އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގަ ތިބެގެން އަންހެނުންވެސް ދުޢާކުރާށެވެ!- "ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަ ނުކުރެއްވި ނުދެއެވެ."- ޝައިޚް މުޙައްމަދު ޝާފިޢު

ގޭގަ ތިބެގެން އަންހެނުންވެސް ދުޢާކުރާށެވެ!- "ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަ ނުކުރެއްވި ނުދެއެވެ."- ޝައިޚް މުޙައްމަދު ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 40 ސިކުންތު

ސުވާލު: އަންހެނުންނަށް ސުންނަތްވެގެންވަނީ ގޭގައި ނަމާދުކުރުން ކަމުގައިވާއިރު، އަދި ބަންގި ގޮވުމާއި ޤަމަތްދިނުމަކީވެސް އަންހެނުންނަށް ސުންނަތްކަމެއް ކަމުގައި ނުވާއިރު، ޙަދީޘްގައި އައިސްފައިވާ ދުޢާ އިޖާބަ ވާ ވަޤުތު ބަންގިއާއި ޤަމަތާދެމެދު ދުޢާކުރުން، އަންހެނުން ޙާޞިލްކުރާނީ ކިހިނެއްތޯއެވެ؟

ޖަވާބު: ބަންގިއާއި ދެމެދުގެ ވަޤުތަކީ ދުޢާ އިޖާބަކުރައްވާ ވަޤުތެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ) [رواه الترمذي في سننه وصححه الألباني] 

މާނައީ: "ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ."

އަޞްލަކީ މި ވަޤުތަކީ ހަމައެކަނި މިސްކިތްތެރޭގައިވާ މީހުންނަށް އަންނަ ވަޤުތުކޮޅަކަށް ނުވުމެވެ. 

މި ޙަދީޘްގައި އައިސްފައިވަނީ ވަޤުތުގެ ވާހަކައެވެ. އެހެންކަމުން މި ވަޤުތުގައި ދުޢާ ކޮށްފިމީހަކަށް އެމީހާގެ ދުޢާ އިޖާބަވުން އައުލާވެގެންވެއެވެ. އެއީ މިސްކިތުގައި ހުރި ކަމުގައިވިޔަސް ނުވަތަ މިސްކިތުން ބޭރުގައި ހުރި ކަމުގައިވިޔަސް މެއެވެ. އެހެންކަމުން ގޭތެރޭގައި ތިބޭ އަންހެނުންނަށްވެސް މި ވަޤުތުގައި ދުޢާކުރުން ސުންނަތްވެގެންވެއެވެ.

އައްޝައުކާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. މި ޙަދީޘުން ދަލާލަތު ކުރަނީ ބަންގިއާ ޤަމަތާ ދެމެދުގައި ކުރާ ދުޢާ މުޠުލަޤު ގޮތެއްގައި އިޖާބަވާނޭ ކަމަށެވެ. އެއީ ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް ދުޢާ ނުކުރާހާ ހިނދުގައެވެ. (ނައިލުލް އައުޠާރި)

މިތަނުގައި އިމާމުއް ޝައުކާނީ، މި ދުޢާ އިޖާބަވުން އެއީ ހަމައެކަނި މިސްކިތުގެ އަހުލުވެރިންނަށް ޤައިދުކުރައްވާފައެއް ނުވެއެވެ. އަދި މިކަމަށް އަންނަނިވި ޙަދީޘުން ދަލާލަތު ކުރެއެވެ.

އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.

ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إذا نَادَى المُنَادِي فُتِحَتْ أبْوابُ السَّمَاءِ وَاستُجِيبَ الدعاءُ.- رواه أبوعوانة في مسنده، والحاكم في المستدرك، وصححه الألباني. 

މާނައީ: "ބަންގި ގޮވާ މީހާ ބަންގި ގޮވައިފިނަމަ، އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެހާރުން ދުޢާ އިޖާބަވެއެވެ."

އަލްމުނާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. ” ބަންގިގޮވާ މީހާ ނަމާދަށް ބަންގި ގޮވައިފިނަމަ. އެހާރުން، ދުޢާކުރާ މީހުންގެ ދުޢާ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަކުރައްވައެވެ. އެއީ ދުޢާ އިޖާބަކުރައްވާ ވަޤުތުތަކުގެ ތެރެއިން ވަޤުތެކެވެ

ދުޢާ އިޖާބަކުރައްވާ ވަޤުތުތަކުގެ ތެރެއިން ޢިލްމުވެރިން، ބަންގިއާއި ޤަމަތާ ދެމެދުގެ ވަޤުތު ޛިކްރުކުރައްވާފައިވާއިރު މިކަމުން އަންހެނުން އިސްތިސްނާކުރައްވާފައެއް ނުވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖިލީހުގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް މުޙައްމަދުލް މުޚްޠާރު އައްޝިންޤީޠީ ޙަފިޡަހުﷲ އާ، ގޭތެރޭގައި ތިބޭ އަންހެންވެރިންނަށް މި ދުޢާ އިޖާބަކުރައްވާ ވަޤުތުކޮޅު ދެމިގެންވަނީ ކިހާ އިރެއްވަންދެންތޯ، އެއީ އެންމެ ފުރަތަމަ ޤަމަތްދޭ މިސްކިތުން ޤަމަތް ދެންދެން ތޯ ނުވަތަ އެންމެ ފަހުން ޤަމަތްދޭ މިސްކިތުން ޤަމަތްދެންދެން ތޯ ސުވާލުކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ.

"ދަލީލަތަކުން ފެންނަ ފެނުމުގައި ދަލާލަތުކުރަނީ ކޮންމެ ބަޔަކުވެސް އެބަޔަކު މީގެ ވަޤުތު ކަނޑައެޅުމުގައި އެބައެއްގެ ބަންގިދޭ މީހާ، ޤަމަތްދޭ މީހާއަށް ބެލުމަށެވެ. އޭރުން އެފަދަ މީހާ ބަލާނީ އެކަމުގައި އަވަހަށް ޤަމަތްދިނުމާއި ލަހުން ޤަމަތްދޭ މިސްކިތަކަށް ނޫނެވެ. އަދި ކިޔެއް އެކަމުގައި ބަލާނީ ބަންގި އަޑު އިވޭނަމަ، އެންމެ ކައިރިން އެ އަޑު އިވޭ މިސްކިތެއް ނުވަތަ ގެއާއި އެންމެ ކައިރީގައިވާ މިސްކިތުން ޤަމަތްދޭ ޤަމަތް ދިނުމަށެވެ."

ދެން މިތަނުގައި އުފެދޭ އަނެއް ސުވާލަކީ، ބަންގި ގޮވާ އަޑު ނީވޭގެތަކުގައި އުޅޭ އަންހެނުން އަދި އަމުދުން ޤަމަތްދޭ އަޑު ނީވޭ ގެތަކުގައި އުޅޭ އަންހެނުންނަށް މިވަޤުތުގައި ދުޢާ ކުރުމަށްޓަކައި ވެ ވަޤުތު ލިބިގަންނާނީ ކިހިނަކުންތޯ އުފެދޭ ސުވާލެވެ.

އަސްލަކީ އިސްލާމީ ޤައުމެއްގައި މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ބަންގީގެ އަޑު ފޯރުމެވެ. އަޑުގަދަކުރާއަކުން ނުވަތަ އެހެންވެސް ވަޞީލަތެއް ބޭނުންކޮށްގެން ކަމުގައި ވިޔަސް މެއެވެ. އަޑުގަދަކުރާއިން ބަންގި ގޮވިކަމުގައިވިޔަސް ދިރިއުޅޭ ގެ ކޮޓަރި ނުވަތަ އެޕާރޓްމެންޓު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ބަންގީގެ އަޑު ނީވުނެއްކަމަކު މިޒަމާނުގައި ޓީވީއާއި ރޭޑިޔޯ އަދި ފޯނު އެޕްލިކޭޝަންތަކުގެ ޒަރީޢާއިން ނަމާދުގެ ވަޤުތު ޖެހުނުކަން މީސްތަކުންނަށް އެންގޭއިރު، އެއީ ބަންގިއަށް އިޖާބަދިނުމާއި އަދި ބަންގިއާ ޤަމަތާ ދެމެދު އަންނަ ދުޢާ އިޖާބަކުރައްވާ ވަޤުތުކޮޅު ބޭނުންކުރަން ފަށަންވީ ވަޤުތެވެ.

މިސްކިތުން ޤަމަތްދޭ އަޑު ނީވޭނަމަ، އޭގައި ޢަމަލުކުރެވޭނެ އެއްގޮތަކީ އެކަމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢީދެއްވާނަމަ، މާނައަކީ ބަންގިއާ ޤަމަތާ ދެމެދު މަދުވެގެން ދޭނެ ވަޤުތު ސަރުކާރުގެ ފަރާތުން ނުވަތަ ކަމާބެހޭ ފަރާތަކުން ކަނޑައަޅާފައިވާނަމަ އެއަށް ޢަމަލުކުރުމެވެ. އަނެއްގޮތަކީ އެޤައުމެއްގެ އާދަކާދާގައި ޢާއްމުކޮށް ޤަމަތްދޭ ވަޤުތަށް ބަލާފައި އެދެމެދުގައި ދުޢާކުރުމެވެ. މިނޫން ގޮތަކުންވެސް އެ ވަޤުތު ލިބިގަތުމަށް އުނދަގޫވާނަމަ ހަމަ ޔަޤީނުންވެސް ބަންގިއަށް ފަހުގައި ދުޢާކުރުމުން އެވަޤުތުކޮޅުގެ ތެރޭގައި ދުޢާކުރެވުނީއެވެ.

ނަމާދު އޭގެ ވަޤުތުގެ ކުރީކޮޅުގައި އަދާކުރަން ސަމާލުކަންދޭންވީ އެއްސަބަބަކީ މިއީ އެވެ. މިވަޤުތުކޮޅު ލިބިގަތުމެވެ.

ދެން އޮތް ސުވާލަކީ ގޭގައި ނަމާދުކުރާ ފިރިހެނަކު، އޭނާ ބަންގި ދީފައި، އޭނާ ނަމާދު ކުރުމަށްޓަކައި ބޭނުން އިރަކުން އޭނާ ޤަމަތް ދެންދެން، އޭނާއަށް، އެވަޤުތު ދެމިގެންވާނެތޯ ކުރެވޭ ސުވާލެވެ. އެހެނީ ޙަދީޘްގައިވަނީ ބަންގިއާ ޤަމަތުގެ ވާހަކައެވެ. އޭނާވެސް ދެނީ ބަންގިއާއި ޤަމަތެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުޢީ ޢުޛުރެއްނެތި ގޭގައި ނަމާދުކުރާ ފިރިހެނުން މި ޙަދީޘްގައި މިވާ މާތްކަމުގެ ތެރެއަކަށް ނުވަންނާނެއެވެ. އެކަމަކު އަންހެނުން މި ޙަދީޘްގެ ތެރެއަށް ވަންނާނެއެވެ. މާނައަކީ ދުޢާ އިޖާބަވާ ވަޤުތުކޮޅު ލިބޭ މީހުންގެ ތެރެއިން އެގޮތަށް ގޭގައި ނަމާދުކުރާ ފިރިހެނުން ނުހިމެނޭނެ ކަމާއި އެކަމަކު އޭގެ ތެރޭގައި އަންހެނުން ވަންނާނޭ ކަމެވެ.

ޝައިޚް ޢަބްދުﷲ ބިން ޢަބްދިއްރަޙްމާނުލް ޖިބްރީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ.

"ބަންގިއާއި ޤަމަތާދެމެދު ކުރެވޭ ދުޢާއަކީ އިޖާބަކުރެވޭ ދުޢާއެކެވެ. މިތަނުގައި ޤަމަތުގެ މުރާދަކީ ކޮބައިތޯއެވެ؟ އެއީ މިސްކިތުން ޤަމަތްދިނުންތޯއެވެ؟ ނުވަތަ އަހުރެން ގޭގައި ނަމާދުކުރާ މީހަކު އަހަރެން ޤަމަތްދެންދެން އެވަޤުތު ދެމިގެންވޭތޯއެވެ؟"

ޖަވާބުގައި ވިދާޅުވިއެވެ.

"މިތަނުގައި ޤަމަތުގެ މުރާދަކީ، ނަމާދުކުރުމަށްޓަކައި، ނަމާދުކުރާ އިމާމާ މިސްކިތަށް ޙާޟިރުވުމުން ނަމާދު ޤާއިމުކުރުމަށްޓަކައި މިސްކިތުގައި ދެވޭ ޤަމަތެވެ. ދުޢާ އިޖާބަކުރެއްވޭނެ ކަމަށް ބެލެވޭ ވަޤުތަކީ ބަންގިގޮވާ މީހާ ބަންގި ގޮވާ ނިމުނީއްސުރެ ފެށިގެން ޤަމަތްދޭން ފަށަންދެނެވެ. ކަންނެތްކަމާއި ޣާފިލުކަމުގެ ސަބަބުން ޖަމާޢަތުގެ ނަމާދަށް މިސްކިތުގެ ޤަމަތަށް ޙާޟިރުނުވެ ގޭގައި ނަމާދުކުރާ މީހުން މީގެ ތެރެއަކަށް ނުވަންނާނެއެވެ. އެއީ ޢުޛުވެރިއެއްކަމުގައި ވެއްޖެނަމަ މެނުވީއެވެ. އެމީހުން ކުރާ ދުޢާ މި ފާފައިގެ ސަބަބުން (ޖަމާޢަތް ދޫކޮށްލުމުގެ ފާފައިގެ ސަބަބުން) އިޖާބަނުވުންވެސް އެކަށީގެންވެއެވެ. އަންހެނުން އެކަމުގައި ބަލާނީ (އަޑު އިވޭނަމަ) އެންމެ ކައިރީގައިވާ މިސްކިތަކުން ޤަމަތްދޭ ވަޤުތަށެވެ. އޭރުން އަންހެންމީހާގެ ޙައްޤުގައި އެވަޤުތަކީ (ދުޢާ އިޖާބަކުރައްވާ ވަޤުތަކީ) އޭނާއާ އެންމެ ކައިރި މިސްކިތުން ޤަމަތްދޭ ވަޤުތެވެ. ނަމާދު ވަޤުތުން ފަސްކޮށް ކުރާނަމަ، އޭރު މިސްކިތުން ޤަމަތްދިނުން ވާނީ ފާއިތުވެފައެވެ. އެ ޙާލަތުގައި ދުޢާ އިޖާބަކުރައްވާ ވަޤުތުވެސް އެ ފާއިތުވީއެވެ."

އެހެންވީމާ ޚުލާޞާއަކީ، މި ދުޢާ އިޖާބަކުރައްވާ ވަޤުތަކީ މީގައި އަންހެނުންވެސް ހިމެނޭ ވަޤުތެކެވެ.

މަރުޖިޢުތައް

أحكام الآذان والنداء والإقامة – دراسة فقهية مقارنة لسامي بن فراج الحازمي – دار ابن الجوزي للنشر والتوزيع – المملكة العربية السعودية.

– فتاوى من موقع اسلام وب – استجابة الدعاء بين الأذان والإقامة هل يشمل النساء

- ޝައިޚް މުޙައްމަދު ޝާފިޢު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް