އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަރަހަނާ ހާލުގައިހުރެ ހިނައިގަތުމާ ވުޟޫޢުކުރުން ހުއްދަވާނެތަ؟ ޞައްޙަވާނެތަ؟

ބަރަހަނާ ހާލުގައިހުރެ ހިނައިގަތުމާ ވުޟޫޢުކުރުން ހުއްދަވާނެތަ؟ ޞައްޙަވާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ސުވާލު: ޢައުރަ ނިވާނުކޮށް ހުރެ، މިސާލަކަށް ކުރު ސޯޓެއް ނުވަތަ ބޮކްސަރއެއް ލައިގެން ނުވަތަ އެއްޗެއް ނުލާ ބަރަހަނާ ހާލުގައި ހުރެ ކުރާ ވުޟޫ ޞައްޙަވާނެތޯއެވެ؟ އެފަދަ ޙާލަތެއްގައި ހުރެ ހިނައިގަތުމުން ހިނައިގަތުން ޞައްޙަވާނެތޯއެވެ؟

ޖަވާބު: ޢައުރަ ނިވާނުކޮށް ހުރެ ވުޟޫކުރުމާއި ހިނައިގަތުމަކީ ހުއްދަކަމެކެވެ. އެހެނީ ވުޟޫ ނުވަތަ ހިނައިގަތުން ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ޢައުރަ ނިވާކުރުން އައިސްފައިނުވެއެވެ. އަދި އެފަދައިން ހުރެ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ ނަމާދުވެސް ޞައްޙަވާނެއެވެ.

ޢައުރަ ނިވައިނުކޮށް ހުރެ ހިނައިގަތުން ހުއްދަ ކަމުގެ މައްޗަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނުގެ އަނބިކަނބަލުން މައިމޫނާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ ޙަދީޘް ދަލާލަތުކުރެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަމަނާއާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކުގައި ހިނައިގަންނަވައެވެ. އެއީ (ގަނޑުވެފައިވާ ފުށް ހޭކިފައިހުރި) ބޮޑު ކަންވާރަކުންނެވެ. އަދި ބުޚާރީ އާއި މުސްލިމު ރިވާކުރައްވާފައިވާ އެތައް ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާއާއެކު ހިނައިގަންނަވާކަމަށް ރިވާކުރައްވާފައިވެއެވެ.

ހިނައިގަންނައިރު، ނިވައިވެގެން ހުންނަން ޖެހޭނެކަމަށް ވާޖިބުކުރާ އެއްވެސް ޙަދީޘެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަގޮތުގައި ޘާބިތުވެފައި ނުވެއެވެ. ބައެއް ސަލަފުންގެ ބޭކަލުން ހިނައިގަންނަވާއިރު އެގޮތަށް ނިވާކުރައްވާކަމަށް އައިސްފައިވިޔަސް އެއީ އިސްލާމްދީން ވާޖިބުކުރާ ކަމެއް ނޫނެވެ. މީސްތަކުންނަށް ޢައުރަ ނުފެންނަ ހިސާބެއްގައި ހުރިނަމަ އެ ނިމުނީއެވެ.

ބަރަހަނާ ޙާލަތުގައި ހުރެ ހިނައިގަތުން ހުއްދަ ކަމުގެ ދަލީލަކަށް ބައެއް ޢިލްމުވެރިން، މޫސާގެފާނު ބަރަހަނާ ޙާލުގައި ހުންނަވައިގެން ނާނޭފުޅު ފިއްލެވި ޙާދިޘާ ގެންނަވާފައިވެއެވެ. އެއީ ޞަޙީޙުލް ބުޚާރީގެ 274 ވަނަ ޙަދީޘާއި ޞަޙީޙު މުސްލިމްގެ 339 ވަނަ ޙަދީޘެވެ.

ޞަޙީޙު މުސްލިމްގެ ޝަރަހާގައި އިމާމު ނަވަނީ ރަޙިމަހުﷲ މިފަދައިން ބާބެއް ބަންނަވާފައިވެއެވެ. "އެކަނިހުރެ ފެންވަރާނަމަ ބަރަހަނާކޮށް ހުރެ ފެންވެރުން ހުއްދަކަން"

އަދި ހަމަ އެފަދައިން، އައްޔޫބް ޢަލައިހިއްސަލާމް ބަރަހަނާކޮށް ހުންނަވައި ނާނޭފުޅު ފިއްލެވި ވާހަކަ ޞަޙީޙުލް ބުޚާރީގެ 275 ވަނަ ޙަދީޘްގައި ބަޔާންވެފައިވެއެވެ.

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޙާޖަތަކަށް ޖެހިއްޖެނަމަ ޢައުރަ ކަޝްފުކުރުން ހުއްދަވާނޭ ކަމުގައި އިސްވެދިޔަ ބާބުން އަހަރެމެންނަށް އެނގެއެވެ. އެކަހެރިކޮށް ހުއްޓައި މިސާލަކަށް ފެންވަރާއިރު، ކުޑަކަމުދާއިރު، އަނބިމީހާއާއެކު އެއްދާންކުރާއިރު، އަދިވެސް މިފަދަ ޙާލަތްތަކުގައި ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ. މި ހުރިހާ ޙާލަތެއްގައިވެސް މީހާ އެކަނި ހުރިނަމަ ޢައުރަ ކަޝްފުކުރުން ހުއްދަވެގެންވެއެވެ. އެކަމަކު ޢައުރަ ދެއްކުން ހުއްދަނުވާ މީހަކު ހުރި ނަމަ މި ޙާލަތްތަކުގައިވެސް ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވެއެވެ."

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަނިހުރެ ހިނައިގަންނަ ނަމަ، ބަރަހަނާކޮށް ހުރެ ހިނައިގަތުމަށްވުރެ ރަނގަޅީ އެއްޗަކުން ޢައުރަ ނިވާކޮށްލައިގެން ހުރެ ހިނައިގަތުމެވެ. އަދި ޙާޖަތަށް ޖެހިގެންވާ އިރު އެ ޖެހިގެންވާ މިންވަރަށް ޢައުރަ ކަޝްފުކުރުން ހުއްދައެވެ. އަދި ޙާޖަތް ޖެހިގެންވާ މިންވަރަށްވުރެ އެ މުއްދަތަށްވުރެ ގިނައިރު، ބަރަހަނާ ޙާލުގައި އުޅުމަކީ، އެންމެ ޞައްޙަ ބަހުގައި، ޙަރާމްކަމެކެވެ.” " شرح مسلم " ( 4 / 32 ) . 

ޚުލާޞާ:

ހ- ޢައުރަ ނިވާނުކޮށް ހުރެ ވުޟޫކުރުމާއި ހިނައިގަތުމަކީ ހުއްދަ ކަމެކެވެ. އެކަމުގެ ސަބަބުން ވުޟޫގެ އަދި ހިނައިގަތުމުގެ ޞައްޙަ ކަމަކަށް ނަމާދުގެ ޞައްޙަކަމަކަށް ބަދަލެއް ނާންނާނެއެވެ.

ށ- ފާޚާނާ ތެރޭގައި ވުޟޫކުރާ މީހާ، ހިނައިގަންނަ މީހާ ވުޟޫކުރުމުގެ ކުރިން ހިތަށް ނިޔަތް އެރުވުމާއެކު، ބިސްމި ކިޔާނީ ހިތުންނެވެ. އެއީ ފާޚާނާތެރެއަކީ ޛިކްރުކުރުން ހުއްދަ ތަނެއް ނޫނެވެ. ވުޟޫ ދުޢާ ކިޔާނީ ފާޚާނާއިން ނުކުމެފައެވެ. އަދި ހިނައިގަންމީހާވެސް ހިނައިގަތުމުގެ ތެރޭގައި ވުޟޫ ހިމެނޭތީ، އޭނާ ވުޟޫދުޢާ ކިޔަން ބޭނުން ނަމަ ވުޟޫދުޢާ ކިޔާނީ ހިނައިގަނެ، ފާޚާނާއިން ނުކުމެފައެވެ. އެކަމުގައި އެ ލަސްވާ ލަސްވުމަކުން މައްސަލައެއް ނެތެވެ. 

 --ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢުތައް

فتاوى اللجنة الدائمة 5/235

https://islamqa.info/ar/answers/2167

https://islamqa.info/ar/answers/6976

އާރޓިކަލް ރޭޓްކުރައްވާ


27%
ވ.ރަނގަޅު
10%
ރަނގަޅު
32%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް