އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު
އިންސާނުންނަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތަކީ ކަންކަމަށް ވިސްނައި ފިކުރުކުރުމުގެ ބާރެވެ. ކުޅަދާނަކަމެވެ. އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ވެގެންދާނީ އެންމެ ބޮޑަށް ފައިދާކޮށްދޭ އެކުވެރިޔާއަށެވެ. އަދި އެއާއިމެދު ފަރުވާކުޑަކޮށްލައިފިނަމަ އެންމެ ބޮޑަށް ގެއްލުންދޭ ހަތުރަށެވެ.
އެހެންކަމުން ކަމެއް ތިމާއަށް ވިސްނޭހިނދު އެކަން ޤަބޫލުކުރުމުގެކުރިން، ޚާއްޞަކޮށް އެކަމަށް އަމަލުކުރުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަންވާނެއެވެ! ކުރެވެން މިއުޅެނީ ތިމާއަށް ފައދާކުރާނެ ނުވަތަ ގެއްލުންދޭނެ ކަމެއްކަމާއިމެދުގައެވެ.
ވަކިން ޚާއްޞަކޮށް އެކަމަކީ އިސްލާމް ދީނުގައި ހުއްދަކަމެއްތޯ އަދި އެކަމެއް ކުރުމުން ތިމާއަށް ރޫޙާނީ ގޮތުން ކުރާނީ ކޮންފަދަ އަސަރެއް ކަމާއިމެދުގައެވެ. އެކަމެއް ކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުންތޯ ނުވަތަ ލަޢްނަތްކަމާއިމެދުގައެވެ. ހަމައެފަދައިން އެކަމެއް ކުރުމުން ތިމާގެ އަމިއްލަ ދިރިއުޅުމަށް ކުރާނެ އަސަރާއިމެދުގައެވެ.
ވިސްނޭ ކޮންމެ ކަމަކީ ކުރަނގަޅުކަމެއް ކަމަށްނުވެދާނެއެވެ. އަދި އެއީ ނުބައިކަމެއް ކަމަށްވެސް ނުވެދާނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ އެކަމަކާއިމެދު ފުންކޮށް ވިސްނައި ފިކުރުކޮށްލުމެވެ. އެކަމެއް ކުރަން އަވަސްނުގަތުމެވެ.
މިގޮތުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ދެ ކަމެއްވެއެވެ.
ފުރަތަމަ ކަމަކީ މީހުން އަލަށް ބުނެދޭ އަޅުކަމެވެ. އެބާވަތުގެ ކަމެއް މެދުވެރިވެއްޖެނަމަ އެއީ ދީނުގައި ސާބިތުކަމެއްކަން ޔަޤީންކުރަންވާނެއެވެ. ޤުރްއާނާއި ސުންނަތުން ސާބިތުނުވާ އެއްވެސް ކަމަކީ އަޅުކަމަކަށްނުވާނެއެވެ. އެހެނީ އަޅުކަމެއް އުފެއްދުމުގެ ހުއްދަ އެއްވެސް މީހަކަސް ލިބިގެނެއް ނުވެއެވެ. އެފަދަ ކޮންމެ ކަމަކީ ބިދުޢައެކެވެ.
ދެވަނަކަމަކީ ކައިވެނީގެ ކަންކަމެވެ. ކައިވެނިކުރުމުގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ބައިވެރިޔާގެ ދީންވެރިކަމާއި އަޚްލާޤަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. ހަމައެފަދައިން ކައިވެނި ރޫޅާލުމުގެކުރިން އެ ނޫންގޮތެއް ހަމަނެތްތޯ ބަލަންވާނެއެވެ. ކައިވެނި ރޫޅައިލުމުން ދިރިއުޅުމަށް ކުރާނީ ފައިދާކަން ކަށަވަރުކުރަންވާނެއެވެ. ނޫންނަމަ މުޅި އުމުރުވެސް އެކަމުގެ ހިތާމައިގައި ހޭދަކުރަން ޖެހިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
21 ނޮވެމްބަރ 2020