އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުމާ އާޚިރަތް ކާމިޔާބުކުރުމަށް އެދެންޖެހޭ ގިނަ ކަންތައްތަކެއް ހިމެނޭ ދުޢާއެއް ސުންނަތުން-

ދިރިއުޅުމާ އާޚިރަތް ކާމިޔާބުކުރުމަށް އެދެންޖެހޭ ގިނަ ކަންތައްތަކެއް ހިމެނޭ ދުޢާއެއް ސުންނަތުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ދުނިޔެއާއި އާޚިރަތް ގެއްލިގެންދަނީ އެމީހުންގެ ކަންނެތްކަމުންނެވެ. ނަމާދުކުރަން ބޭނުންވެއެވެ. ނަމަވެސް ކަންނެތްވެވެނީއެވެ. ދިރިއުޅެން މަސައްކަތްކުރަން ބޭނުންވެއެވެ. އެކަމަށްވެސް ކަންނެތްވެވެނީއެވެ. އަނބިދަރިންނާއި ޢާއިލާއަށް ފަރުވާތެރިކަން ބަހައްޓަންވެސް ބޭނުންވެއެވެ. ނަމަވެސް އެކަމަށްވެސް ކަންނެތްވެވެނީއެވެ. 

ފަރުޟު 5 ނަމާދުގެ ތެރެއިން 4 ނަމާދު ޖަމާއަތުގައިކުރާ ގިނަބައަކަށް ފަތިސްނަމާދު ނުކުރެވޭ އެއް ސަބަބަކީވެސް ހަމަ ކަންނެތްކަމެވެ. ދަމުނަމާދުނުކުރެވެނީވެސް ހަަމަ ކަންނެތްކަމުންނެވެ. 

އެހެން ގެއެއްގައި އުޅޭނަމަ ޙާލުބަލައިލަން މައިންބަފައިންނަށް ޒިޔާރަތް ނުކުރެވެނީވެސް ހަމަ ކަންނެތްކަމުންނެވެ. މިހެން ގޮސް ގިނަ މީހުންނަކީ ކޮންމެވެސް ކަންކަމަކަށް ކަންނެތްވެ ފަރުވާކުޑަކުރެވޭ ބައެކެވެ. މިސާލަކަށްބުނާނަމަ ޤަވާއިދުން ކުރަންޖެހޭ ކަންކަން ނުކުރެވިގެން އިތުރު ފައިސާ ޖުރުމަނާއަށް ދައްކަންޖެހޭ މީހުންވެސް ވަރަށް ގިނައެވެ. މިފަދަ ހުރިހާ ކަންކަން ގުޅިގެން މިދަނީ ހަމަކަންނެތްކަމާއިއެވެ. މުރާލި މީހުން ތިބޭނީ ސަލާމަތުންނެވެ. 

ވީމާ ކަންނެތްކަމުންނާއި އެހެންވެސް މުހިންމު ގިނަ ކަންތައްތަކަކުން ސަލާމަތްކުރައްވަވައިދެއްވެވުން އެދިކުރަން ސުންނަތުން ސާބިތުވާ ދުޢާއެއް ހާމަކޮށްލާނަމެވެ. އިން ޝާ ﷲ ކަންނެތްކަމުންނާއި ދުޢާގައި ހިމެނޭ ކަންކަމުން ސަލާމަތްވެވޭނެއެވެ! 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ

ދުޢާގައި ހިމެނޭ މާނައީ: 

"ޔާ ﷲ! ނުކުޅެދުންތެރިވުމާއި ކަންނެތްކަމާއި ގަބުކަމާއި ދަހިވެތިކަމާއި މުސްކުޅިވެ ގައިބާރުދެރަވުމާއި ކައްވަޅުގެ ޢަޛާބުން ރައްކައުތެރިކޮށްދެއްވެވުން އެދި މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ." 

(ދުޢާ ހިމެނޭ ޙަދީޘް ރިވާކުރެއްވީ އިމާމް މުސްލިމް، އިމާމް އަޙްމަދު) 

މުސްކުޅިވުމަކުން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް މުސްކުޅިވާ އެންމެންނަކީ ގައިބާރުދެރަބައެއް ނޫނެވެ. ޢުމުރާއި ގުޅޭވަރަށް މަސައްކަތްކުރެވޭ މީހުން ވަރަށް ގިނައެވެ. ވީމާ މުސްކުޅިވާ ދުވަހު ގައިބާރުދެރަވުމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމަކީ އޮތްކަމެކެވެ. 

ދުޢާގައި ދެން ހިމެނިގެންވަނީ ގަބުކަމާއި ދަހިވެތިކަމާއި އަދި ކައްވަޅުގެ ޢަޛާބުން ސަލާމަކޮށްދެއްވެވުމެވެ. ވީމާ މިއީ ކޮންމެހެން ބޭނުންވާ ގިނަ ކަންތައްތަކެއް ހިމެނިގެންވާ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް