އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ހިތްހެޔޮކުރުމާ މާފުކުރުމަކީވެސް ސުވަރުގެ ޔަޤީންކުރެވެންއޮތް މަގެއްކަން ސުންނަތުން-

ހަމައެކަނި ހިތްހެޔޮކުރުމާ މާފުކުރުމަކީވެސް ސުވަރުގެ ޔަޤީންކުރެވެންއޮތް މަގެއްކަން ސުންނަތުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ސަލާމެވެ. ސަލާމްކުރުމެވެ. އަމާންކަން ކަށްވަރުކޮށދިނުމެވެ. ތިމާގެ ކިބައިން އަނެކާއަށް ސަލާމަތްކަން އޮތްކަން ކަށަވަރުކޮށްދިނުމެވެ. މިބަޔާންކުރި ކަންކަން ކުރެވޭނީ ހިތްހެޔޮކޮށް މާފުކުރުމުގެ އާދަ އެމީހެއްގެ ކިބައިގައި ހުރެގެންނެވެ.  

އިސްލާމް ދީނަކީ ހިތް ހެޔޮ ކުރުމުގެ ދީނެވެ. މީސްތަކުންނަށް މަޢާފް ކުރުމުގެ ދީނެވެ. މީސްތަކުންނަށް ހިތް ހެޔޮ ކުރުމަކީ ދިރިހުއްޓައި ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވާ ސަބަބެއްކަން ކައު އިތުރު ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ސާބިތުވާން އޮތުމުން އެކަމުގެ މަތިވެރިކަން އެއޮތީ ހާމަވާށެވެ. 

މިއީ ހަމަ އެންމެންވެސް ދަންނަ ހަދީޘްފުޅެކެވެ. "ދެން މިސްކިތަށް ވަންނާނީ ސުވަރުގެ ވަންތަވެރިއެއް" ކަމަށް 3 ދުވަހު ބަޔާން ކުރެވެވިއިރުވެސް މިސްކިތަށް އެވަގުތު ވަދެވަޑައިގަތީ އެއް ޞަޙާބީއެއްކަމާއި އެބޭކަލެއްގެ ކިބައިގައި ހުރި ހަމައެކަނި ޚާއްޞަ ސިފައަކީ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ހުރިހާ އެންމެންނަށް މަޢާފް ކުރައްވަވައި ހިތްހެޔޮ ކުރެއްވެވުންކަން އެއީ އެނގެން އޮތް ކަމެކެވެ. ދިގުކުރަން އެ ވާހަކަ ނުދައްކައި މަޢްޟޫއާއިގެން ކުރިއަށް ދާނަމެވެ. 

މީސްތަކުންގެ މައްޗަށް ހިތް ހެޔޮ ކުރުމަކީ އަދި މަޢާފް ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތް އިރުވެސް ކޮންމެވެސް މައްސަލައެއްގައި ހިތްހަމަނުޖެހި އަހަރެމެން މައިން ބަފައިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އެއްބަނޑު އެއްބަފާ މީހުންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަނިބިފިރިންނާއި އަދި ފިރިން އަނބިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަދި ބައެއް ހާލަތްތަކުގައި ދަރިންނާއިވެސް ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. 

ގިނަ ފަހަރަށް މިފަދަ ކަންކަން މެދުވެރިވެފައި ހުންނަނީ މުދަލުގެ މައްސަލައިގައެވެ. ނޫން ނަމަ ފައިސާގެ މައްސަލައިގައެވެ. ނިކަން ވިސްނައިލަބަލާށެވެ! މުދަލަކީވެސް ފައިސާ އަކީވެސް މުހިންމު އެއްޗެކެވެ. މުހިންމީ މުދަލާއި ފައިށާ ހެއްޔެވެ؟ އާޚިރަތް ދުވަސް ހެއްޔެވެ؟ ތިބާއަށް ހައްޤު އެއްވެސް މިދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހުން ލިބޭނެކަން ނުއެނގެނީ ހެއްޔެވެ؟ 

ބަލަ އެގޮތް މާ ރަނގަޅު ނޫންހެއްޔެވެ؟ މިދުނިޔޭގައި މުދަލާއި ފައިސަ ލިބުމުން ޚަރަދުކުރެވި ހުސްކޮށްލެވޭނީއެވެ. ގިނަ ފަހަރަށް އޮންނާނީ ޞަދަޤާތެއްވެސް ނުކުރެވިފައެވެ. ކުރެވުނު ނަމަވެސް ކުރެވޭނީ ވަރަށް މަދު މިންވަރެކެވެ. އާޚިރަތް ދުވަހު ތިބާއަށް އެ މުދަލާއި ފައިސާ ލިބޭނީ އެއިގެ އެންމެ ފުރިހަމަ ގޮތުގައެވެ. ހެޔޮކަމާއި ސަވާބުގެ ގޮތުގައެވެ. އެދުވަހަކީ ކޮންމެ މީހަކުވެސް ހެޔޮކަންތައްތައް މަދުވެގެން ތެޅި ފޮޅޭނެ ދުވަހެވެ. ވީއިރު މިދުނިޔޭގައި މުދަލާއި ފައިސާ ނުލިބިގެން ބައަކާއި ހަސަދަ ލައި ޢަދާވާތްތެރިވެ އާޚިރަތް ނަގައިލުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ 

ވީމާ ރަނގަޅަށް ވިސްނައިލާށެވެ. އެއްވެސް މީހަކާއިމެދު، ޚާއްޞަކޮށް ރަޙިމުގެ ގުޅުން އޮތް މީހުންނާއިމެދު، ޢާއިލާގެ މީހުންނާއިމެދު ހިތުގައި ހަސަދަލައިގެން އުޅޭއިރު މިކަންކަމަށް ވިސްނައިލާށެވެ. ވާހަކަ ނުދައްކައި ހުންނައިރު މިކުރެވެނީ ކޮންކަމެއް ކަމާއިމެދު ވިސްނައިލާށެވެ! އަހަރެންގެ އާދޭހަކީ ހަަމ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި މިފަދަ އެއްވެސް ކަމެއް ނުކުރުމެވެ!

މައިން ބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިމެދު ހަސަދަލައި ވާހަކަ ނުދައްކައި އުޅުމުން އެމީހުން ކުރާ ހިތާމަތަކަށް ޤިޔާމަތް ދުވަހުން އަގު ދައްކަން ތިބާއަށް ޖެހޭނެއެވެ. އެކަމުން ލިބޭ ތަކްލީފް މާބޮޑުވާނެކަމާއިމެދު މިއަދު ނުވިސްނައިފިނަމަ އެދުވަހު އުޅެން ޖެހޭނީ މާނިކަމެތި ހާލުގައިކަން ހަނދާނުގައި ބަހައްޓާށެވެ! 

ހަމައެކަނި ޢާއިލާގެ މީހުންނަކަށް ނޫނެވެ. އެއްވެސް މީހަކަށް އެއްވެސް ހިތަބުރަކަމެއް ނުބާއްވާށެވެ! އެ ޞަޙާބީން ފަދައިން ކޮންމެ ރެއަކުވެސް އެންމެންނަށް ހިތްހެޔޮކޮށްގެން ނިދާށެވެ! މާފަށް ނުއެދުނުނަމަވެސް މާފުކުރާށެވެ! މީސްތަކުންނަށް ހިތްހެޔޮކޮށް މާފުކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް އެންމެ ބޮޑަށް ލިބިގެންދާނެ ކަންކަން މިހާމަކުރި ވާހަކައިންވެސް އެއޮތީ ޔަޤީންކުރެވޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް