު ނަވަވީ ވިދާޅުވެފައިވަނީ ޙަދީޘުތަކުން ސާބިތުވާ ފަދައިން رَسُولُ اللَّهِ ޤުދޫމުގެ ޠަވާފުގެ ފުރަމަ ތިންބުރު ޖެއްސެވީ ރަމްލުކޮށްކަމަށާއި އަނެއްހަތަރުބުރުގައި ހިންގެވީ އާދަައިގެ ހިންގެވުމެއްގައި ކަމަށެވެ. ރަމްލުކޮށް ހިނގުމަކީ އާދައިގެ ހިނގުމުގައި ފިޔަވަޅު އަޅާ ހިސާބަށްވުރެން ކައިރީގައި ފިޔަވަޅު އަޅައިގެން ހިނގާއިރު ހަލުއިކޮށްލައިގެން ހިނގުމެވެ. މިގޮތަށް ރަމްލު ކުރާނީ ހަމައެކަނި ޤުދޫމުގެ ޠަވާފުގެ ފުރަތަމަ ތިން ބުރުގައެވެ. އަނެއް ހަތަރުބުރުގައި ހިނގާނީ ހަމަ އާދައިގެ ހިނގުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިގޮތަށް ރަމްލު ކުރަނީ ޙައްޖަށް ނުވަތަ ޢުމްރާއަށް އައިސް ކުރާ ފުރަތަމަ ޠަވާފު ގައެވެ. އެހެން ޠަވާފެއްގައި އެގޮތަށް ކަންތައް ކުރުމީ ސުއްނަތެއް ނޫނެވެ. އަދި ޢުމްރާ ވުމަށްފަހު އެދަތުރުގައި ފަހުން ޢުމްރާއެއް ވުމަކުން، ޢުމްރާގެ ޠަވާފުގައި ވެސް މިގޮތަށް އަވަސް ހިނގުމެއް ސުއްނަތް ވެގެނެއް ނުވެއެވެ. އެއީ ޤުދޫމުގެ ޠަވާފަކަށް އެޠަވާފު ނުވާތީއެވެ. އަދި ޤުދޫމުގެ ޠަވާފު ނޫން އެހެން ޠަވާފެއް އެއީ ވަދާޢުގެ ޠަވާފު ކަމުގައި ވިއަސް ރަމްލު ކުރުމަކީ ސުއްނަތެއް ނޫނެވެ. 

(10) ކަނާތު ކޮނޑު ހާމަކޮށްފައި ބެހެއްޓުން: 

ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ފަދައިން ޤުދޫމުގެ ޠަވާފު ކުރާއިރު ރަމްލު އޮންނަ ތިން ބުރުގައި ފިރިހެނާ އޭނާގެ ކަނާތު ކޮނޑު ހާމަވާގޮތަށް އިޙްރާމު އަޅައިގެން ހުރުމީ ސުއްނަތެކެވެ. އެއީ ފުރަތަމަ ޠަވާފުގެ ފުރަމަ ތިން ބުރުގައެވެ. މިކަމާބެހޭ ޙަދީޘު އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި އިބްނި މާޖާ ނެރުއްވާފައި ވެއެވެ. (ތިރްމިޛީގެ 787 ވަނަ ޙަދީޘު ބައްލަވާށެވެ.) 

(11) ޙަޖަރުލް އަސްވަދުގައި އިސްތިލާމު ކުރުން:

ޙަޖަރުލް އަސްވަދުގައި އިސްތިލާމު ކުރުމަކީ އެހިލަކޮޅުގައި ބީހުމެވެ. ނުވަތަ އަތް ޖައްސާލުމެވެ. އެކަން ޠަވާފުގެ ކޮންމެ ބުރެއް ފަށާއިރުވެސް ސުއްނަތް ވެގެން ވެއެވެ. ނޫންނަމަ ދުރުން އިޝާރަތް ކުރުމުންވެސް އެސުއްނަތް އަދާކުރެވޭނެއެވެ. 

(12) ޠަަވާފުގެ ދެރަކްޢަތް ނަމާދު: 

(ހ) ކޮންމެ ޠަވާފެއް ކުރުމަށްފަހު، ޠަވާފުގެ ދެރަކްޢަތް ނަމާދު ކުރުމީ ދަންނަބޭކަލުން އިޖްމާވެ އެއްބަސްވެ ވަޑައިގެންފައިވާ ކަމެކެވެ. އެހެނަސް އޭގެ ޙުކުމާމެދު ޚިލާފު ވެފައި ވެއެވެ. ބައެއް ބޭކަލުން ވާޖިބެކޭ ވިދާޅުވި ކަމުގައި ވިއަސް ގަދަ ބަސްފުޅަކީ އެއީ ސުއްނަތެއް ކަމަށެވެ. 

(ށ) މިނަމާދު ކުރުން ސުއްނަތް ވެގެންވަނީ މަޤާމު އިބްރާހީމުގެ ފަހަތުގައެވެ. ނުވަތަ އެދިމާއަށް ފަހަތުގައެވެ. އެތަނުގައި ނުކުރެވޭނަމަ ޙިޖްރު އިސްމާޢީލުގެ ތެރޭގައެވެ. ނޫންމަ ޙަރަމްފުޅުގެ ކޮންމެ ތަނެއްގައިވެސް މިނަމާދު ކުރެވިދާނެއެވެ. އަދި މައްކާގެ ކޮންމެ ބިމެއްގައިވެސް ކުރެވިދާނެއެވެ. އަދި ޢުމުރުން ކޮންމެ ދުވަހެއްގައިވެސް މައްކާއަށް އައިސް އެނަމާދު ކުރެވިދާނެއެވެ. ލަސްވުމަކުން އެނަމާދު ފާއިތުވެ ނުދާނެއެވެ. ހަމައެހެންމެ ތިމާގެ ރަށަށް ގޮސްފައި ނުވަތަ މައްކާއިން ބޭރުގައި މިނަމާދު ކުރިކަމުގައި ވިއަސް ސުއްނަތް އަދާވެވުނީއެވެ. އެހެނަސް އޭގެ މާތްކަން ގެއްލި ދިޔައީއެވެ. 

(ނ) ޙަރަމަށް ވަދެ އެއް ޠަވާފަށް ވުރެން ގިނަ ޠަވާފު ކޮށްފި މީހާއަށް ވެސް ކޮންމެ ޠަވާފެއްގެ ފަހުން މިނަމާދު ކުރުން ސުއްނަތް ވެގެން ވެއެވެ. އެހެނަސް މީހަކު ސުއްނަތް ނުކޮށް އެތަކެއް ޠަވާފެއް ކުރުމަށްފަހު ދެން އެއްފަހަރާ ހުރިހާ ނަމާދެއް އެކުއެކީ ކުރުމަށް ޤަޞްދު ކޮށްފިނަމަ އެއާބެހޭގޮތުން ޝާފިޢީ މަޛްހަބުގެ އިމާމުން ވިދާޅުވެފައިވަނީ އެގޮތަށްވެސް ޞައްޙަވާނެ ކަމަށާއި އެކަމަކު އޭރުން އޭނާއަށް އައުލާ ގޮތާ ޚިލާފުވެވުނީ ކަމަށެވެ. އަދި ބައެއް އަޞްޙާބު ބޭކަލުންނާއި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް އެނަމާދު ކުރުން ހުއްދަ ކަމަށާއި އެކަން މަކްރޫހަވެސް ނުވާނޭ ކަމަށެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަކީ އެގޮތް ހުއްދަވި ކަމުގައިވިއަސް އެއީ މަކްރޫހަ ވެގެންވާ ކަމެއް ކަމަށެވެ. 

(13) ޞަފާގައި ދުޢާކުރުން: 

ސުއްނަތުގެތެރޭ ހިމެނޭ އަނެއްކަމަކީ ޞަފާގައި ޛިކުރު ކުރުމާއި ދުޢާ ކުރުމެވެ. ތިންތިން ފަހަރުމަތިން ދުޢާއާއި ޛިކުރު ތަކްރާރު ކުރުމެވެ. ޤިބްލައަށް ކުރިމަތި ލައިގެން ހުރެއެވެ. ފަށާއިރު }أَبْدَأُ بِمَا بَدَأَ اللَّهُ بِهِ وَرَسُولُهُ{ (ﷲ އާއި އެއިލާހުގެ ރަސޫލާ ފެއްޓެވި ހިސާބުން ފަށަމޭ) ބުނެ މިފަދައިން ކިޔައިގެން ފެށުމެވެ. 

ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުން: 

ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ތިމާގެ އަމިއްލަ ނަމުގައްޔާއި ތިމާގެ ޢާއިލާގެ ނަމުގައެވެ. ތިރީގައި އެކަމާ ބެހޭ ޙަދީޘަކާއި އޭގެ ފިޤުހީ ބައެއް ފައިދާތައް ބަޔާންކޮށްލާނަމެވެ. 

އިމާމު މުސްލިމާއި އެނޫންވެސް ބޭކަލުން ނެރުއްވާފައި ޙަދީޘެއް އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. }ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا{ މާނައީ: ޢީދު ދުވަހު رَسُولُ اللَّهِ އެކަލޭގެފާނުންގެ އަމިއްލަ އަތްޕުޅުން ދަޅުހުރި ސާފުހުދު ދެ ކަންބަޅި ކަތިލެއްވެވިއެވެ. އަދި ﷲގެ އިސްމުފުޅު ވިދާޅުވެ، ތަކްބީރު ވިދާޅުވިއެވެ. އަދި ކޮންމެ ބަކަަރިއެއް ކަތިލެއްވެވި އިރުވެސް އެސޮރުގެ ކަރުގެ އެއްފަރާތަށް އިތުރު އެކަލާގެފާނުންގެ ފައިންޕުޅުން ފިއްތަވާލައްވައިގެން ހުންނެވިއެވެ.

1- އުޟުޙިޔާގެ މަސް ކެއުން:

އުޟުޙިޔާގެ މަސް ކެއުމާއި ބެހުމަކީ ސުއްނަތެކެވެ. ބަހާނީ ތިމާއަށާއި ޢާއިލާއަށް ކޮންމެވެސް ވަރެއް ބަހައްޓާފައި ފަޤީރުންނަށާއި މިސްކީނުންނަށާއި މުހުތާދުންނަށެވެ. ބާކީ ހުރެއްޖެ އެއްޗެއް ރައްކައު ކުރެވިދާނެއެވެ. 

2- ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުން މަނާވުން: 

އުޟުޙިޔާ ކަތިލުމަށް އެއްޗެއް ހޯދައި ނިޔަތް ގަތުމަށްފަހު ޙައްޖު މަހުގެ 1 އިން ފެށިގެން އުޟުޙިޔާ ކަތިލަންދެން ތިމާގެ ނިޔަފަތި ކެނޑުމާއި ގައިން އިސްތަށި ވަކިކުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. މިއީ ތިމާގެ އަތުގައި ބަކަރިއޮވެ ތިމާގެ ޙާޟިރުގައި ބަކަރި ކަތިލާނަމައެވެ. ނަމަވެސް ތިމާ ނެތްތަނެއްގައި ކަތިލާނަމަ ނުވަތަ މީހަކާ ޙަވާލުކޮށް ކަތިލާނަމަ މިގޮތަށް ތިމާގެ އިސްތަށްޓާއި ނިޔަފަތި ނުކަނޑައި ބެހެއްޓުން ސުއްނަތް ވެގެނެއް ނުވެއެވެ.

3- ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމާމެދު އޮންނަ ޙުކުމް: 

މިކަމާގުޅޭ ޙަދީޘުތަކުގެ އަލީގައި މިމައްސަލައިގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ރައުޔު ތަފާތު ވެފައެވެ. އިމާމު ސަޢީދު އިބްނި މުސައްޔަބާއި ރަބީޢާއާއި އަޙްމަދާއި އިސްޙާޤާއި ދާއޫދާއި ބައެއް ޝާފިޢީ އިލްމުވެރިން ވިދާޅުވަނީ އުޟްޙިޔާއަކަށް ނިޔަތް ގެންފިމީހާ ޢީދުދުވަސް އައިސް ތިމާގެ އުޟްޙިޔާ ކަތިލެވެންދެން ތިމާގެގައިން އިސްތަށްޓެއް ކޮށުމާއި ނިޔަފައްޗެއް ކެނމަކީ ޙަރާމްވެގެންވާ ކަމެކެވެ. އިމާމު ޝާފިޢީއާއި ޝާފިޢީ މަޛްހަބުގެ ޢާއްމު އިމާމުން ވިދާޅުވަނީ އެއީ ޙަރާމް ކަމެއް ނޫންކަމަށާއި މަކްރޫހަ ތަންޒީހީއެއް ކަމަށެވެ. މިއީ އިމާމު މާލިކުގެ އެއް ބަސްފުޅެވެ. އިމާމު އަބޫ ޙަނީފާއާއި އިމާމު މާލިކުގެ މަޛްހަބަކީ އެކަން ޙަރާމްވެގެން ނުވާކަމަށާއި އަދި އެއީ މަކްރޫހަ ކަމެއްވެސް ނޫން ކަމަށެވެ. 

ކޮންމެއަކަސް ޙަރާމްކަމަށް ވިދާޅުވާ ބޭކަލުން ދަލީލު ނަންގަވަނީ އިމާމު މުސްލިމާއި އެނޫން ބޭކަލުން ރިވާކުރަށްވާފައިވާ މިޙަދީޘުންނެވެ. }إِذَا دَخَلَتْ الْعَشْرُ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا{ މާނައީ: ޙައްޖުމަހުގެ ދިހަދުވަސް އަންނަހިނދު ތިމާމެންގެ ތެރެއިން މީހަކަށް އުޟުޙިޔާ ކަތިލުމުގެ ފުރުޞަތު ލިބިއްޖެނަމަ އޭނާ ތިމާގެ އިސްތަށްޓާއި ނިޔަފަތީގެ ތެރެއިން އެއްވެސް އެއްޗެއްގައި އަތް ނުލާހުށި ކަމެވެ. އެހެން ބޭކަލުން ނަންގަވަނީ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘެވެ. އޭގައިވަނީ، ތިމަން ކަމަނާ ކީރިތި ރަސޫލާ ކަތިލުމުގެ ގޮތުން ގެފުޅަށް ފޮނުއްވަން ކަނޑައަޅުއްވާ ހަދުޔުގެ ކަރުގައި އެޅުމަށް ގިލަފަތި ގަތައި ތައްޔާރު ކުރަށްވަމެވެ. ދެން އިތުރުއެކަލޭގެފާނު އަމިއްލަފުޅުން އެގިލަފަތި އެސޮރުގެކަރުގައި އަޅުއްވާފައި ޙައްޖު ވެރިންނާއެކު މައްކާއަށް ފޮނުއްވަތެވެ. މިގޮތުން ހަދުޔު ކަތިލުމާ ހަމައަށް ވެސް އެކަމާ ގުޅިގެން ﷲ ހުއްދަ ކުރެއްވި އެއްވެސް ކަމަކުން މަޙްރޫމުވެ ވަޑައިގެން އެކަލޭގެފާނު ނުހުންނަވަތެވެ. 

އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މައްކާއަށް ހަދުޔު ފޮނުވުން އުޟުޙިޔާ ކަތިލުމަށް ޤަޞްދު ކުރުމަށްވުރެން ބޮޑުވެފައި މުހިއްމުކަން ބޮޑެވެ. އެކަމުގައި ތިޔަކަހަލަ ކަމެއްނެތް ހިނދު އުޟްޙިޔާގައި ވެސް އެކަން ޙަރާމް ނުވާނެއެވެ. ދެން ނަހީވެގެންވާ ޙަދީޘުތަކުން ތިމަންމެން ދަލީލު ނަގާނީ އެއީ ތަންޒީހީ ގޮތުން މަކްރޫހަ ވެގެންވާ ކަމެއްގެ ގޮތުގައެވެ. 

4-  ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމުގެ މާނަ: 

އަޅުގަނޑުމެންގެ އިމާމުން ވިދާޅުވާ ގޮތުން މިތާގައި ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމުގެ މުރާދަކީ އެފަދަ އެއްޗެއް އުފުރުމާއި ކޮށުމާއި ބޭލުމާއި ބުރިކުރުމެވެ. އަދި ނިޔަފަތި އުފުރުމާއި ބުރިކުރުމާއި އަނގައިން ވިއަސް ކެނޑުމެވެ. އަދި އިސްތަށީގެ މުރާދަކީ ކިހިލިފަތާއި ބޮލާއި ތުނބުޅިއާއި ޢާނަތުގެ އިސްތަށްޓާއި އެނޫންވެސް ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށްޓެއް ނުވަތަ އިސްތަށްޓަކުން ބައެއްވިއަސް ވަކިކުރުމެވެ. 

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ: 

ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޙައްޖުގައި އުއްމަތާ މުޚާޠަބު ކުރަށްވައި ވަރަށް ފުރިހަމަ އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވިއެވެ. އުއްމަތަށް ބޭނުންތެރި ވަޞިއްޔަތްތަކެއް ކުރެއްވެވިއެވެ. އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަން ވެއްޖެކަމުގެ ޚަބަރު ދެއްވައި އުއްމަތަށް އަލްވަދާޢު ކިއުއްވެވިއެވެ. ޚުޠުބާގައި ނަޞީޙަތުގެ ސިފައިގައި ވިދާޅުވި ރަންމުތީތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

 

ކީރިތި ރަސޫލާގެ ދެއްވި ޢިބްރަތުން ފުރިގެންވާ ޙައްޖު ޚުޠްބާ

اَلْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَتُوبُ إِلَيْهِ وَنَعُوذُ بِاللهِ مِنْ شُرورِ أَنْفُسِنَا وَمِنْ سَيِّئَآتِ أَعْمَالِنَا مَنْ يَهْدِ اللهُ فَلاَ مُضِلَّ لَهُ ومَنْ يُضَلِلْ فَلاَ هَادِيَ لَهُ وَأَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. أَمَّا بَعْدُ

އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ އުޅުމަށް ވަޞިއްޔަތް ކުރަށްވަމެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ބޯލެނބުމަށާއި ކިޔަމަންތެރިވެ އުޅުމަށް އިލްތިމާސް ކުރަށްވަމެވެ. އަދި މާދަމައިން ލިބެނިވި ސުވަރުގެ ހޯދޭނެ މަގު ހުޅުއްވައި ދެއްވަމެވެ.

އޭ މީސްތަކުންނޭވެ! ތިމަން ކަލޭގެފާނު ވިދާޅުވާ އެއްޗެއް ރަނގަޅަށް ކަނުލައި އަހާށެވެ. މިއަހަރަށް ފަހު ދެން މިމަޤާމުގައި ތިޔަބައިމީހުންނާއި ބައްދަލުވެ ވަޑައިގަންނަވާފާނެ ކަމަކަށް ތިމަން ކަލޭގެފާނަށް ހީފުޅުވެ ވަޑައި ނުގަންނަވައެވެ.

އޭ މީސްތަކުންނޭވެ! ދަންނާށެވެ! ތިޔަބައިމީހުންްގެ ފުރާނައާއި މުދަލާއި އަބުރަކީ ތިމާމެންގެ ވެރި އިލާހުގެ ޙަޟުރަތަށް ދެވެންދެން ޙުރުމަތްތެރި ވެގެންވާ އެއްޗެއްސެވެ. އެތަކެތި ޙުރުމަތްތެރި ވެގެންވަނީ ތިޔަބައިމީހުންނަށްޓަކައި މިބަރަކާތްތެރި މައްކާގައި މިޙުރުމަތްތެރި ޙައްޖުމަހުގައި މިޢަރަފާތް ދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަަދައިންނެވެ. ދަންނާށެވެ! ތިމާމެންގެވެރި އިލާހުގެ ޙަޟުރަަތަށް ދުރުނޫން ވަގުތެއްގައި ދާންޖެހޭކަން ކަށަވަރެވެ. އެއިރުން ތިމާމެން ކޮށްފައިހުރި ޢަމަލުތަކާމެދު ސުވާލު ކުރެވޭނެއެވެ. މިއަދު ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން މިއަންގަވަނީއެވެ.

ހަނދުމަ ބަހައްޓާށެވެ! އެއްވެސް މީހެއްގެ އަތުގައި އަމާނަތެއް ބެހެއްޓިފައި ހުރިނަމަ އޭގެ ވެރިފަރާތަށް އެއަމާނާތް ރައްދުކޮށްދޭށެވެ. އަދި ދަންނާށެވެ! ބަދަލަކާނުލައި މުދަލުގެ ރައުސުމާލަށް އިތުރުކުރާ ކޮންމެ އިތުރު ކުރުމަކީ ރިބާއެވެ. ތިޔަބައިމީހުންނަށް އެއިން ހުއްދަވާހުށީ ހަމައެކަނި ރައުސްމާލެވެ. (އެބަހީ ވިޔަފާރީގެ ކެޕިޓަލެވެ.) އޭރަކުން ތިޔަބައިމީހުން އަނެކުންނަށް އަނިޔާވެރިވާ ބަޔަކުކަމުގައި ނުވާނޫއެވެ. އަދި ތިމާމެން އަމިއްލަ ނަފްސަށް ވެސް އަނިޔާވެރިކަން ތަޙައްމުލު ކުރާކަށް ނުޖެހޭނެއެވެ. މާތް ﷲ ވަނީ ރިބާގެ މުޢާމަލާތް ނުކުރުމަށް ޙުކުމް ކުރަށްވާފައެވެ. ހަމަކަށަވަރުން ރިބާގެ ގޮތުގައި ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބެންވާ މުދަލަކީ އެންމެ ފުރަތަމަ މަނާކުރެވުނު ބާޠިލް މުދަލެވެ. ޖާހިލިއްޔަ ގޮތުގައި ޤިޞާޞް ހިފުމާއި ދިޔަހޯދުމެއްނެތި ބަދަލު ހިފުމުގެ ގޮތުން ލޭއޮހޮރުވައި އުޅުނުކަންތައް ހުއްޓާލެވިއްޖެއެވެ. އެންމެފުރަތަމަ ތިޔަބައިމީހުންގެ ތެރެއިން އޮހޮރުވާލެވުނު ލެއަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާއިންނެވެ. އެއީ ޢަބްދުލް މުއްޠަލިގެ ފުތް ޙާރިޘް ފުތް ރަބީޢާގެ ފުތް އިޔާސްގެ ލެއެވެ. ޖާހިލިއްޔަ އެންމެހައި ފަޚުރުވެރިކަމެއް ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށްލެވި ފުނޑާލެވިއްޖެއެވެ. ގެފުޅަށް ޚިދުމަށް ކުރުމާއި ޒަމްޒަމް ފެން ބޯންދިނުން ފިޔަވައެވެ.

އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މިބިމުގައި އަޅުކަން ކުރަމުން ދާނަމަ ޝައިޠާނާ ނާއުއްމީދު ކުރާނެއެވެ. އެހެނަސް އެނޫންކަން ކަންތައްތަކަށް ތަބާވާނަމަ އެކަންކަމާ އެސޮރު ރުހި އުފާކުރާނެެއެވެ. އަދި ތިޔަބައިމީހުން ތިމާމެންގެ ދީނުގެ ޢަމަލުތަކާމެދު ފަރުވާކުޑަކުރާ މިންވަރަކަށް އެސޮރު އެކަމާ އުފާކުރާނެއެވެ. ވުމާއެކު ތިމާމެންގެ ދީނުގެ ކަންކަމަށް ފަރުވާތެރިވެ، ރައްކައުތެރިވާށެވެ.

އޭމީސްތަކުންނޭވެ! މާތް ﷲ ޙުރުމަތްތެރި ކުރަށްވާފައިވާ މައްސަރުތަކެއް ވެއެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވަނީ މިފަަދައިންނެވެ. ﴿إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّـهُ فَيُحِلُّوا مَا حَرَّمَ اللَّـهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٣٧ މާނައީ: ދަންނާށެވެ! ﷲ ޙުރުމަތް ތެރި ކުރަށްވާފައިވާ މައްސަރުތައް އިސްފަސް ކޮށްލުމަކީ ތިމާމެންގެ ކާފިރުކަން އިތުރު ކުރުމެކެވެ. އެކަމުގެ ސަބަބުން ކާފިރުވި މީހުން ދާނީ އިތުރަށް މަގުފުރެދިގެންނެވެ. އެއުރެންގެ ޢަމަލު ހުންނަ ގޮތަކީ އެއްއަހަރު އެއްމައްސަރުގެ ޙުރުމަތް ކަނޑާލައެވެ. އަނެއްއަހަރު އެ މައްސަރު ޙުރުމަތްތެރި ކޮށްލައެވެ. އެމީހުން ދެކޭގޮތުގައި މިގޮތަށް ކަންތައްކުރުމުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޢަދަދު ހަމަކޮށްލެވެނީއެވެ. ޙަޤީޤަތުގައި އެއީ ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޙުރުމަތް ކަނޑާލުމެވެ. އެބައިމީހުންގެ ނަޒަރުގައި އެއުރެންގެ އެނުބައި  ޢަމަލުތަކަކީ ރަނގަޅު ކަންތައްތަކެވެ. ކާފިރުކަންމަތީ ދެމިތިބި ބަޔަކަށް ﷲގެ ޙަޟުރަތުން ޙައްޤުގޮތް ނުދައްކަވާނެތެވެ.

ހަމަކަށަވަރުން ޒަމާނަކީ ﷲ އުޑުތަކާއި ބިން އުފެއްދެވީއްސުރުން އޭގެ މަދާރުގައި ހިނގަމުން އަންނަ އެއްޗެކެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً﴾ އަދި އޭރުއްސުރެން ﷲ ކަނޑައަޅުއްވާފައިވަނީ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަސް ކަމަށެވެ. އޭގެ ތެރޭން ﷲ ޙުރުމަތްތެރި ކުރެއްވީ ހަތަރު މައްސަރު ވެއެވެ. މިހަތަރު މައްސަރުގެ ތެރެއިން ތިން މަސް އަންނަނީ ވިދިވިދިގެންނެވެ. މުޟަރު ޤަބީލާގެ މީހުން މާބޮޑަށް ޙުރުމަތްތެރިކުރާ ރަޖަބު ބަސް އަންނަނީ ވަކިން ޖުމާދައްޘާނީއާއި ޝަޢުބާންމަހާ ދެމެދަށެވެ.

އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އަނބީންނާ މުޢާމަލާތް ކުރުމުގައި ﷲ އަށް ބިރުވެތިވާށެވެ. ތިޔަބައިމީހުން އެކަނބަލުން ހޯދާފައިވަނީ ﷲގެ ޙަޟުރަތުން އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންނާއެކު އެއްދާންކުރުން ހުއްދަކޮށްފައި ވަނީ ﷲގެ ނަންފުޅުގައެވެ. ވުމާއެކު ދަންނާށެވެ! ތިޔަބައިމީހުންގެ އަނބީންނަށް ޓަކައި ތިޔަބައިމީހުންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. ހަމައެހެންމެ އެކަނބަލުންގެ މައްޗަށްވެސް ތިޔަބައިމީހުންނަށްޓަކައި ޙައްޤުތަކެއް ވެއެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކަކީ އެކަނބަލުންގެ ފިރިންގެ ރުހުމާއި ނުލައި އެއްވެސް މީހަކު ގެއަށް ނުވެއްދުމާއި ފިރިމީހާ ނުރުހޭ އެކަކަށްވެސް ގެއަށް މަރްޙަބާ ނުކިއުމެވެ. އަދި ތިމާމެންގެ ބަހުންނާއި ޢަމަލުން ހަޑިހުތުުރު ކަންކަން ނުކުރުމެވެ. ދެންފަހެ ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކަމުގެ އަދަބުގެ ގޮތުން ﷲ ހުއްދަ ދެއްވާފައިވާ އެއްކަމަކީ ވަގުތީގޮތުން އޭނާއާއެކު ނުނިދުމަށެވެ. އެގޮތުންވެސް އިޞްލާޙު ނުވެއްޖެނަމަ އަދަބު ދިނުމުގެ ގޮތުން ހާނިއްކައެއް ނުވާގޮތަށް ތެޅިއަސް އެންމެ ރަނގަޅެވެ. ދެން އެކަނބަލުން އިސްލާޙު ވެއްޖެނަމަ ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާނާއާއި އަންނައުނު ފޯރުކޮށްދިނުމެވެ.

އަންހެނުންނާމެދު ހެޔޮކޮށް ހިތުމުގައި ތިމަން ކަލޭގެފާނުންގެ ވަޞިއްޔަތެއް ކަމުގައި ދެކި އެކަން ޤަބޫލުކުރާށެވެ. އެކަނބަލުންނަކީ ތިޔަބައިމީހުންގެ އެކަނބަލުންނަކީ ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ބައެކެވެ. ތިޔަބައިމީހުންނަކަށް އެކަނބަލުންގެ މައްޗަށް އިތުރު ބާރެއް ފޯރުވުމުގެ އިޚްތިޔާރެއް ނެތެވެ.

އޭ މީސްތަކުންނޭވެ! އެންމެހައި މުސްލިމުންނަކީ އަޚުންނާއި އުޚްތުންނެވެ. އެއްވެސް މީހަކަށް ތިމާގެ އަޚާގެ މުދާ އޭނާގެ ހެއުހިތުން ދީގެން މެނުވީ ހުއްދަ ނުވާނެެއެވެ. ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘުކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭވެ. ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުން ތިޔަބައިމީހުން ކާފިރުންގެޢަމަލު ހުންނަފަދައިން ތިމާމެން އެއްބަޔަކު އަނެއްބަޔަކަށް ދެކޮޅުވެރިވެ ޤަތުލު ކުރަމުންދާ ބަޔަކު ކަމުގައި ނުވާށެވެ. ދަންނާށެވެ! ތިމަން ރަސޫލާ ތިޔަބައިމީހުންގެތެރެއަށް ދޫކުރަށްވާފައި ވަޑައިގަންނަވާ އުޞޫލުގައި ބާރަށް ހިފަހައްޓައިފިނަމަ (އެބަހީރަނގަޅަށް ތަބާވެއްޖެނަމަ) އެބަޔަކު ދުވަހަކުވެސް މަގުނުފުރެދޭނެއެވެ. އެއީ ﷲގެ ފޮތެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނުންގެ ވަންހަފުޅަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާގެ ބޭފުޅުންނެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭވެ.

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބަކީ އެއްކައުވަންތަ އެކެކެވެ. ތިޔަބައިމީހުންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު އުފައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެޙަޟުރަތުގައި ތިޔަބައިމީހުންކުރެން އެންމެމާތްމީހަކީ އެންމެ ތަޤްވާވެރިވި މީހާއެވެ. އެހެންކަމުން ތަޤްވާވެރި ކަމުގެ ޒަރީޢާއިން މެނުނީ ޢަރަބި ނޫން މީހެއްގެ މައްޗަށް ޢަރައްބަކަށް ވިއަސް މަތިވެރި ކަމެއް ލިބިގެނެއް ނުވެއެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ތިޔަ އިލާހު ހެކިވެ ވޮޑިގަންނަވާނދޭވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ. ޙާޟިރުވެ ހުރިމީހާ ޙާޟިރުވެ ނެތްމީހާއަށް މިބަސްފުޅުތައް ފޯރުކޮށްދޭށެވެ.

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ

(ނޯޓް: މިހިސާބުން ކީރިތި ރަސޫލާގެ ޚުޠުބާ ނިމުނީއެވެ. މިޚުޠުބާގައިވާ ޢިބާރާތްތަކަކީ ޙަދީޘުގެ އެކި ފޮތްތަކުން ނަގާފައި އެއްކޮއްލެވުނު ޢިބާރާތްތަކެވެ. ވަކި އެއްފޮތަކަށް ބަރޯސާ ނުކޮށެވެ. އެހެންކަމުން މިޚުޠްބާގެ ބައެއް ޢިބާރާތްތައް ކުރީގައި ބަޔާންވެދިޔަ މުސްލިމުގެ ޙަދީޘުގެ ޢިބާރާތްތަކާ ކުޑަކޮށް ތަފާތުވެފައިވާކަން ފާހަގަ ކުރެއްވެވޭނެއެވެ.)

]رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ[

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلاَمٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

 

 

(މިއީ "މިއަހަރުގެ ޙައްޖަކީ މުސްލިމުންގެ ސާދަސަތޭކަ ތެއްތިރީސްވަނަ ޙައްޖެވެ.

ކީރިތި ރަސޫލާގެ އަރިހު ޙައްޖަތުލް ވަދާޢުގައި އެންމެހައި ނަބީބޭކަލުންގެ ޢަދަދަށް ޙާޖިން ބައިވެރި ވިއެވެ." މިނަމުގައި އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވައި މިއަދުނޫހާއި ޙިއްޞާ ކުރައްވާފައިވާ ލިޔުމެކެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު