އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް އިންޑިއާ ސަފީރާ މަޝްވަރާކުރައްވައިފި

ނައިބު ރައީސް އިންޑިއާ ސަފީރާ މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބުފައިޞަލް ނަސީމް، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ އަބަދު ވެސް ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ އެއް ޤައުމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭސްފަރުވާއަށް ބޭނުންވި ފަރާތްތަކަށް އާސަންދައިގެ ދަށުން ބޭސްކުރުމަށް އިންޑިއާއިން މި ދަތި ދުވަސްވަރު ހަމަޖައްސައިދިން ޚާއްޞަ އިންތިޒާމުތައް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމަ މިއާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެހެނިހެން ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ވެސް ފާހަގަކުރައްވައި، އެ ކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަކާއި ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާ ސަފީރު މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިޔާ ސަފީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާއިން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަމާއި، ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި މުސްތަޤުބަލުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު