އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 15 ސިކުންތު
މިއަދު އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ތިމާ އެހެން މީހުންނަށް ހެޔޮކޮށް ކަންކަންކޮށްދިނުމުން އެމީހުން ތިމާއަށް ހެޔޮކޮށް ކަންކަން ނުކުރާތީ ހިތުގައި އުފެދޭ އުދާސްތަކެވެ. އެކަމާމެދު ހިތުގައި އުފެދޭ ޝަކުވާތަކެވެ. މިފަދަ ޝަކުވާތައް ހިތުގައި އުފެދޭނަމަ އެމީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބި ހިނގައިދާނެއެވެ.
އެހެނީ މީސްތަކުންނަށް މިއަދު މިއުޅެވެނީ މީސްތަކުންނަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވައި ދެއްވަވާ ﷲ ތަޢާލާއަށް ޝުކުރުވެރިނުވެވިގެންނެވެ. ވީއިރު އެމީހުން ފަދަ އެހެން އިންސާނަކަށް ޝުކުރުވެރިވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެފަދަ ބައަކު އެހެން އިންސާނަކަށް ޝުކުރުވެރިވާނެކަމަށް އުންމީދުކުރަންވެސް ހެޔޮނުވާނެ ނޫންހެއްޔެވެ؟
މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ! ﷲ ތަޢާލާވަނީ ކީރިތި ޤުރްއާނުގައި މިކަން ބަޔާންކުރައްވަވައިފައެވެ.
"އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ވެސް ނުކުރާކަހަލައެވެ. ކާފިރުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ." (ޔޫނުސް: 12)
ވީމާ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭންވީ އެއިގެ ބަދަލުގައި އެމީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ. އެންމެ ކުޑަމިނުން ޝުކުރުގެ ބަހަކަށްވެސް އެދިގެނެއް ނޫނެވެ! އެކަން ބަޔާންކުރައްވަވައި ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވެއެވެ.
"(ބުނަމުންނެވެ.) ތިމަންމެން ތިއަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. ތިއަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ." (އަލް އިންށާން: 9)
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ވަރަށް ގިނައިން ބުނެވޭއަޑުއިވެއެވެ. "އަހހުރެންގެ ބައިވެރިޔާ އަހުރެން ނިކަމެތިކޮށްލީ މިހައި މިހައި ރަނގަޅަށް ތެދުވެރިކަމާއި ވަފާތެރިކަމާއި އޯގާތެރިކަމާއިއެކު ކަންކަން ކޮށްދެމުންދަނިކޮށެވެ. އަހުރެންގެ މިވެނި ދަރިއަކު ނުވަތަ ދަރިން އަހުރެން ނިކަމެތިކޮށްލީ އޭނާއަށްޓަކައި އަހަރުންވީ ޤުރްބާނީއާއިމެދު ވިސްނައިވެސް ނުލައެވެ. ނުވަތަ މިވެނި މީހަކު ތިމާއަށް އިހާނެތިކޮށް ހިތައި ތިމާގެ ޙައްޤުތަކަށް އަރައިގަތީ އަދި ބައިވެރިޔާވެސް ޖަހައިގަތީ މިހައިމިހައި ރަނގަޅަށް ތިމާ އޭނާ އާއިމެދު ކަންކަން ކުރަމުން ދަނިކޮށެވެ."
މިފަދަ ކަންކަން ހިނގަނީ ހަމަ މިފަދައިން ކަމަށްވެދާނެއެވެ. މިފަދަ ކަންކަން ހިނގުމުން ހިތަށް އަސަރުވެސް ކުރާނެއެވެ. ނަމަވެސް ވިސްނައިލަންވީ ހަމަ އެންމެ ކަމަކަށެވެ. އެއީ ފަހުން މިބަޔާންކުރި އާޔަތެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދޭންވީ އެމީހާގެ ކިބައިން ޛައްރެއްގެ މިންވަރުގެ ވެސް ހެޔޮކަމަކަށް ނުވަތަ ހެޔޮ ބަހަކަށް އެދިގެނެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްވެސް ވީހައި ރަނގަޅަށް ކުރަން ﷲ ތަޢާލާ ތިމާއަށް އަންގަވާފައި އޮތުމުންނެވެ! ﷲ ތަޢާލާގެ އެންގެވުމަށް ބޯލެނބުމަށެވެ. އެކަމުގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންނެވެ.
ތިމާގެ ވާޖިބު ރަނގަޅުގޮތުގައި އަދާކުރުމަށްފަހު ﷲ ތަޢާލާގެ ދަރުމައަށް އެދިގެން ހުންނަ މީހާ އެކަމުގެ ވާހަކަވެސް ނުދައްކާނެއެވެ! ސައްތައިން ސައްތަ ﷲ އަށް ވަކީލުކުރުމަކީ އެއީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަ ބައަކަށް މިއަދު އުފާވެރިކަމާއި ހިތްހަމަޖެހުން ނުލިބިގެން މިއުޅެނީ މި ދެ ޢާޔަތާއިމެދު މިބުނެދިން މޭރުމުން ވިސްނައި ނުލެވޭތީއެވެ! މިބުނެދިން މޭރުމުން ވިސްނައި ސައްތައިން ސައްތަ ﷲ ތަޢާލާއަށް ވަކީލުކޮށް ހުރިހާ ނިޢްމަތެއް ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ.
އަބަދުވެސް އުފަލުގައި ހުރުމަށް ޔަޤީންކުރަންވީކަމަކީ ތިބާ ﷲ ގެ މަގުގައި ސާބިތުވެ ހުރެ އެހެން މީހުންނަށް ހެޔޮކޮށް ހިތަމުން ދަނިކޮށް ތިބާއަށް މީހަކު ދެރައެއް ދީފިނަމަ، ނިކަމެތިކޮށްލައިފިނަމަ އެކަމުގެ ބަދަލުގައި ﷲ ތައާލާ ހާސްގުނަ ނިޢްމަތް ތިމާއަށް އިތުރުކުރައްވަވައި ދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުރުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
31 ޖުލައި 2020