އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮގަސްޓު މަހު މީރާއިން 1.71 ބިލިއަން ރުފިޔާ ބަލައިގަނެފި

އޮގަސްޓު މަހު މީރާއިން 1.71 ބިލިއަން ރުފިޔާ ބަލައިގަނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

އޮގަސްޓު 2020 ގައި މީރާއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 97.6% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2020 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ގިނަ ސުންގަޑިތައް، ކޮވިޑް-19 އާ ގުޅިގެން، އޮގަސްޓު މަހަށް ލަސްކޮށްފައިވުމެވެ. މިގޮތުން، ބޭންކް ޕްރޮފިޓް ޓެކްސް، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ، 2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް އަދި 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ފުރަތަމަ އިންޓަރިމް ޕޭމަންޓް އޮގަސްޓު މަހަށް ލަސްކުރެވެނެވެ. މި ސުންގަޑިތަކަކީ 2019 ވަނަ އަހަރު ކުރީ މަސްތަކުގައި އައިސްފައިވާ ސުންގަޑިތަކަށް ވުމުން، މިދިޔަ އަހަރުގެ އޮގަސްޓު މަހު މި ސުންގަޑިތަކުގެ ފައިސާ ބަލައިގަނެފައިނުވުމުން، އޮގަސްޓް 2019 އާ އަޅައިބަލައި އޮގަސްޓު 2020 ގެ އާމްދަނީ އިތުރުވެފައިވަނީއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކުރުމަށްޓަކައި ދައްކަންޖެހޭ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް މި މުއްދަތުގެ ތެރޭގައި ލިބިފައިވުމަކީ ވެސް އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓު މަހުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

އޮގަސްޓު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 46.0% ނުވަތަ 783.76 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އެއީ %27.8 ނުވަތަ 474.57 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޖީ.އެސް.ޓީގެ ގޮތުގައި 293.91 މިލިއަން ރުފިޔާ (17.2%)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.93 މިލިއަން ރުފިޔާ (4.5%)، ރެސިޑެންޝަލް ޕަރމިޓްގެ ގޮތުގައި 21.49 މިލިއަން ރުފިޔާ (1.3%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 54.96 މިލިއަން ރުފިޔާ (3.2%) ހިމެނެއެވެ.

އޮގަސްޓު 2020 ގައި މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު