އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ދެއްވަވާފައިވާ ރަނުގެ ފުރުޞަތުތައް!: މުފްތީ މެންކް

ދުޢާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ދެއްވަވާފައިވާ ރަނުގެ ފުރުޞަތުތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުމުގައި މީސްތަކުންގެ ވަރަށް ބޮޑު ފަރުވާކުޑަކަމެއްވެއެވެ. ނުވަތަ އެބައޮތެވެ. މިފާހަގަކޮށްލަނީ އެއިގެ ތެރެއިން ދެކަމެކެވެ. 

ﷲ ތަޢާލާއަށް ދުޢާކުރަން ވަކިވަގުތެއް ނެތެވެ. ނަމަވެސް ޚާއްޞަ ވަގުތުތަކެއް އެނގެން އެބައޮތެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. މަސްތަކުގެ ތެރެއިން ވަކި މައްސަރުތަކެއް ޚާއްޞަކުރައްވަވާފައިވެއެވެ. ދުވަސްތަކުގެ ތެރެއިން ވަކި ދުވަސްތަކެއް އަދި ރޭތަކުގެ ތެރެއިން ވަކިރޭތަކެއް ވަނީ ޚާއްޞަ ކުރައްވަވައިފައެވެ. ދުޢާ ޢިޖާބަ ކުރެއްވެވުމަށްވެސް ޚާއްޞަ ވަޤުތުތަކެއް ބަޔާންކުރައްވަވާފައި އެވަނީ އެއުޞޫލުންނެވެ. 

1- ހުކުރު ދުވަހުގައި ދުޢާ ޢިޖާބަކުރައްވަވާ ވަގުތުކޮޅެއްވެއެވެ. ނަމަވެސް އެ ވަގުތުކޮޅަކީ ކޮބައިކަމެއް ނުއެނގެއެވެ. އެނގޭކަމަކީ ވަގުތުކޮޅެއްވާކަމެވެ. ވީމާ އެވަގުތުކޮޅު ލިބިގަންނަން ނުވަތަ އެވަގުތުކޮޅުގައި ދުޢާކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކޮށްފިނަމަ އެއީ ޙާޞިލުނުކުރެވޭވަރުގެ ކަމެއް ނޫނެވެ! އަދި އެ ވަގުތުކޮޅުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން އެދުޢާއެއް ޢިޖާބަކުރައްވަވާނެކަންވެސް އެނގެން އެބައޮތެވެ! 

2- ދެން އޮތީ ކޮންމެ ރެއަކު ދެއްވަވާ ފުރުޞަތެވެ! އެމީހަކު ބޭނުންވާ ކަމަކަށްއެދި އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން ކޮންމެރެއަކު ﷲ ތަޢާލާ ދައުވަތު ދެއްވަވާ ވަގުތެވެ. އެއީ ރޭގަނޑުގެ 3 ދަންފަޅިން ފަހުދަންފަޅިއެވެ. އެވަގުތު އެންމެ ކައިރީގައިވާ އުޑަށް ކުއްތަންވެވޮޑިގެން ﷲ ތަޢާލާ ވަޙީކުރައްވަވަތެވެ! "އެމިހެއްގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ތިމަން ﷲ ގެ ޙަޟްރަތުގައި ދަންނަވަން ބޭނުންވާ މީހުން ކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ޙަޟްރަތުން އެއްވެސް ކަމަކަށް އެދި ދަންނަވާ މީހުން ކޮބައިހެއްޔެވެ؟" 

ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ޤަބޫލުނުކޮށް ކަންނެތްވެ ނިދަންތިބޭ މީހުން އެބުނަނީ ﷲ ތަޢާލާ ދެއްވަވާ ދަޢުަތު ބޭނުން ނޫންކަމަށެވެ. ދައުވަތު ޤަބޫލުނުކޮށް ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ އެކަމުގައި އަބަދުވެސް މި މިސާލު ދައްކަމެވެ. އެއީ ވަކިވަގުތަކު ބަލައިދިއުމުން ލިބެންހުރި ފައިސާތައް ބަލައި އެވަގުތު ނުގޮސް ފަރުވާކުޑަކޮށްފައި އެ ފައިސާތައް ނުލިބުމުގެ ޝަކުވާކުރެވޭނެ ހެއްޔެވެ؟ އެޙާލަތުގައި ކުރާ ޝަކުވާގެ އަޑުއަހައި ޤަބޫލުކުރާނީވެސް ކާކުހެއްޔެވެ؟  

މީސްތަކުންނޭވެ! ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން އުޅޭއިރު ކަނޑައެޅިގެން އެނގެން އޮތް މި ދެ ވަގުތުގައި ދުޢާކުރަމުހެއްޔެވެ؟ ހުކުރު ދުވަހުގެ އެވަގުތު ލިބިގަންނަން އެއްވެސް މަސައްކަތެއް ކުރަމުހެއްޔެވެ؟ ނޫނީ ދުޢާކުރަން ﷲ ތަޢާލާ ދަޢުވަތު ދެއްވަވާ ގަޑީގައި އެބަ ދުޢާކުރަމު ހެއްޔެވެ؟ 

އެވަގުތުތަކުގައި އެކަން ނުކުރެވޭނަމަ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން ލަސްވެގެން ޝަކުވާކުރުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ފުރަތަމަ ބަލަންޖެހޭނީ ﷲ ތަޢާލާ ދެއްވަވާފައިވާ ރަނުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށެވެ. 

އެގޮތުން ކުރަންއޮތް ކަމަކީ އެންމެ މުހިންމު ވަގުތުތަކުގެ ބޭނުންހިފުމެވެ. އެފަދަ ވަގުތުތަކުގައި ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކޮށް ދުޢާކުރުމެވެ. ސުންނަތް އަޅުކަންކުރުން ގިނަކުރުމަކީ ކިޔަމަންތެރިންގެ ސިފައެކެވެ. ފުރަތަމަ ވާންވީ ކިޔަމަންތެރިއަކަށެވެ. ހާމަކުރަންވީ ތިމާގެ ނިކަމެތިކަމެވެ. 

ފުރަތަމަ ކަމަކަށް ޤަބޫލުކުރަންވީ ތިމާއަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫންކަމެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވައިދެއްވެވުމުން ނޫނީ އެއްވެސް ކަމެއް ތިމާއަށް އަމިއްލައަށް ޙާޞިލު ނުކުރެވޭނެ ކަމެވެ. ވީމާ ތިމާގެ ނިކަމެތިހަން ހާމަކުރާށެވެ! މަޑުމައިތިރިކަމާއި މަޑުމޮޅިކަމާއިއެކު ލޮލުން ކަރުނަ އަޅައި ދުޢާކުރާށެވެ! އެމީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް