އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށްޓަކާ މައިންކުރާ ދުޢާ ވަގުތުން ޢިޖާބަކުރައްވަވާކަމުގެ ހެކި- ހިތްހަމަނުޖެހޭ ކަންކަން ކުރިނަމަވެސް ލޯބިދީ ކެތްތެރިވެ ދުޢާކުރައްވާ!

ދަރިންނަށްޓަކާ މައިންކުރާ ދުޢާ ވަގުތުން ޢިޖާބަކުރައްވަވާކަމުގެ ހެކި- ހިތްހަމަނުޖެހޭ ކަންކަން ކުރިނަމަވެސް ލޯބިދީ ކެތްތެރިވެ ދުޢާކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ހެޔޮ ބަދަލު

ދަރީން ބޮޑާހާކާން ފެށުމުން ނުވަތަ ބުނާބަސް ނާހައި އުޅޭންފެށުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މައިންބަފައިންނަށް ކުރަން އެންމެ އުނދަގޫ އެއްކަމަކީ ކެތްތެރިކަން އިސްކުރުމެވެ. ހުދު އަޅުގަނޑަށް ވެސް އެންމެ އުނދަގޫ އެއް ކަމަކީ ކެތްތެރިކަން އިސްކުރުމެވެ. 

ބައެއްފަހަރު ކެތްތެރިކަން ކޮޅުންލާފަހަރުވެސް އާދެއެވެ. އަނެއްބައިފަހަރު ވަރަށް ކެތްތެރިކަމާއިއެކު ލޯބިން ދަރީންނާއި ވާހަކަ ދެއްކުމަށް މަސައްކަތްވެސް ކުރަމެވެ. މިގޮތުން އެއްދުވަހަކު ދިމާވި ކަމެއް ހިއްސާކޮށްލާނަމެވެ. 

އެއްދުވަހަކު އަޅުގަނޑުގެ 3 އަހަރުގެ ދަރިފުޅު ކުޅޭން ހުއްޓައި، ނަމާދު ވަގުތު ޖެހުމުން ދަރިފުޅުގެ ކުޅޭ އެއްޗެހި ނެގުމަށްފަހު މަންމި އާއިއެކު ނަމާދުކުރަން އަންނަން ބުނީމެވެ. ކުޅޭ އެއްޗެހި ނެގުމުން ދަރިފުޅު ވަރަށް ހިތްހަމަ ނުޖެހިފައި، ބޮޑާހާކަމުން ބުނީ "ނުކުރާނަން ނަމާދެއް" 

އަޅުގަނޑު ކުއްލިއަކަށް ހަނދާންވީ ކުރިން ދުވަހު ޕޭޖަށްލީ ޕޯސްޓްމަތީންނެވެ. 

ދެން ދަރިފުޅާއި ދިމާއަށް ބަލާލުމަށްފަހު ހެވިލާފައި ބުނީމެވެ.

"އަސްލުތަ؟ ނަމާދު ނުކުރާނަން؟ އާދެބާ މަންމި ގާތަށް.. ދަރިފުޅުގެ ގައިގައި ބައްދާލާނަން" 

ދަރިފުޅު ވަރަށް ހައިރާންވެފައި ބުނީ " އެއީ ކީއްވެ؟ ބައްދާލަނީ" 

އަޅުގަނޑު ދަރިފުޅުގެ ގައިގައި ވަރަށް ލޯބިން ބައްދާލާފައި މިފަދައިން ދުޢާކޮށްލީމެވެ.

"رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ. آمين

ބައްދާލިތާ އިރުކޮޅެއްނުވެ

ދަރިފުޅު ހެވިދިލިފައި... بارك الله لها. آمين.)

އަޅުގަނޑު: " މަންމިއާއެކީ ދެން ނަމާދު ކުރާނަންތަ؟" 

ދަރިފުޅު އައިސްފަ ހުރި ރުޅިގޮސް ހެވިލާފައި ބުނީ " ހޫމްމްމ....ނަމާދު ކުރާނަން" 

އެއަށްފަހު އަޅުގަނޑާއިއެކު ނަމާދުކުރަން އައިސް 2 ރަކުއަތް ކޮށްލާފައި ނަމާދުކޮށް ނުނިމެނީސް ގޮއްސި. 

 اللهم احفظها، اللهم بارك لها. آمين.

މި ވާހަކަކޮޅުންވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިއައީ ކުދިންނާއި ލޯބިން މުޢާމަލާތް ކުރުމުގެ މުހިއްމުކަމެވެ. ލޯބިން މުޢާމަލާތް ކުރުމުން ހެޔޮ ބަދަލު އަންނަކަމެވެ. އެހެންނޫންތޯ! 

އާދެ، ތަރުބިއްޔަތުގެ މައިދާނުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މައިންބަފައިންނަށް ކުށްތައް ހެދޭ ފަހަރުތައް އާދެއެވެ. އަނެއްބައިފަހަރު ކަންކަން ރަނގަޅުކުރުމަށް ވަރަށް ހިތްވަރާއިއެކު މަސައްކަތްތައްވެސް ކުރެވެއެވެ. ބައެއްފަހަރު ހުރިހައި ކަމެއް އެންމެ ރަނގަޅަށް ނުކުރެވޭ ދުވަސްތައްވެސް އައިސްދާނެ އެވެ. ނަމަވެސް ހުރިހައި ކަމެއް އެންމެ ފުރިހަމައަށް ނުކުރެވުނު ކަމުގައިވީނަމަވެސް، އަަބަދުވެސް ހިތްވަރު އެލުވައިނުލަައި ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުމުގައި ޘާބިތުވާށެވެ. އެހެނީ ދަރީން ތަރުބިއްޔަތު ކުރުމަކީ އެކަމުގައި ނުހަނު ކެތްތެރިކަން ބޭނުންވާ ބުރަ މަސައްކަތެކެވެ. 

ދަރީންގެ ކިބައިން ތިބާ ހިތްނޭދޭ ކިތަންމެ ކަމެއް ފެނުނު ކަމުގައިވީނަމަވެސް، ނުވަތަ ކެތްތެރިކަން ކޮޅުންލާހިސާބަށް ދިޔަކަމުގައި ވީނަމަވެސް، ރުޅިއިސްނުކޮށް، ނުޖަހައި، އެއްޗެހި ނުކިޔައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިކަމާއިއެކު ދަރީންނާއި މުޢާމަލާތް ކުރަން ނަފުސު ހާނުވާށެވެ. މިކަމުގައި ދެމަފިރީންގެ އެއްބާރުލުން އެކެއް އަނެކަކަށް ބޭނުންވާނެވެ. ތިބާ ރިވެތި ގޮތުގައި ދަރީންނާއި ލޯބިން މުޢާމަލާތް ކޮށް، އަދި ތިބާގެވެސް ނުރަނގަޅު ކަންތައްތައް އިޞްލާޙުކޮށް ޙިކުމަތްތެރި ކަމާއިއެކު ދަރިފުޅާއި ވާހަކަދެއްކި ކަމުގައިވީނަމަވެސް، ފުރަތަމަ ދުވަހުން އެކަމުގެ ފޮނި ނަތީޖާ ނުފެނިދާނެއެވެ. ނަމަވެސް ތިބާ އެގޮތުގައި ޘާބިތުވާނަމަ

إن شاء الله، ފަހުންނަމަވެސް ހެޔޮ ބަދަލުތައް ދަރީންގެ ކިބައިން ފެންނާނެކަން ޔަޤީންނެވެ. އެހެންކަމުން، އެގޮތުގައި ޘާބިތުވަމަށް މަސައްކަތް ކުރާށެވެ. 

އަޅުގަނޑަކީވެސް ތަރުބިއްޔަތުގެ މައިދާނުގައި އެންމެ ފުރިހަމަ މަންމައެއް ނޫންނެވެ. އަޅުގަނޑަށްވެސް ތަރުބިއްޔަތުގެ މައިދާނުގައި އެތަކެއް މިސްޓޭކްސްތައް ހެދެއެވެ. އަދި ހަމައެއާއެކު ރަނގަޅު މަންމައަކަށްވުމަށްޓަކައި އެތަކެއް މަސައްކަތްތަކެއްވެސް ކުރަމެވެ.

ތުއްތު އިސްލާމީ ވެށީގެ ތަރުބަވީ ޕޯސްޓްތަކަކީ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އަދި އިސްލާމީ ތަރުބިއްޔަތުގެ ފޮތްތަކުންނާއި، ޕޭޖްތަކުންނާއި، ޝައިޚުން ދެއްވާ ދަރުސްތަކުންނާއި އަދި އެހެން މަންމައިންގެ ފަރާތުން ލިބޭ ތަރުބަވީ މަޢުލޫމާތުތަކާއި ނަޞޭޙަތްތަކެވެ. ބައެއް ފަހަރު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ އަލީގައި، ނުވަތަ ތަޖުރިބާއެއް ނެތި ޚިޔާލެއްގެ މައްޗަށް ހިއްޞާކުރާ ތަރުބަވީ ޕޯސްޓްތަކެކެވެ. ތުއްތު އިސްލާމީ ވެށިން ގެނެސްދޭ ތަރުބަވީ ދަރުސްތަކާއި، ނަޞޭޙަތްތަކާއި މަޢުލޫމާތުތަކަކީ ހުދު އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެންމެ ފުރަތަމަވެސް ހަނދާން ކޮށްދޭ ނަޞޭޙަތްތަކެކެވެ. 

ތުއްތު އިސްލާމީ ވެށި ވުޖޫދަށް އައުމީ ﷲ ގެ ރަޙްމަތާއިއެކު އަޅުގަނޑުގެ އަމިއްލަ ޙަޔާތަށްވެސް ތަރުބިއްޔަތުގެ މައިދާނުގައި އެތަކެއް ހެޔޮ ބަދަލުތައް އައުމަށް މެދުވެރިވި ސަބަބެކެވެ. الحمد لله

މާތް ﷲ އަޅަމެންނަށް ހެޔޮ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމުގެ ތައުފީޤް މިންވަރު ކުރައްވާށި. އަދި އެންމެހައި ނުބައި ކަންކަމުން އަޅަމެންނާއި އަޅަމެންގެ ދަރީން ރައްކާތެރިކޮށް ދެއްވާށި. އާމީން.

#thuhthuislaamyveshi #islaamytharubiyyath #islamicparenting

- މިއީ ތުއްތު އިސްލާމީ ވެށި ޕޭޖުގައިވާ ލިޔުމެކެވެ. އިޒުނައާއެކު ޝާއިޢުކޮށްފައި އެވަނީ ލިޔުމުގެ އަޞްލާއި އެއްގޮތަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް