އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންތައް ނުފުދި ކުރިއެރުން ނުލިބިގެންއުޅެނީ ﷲ ތަޢާލާގެ ގޮވާލެއްވުމަށް ކަންފަތް ބީރުކުރާތީ!: ޝައިޚް ވައްހާޖް ތަރިން

ބޭނުންތައް ނުފުދި ކުރިއެރުން ނުލިބިގެންއުޅެނީ ﷲ ތަޢާލާގެ ގޮވާލެއްވުމަށް ކަންފަތް ބީރުކުރާތީ!: ޝައިޚް ވައްހާޖް ތަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އެމީހަކު އެދޭ ކަންކަން ޙާޞިލުކުރަން ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރެއެވެ. އެކަންކަން ޙާޞިލު ނުކުރެވޭނަމަ ކަންބޮޑުވެ މާޔޫސްވެ ޝަކުވާތައްވެސް ކުރެވެއެވެ. ނަމަވެސް ސުވާލަކީ ތިމާގެ ޒިންމާ ތިމާ އެބަ އަދާކުރަމުހެއްޔެވެ؟ 

ކޮންމެ ދުވަހަކު 5 ފަހަރު ﷲ ތާޢާލާގެ ހުޅުއްވަވައިލެއްވިފައިވާ ދައުވަތު ކޮންމެ މީހަކަށްވެސް އެބަ ލިބެއެވެ. ކޮންމެ ފަހަރަކު ދައުވަތު އެތައް ޢިބާރާތަކުން ތަކުރާރު ކުރެވެއެވެ. މިދައްކަނީ ކޮންމެ ދުވަހަކު 5 ފަހަރު ގޮވާ ބަންގީގެ ވާހަކައެވެ. ބަންގީގައި ފަލާޙް، ކާމިޔާބު ލިބިގަތުމަށް އައުމަށް ދައުވަތު ދެވޭ ވާހަކައެވެ. އެ ދައުވަތު ތަކުރާރު ކުރެވޭ ވާހަކައެވެ. "ޙައްޔަޢަލަލްފަލާޙި" ތަކުރާރުކޮށް ގޮވައިލެވޭ ވާހަކައެވެ. 

ނިކަން ބުނެބަލާށެވެ. މިފަދައިން ދުވާލަކު 5 ފަހަރު ދައުވަތު ދެނީ އިސްލާމް ދީން ފިޔަވައި ކޮން ދީނެއަގައި ހެއްޔެވެ؟ އެހެން އެއްވެސް ދީނެއްގައި މިގޮތަށް ދައުވަތު ނުދޭ ނޫން ހެއްޔެވެ؟ 

މިކަމުގެ ޙިކުމަތަށްބަލާއިރު ފާހަގަކުރެވޭ އެއްކަމަކީ ޢަހަރެމެންނަށް ކާމިޔާބު މިންވަރުކުރައްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރެވެ. ހަނދުމަކޮށްދީގެންވެސް މީސްތަކުން ކާމިޔާބުގެ މަގަށް ވާޞިލުވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. 

ބަންގީގެ ކަލިމަތަކަކީ އެއްވެސް މީހަކު އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްޗެކެވެ. ވީއިރު ކޮންމެ ދުވަހަކު 5 ފަހަރު ގޮވައިލެވޭ ބަންގީގެ އަޑު އަހަރެމެންނަށް ނުއިވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވަވާ ކާމިޔާބު ބޭނުން ނުވާތީ ހެއްޔެވެ؟ 

ހަމަ އެއާއެކު ނިކަން ވިސްނައިލަބަލާށެވެ! މީހަކަށް ދުވާލަކު 5 ފަހަރު، އެމީހާގެ ވެރި މީހާ ކަމެއް ކުރަން އެންގުމުން އެކަމެއް ނުކުރާނަމަ އެމީހާޢަކީ ވެރިމީހާއަށް ކިޔަމަންތެރިއަކަށް ވެދާނެ ހެއްޔެވެ؟ އެފަދަ މީހަކު ވަޒީފާގައި ގެންގުޅޭނެ ހެއްޔެވެ؟ ނުގެންގުޅޭނެއެވެ. ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވައިލާނެއެވެ. 

ﷲ ތަޢަލާގެ އެންގެވުންތަކަށް އަމަލު ނުކުރި ނަމަވެސް، ބަންގިއަށް އިޖާބަ ނުދިންނަމަވެސް މިދުނިޔޭގައި އެބަ އުޅެވެއެވެ. ނަމަވެސް ވިސްނާށެވެ! ބަންގިއަށް އިޖާބަ ނުދޭ މީހުންނަށް އެކަމުގެ ވޭން ފެންނާނެ ދުވަސް ނުވަތަ އިޙްޞާޞް ކުރަންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.

ދުވާލަކު 5 ފަހަރު ﷲ ތަޢާލާ ދެއްވެވި ދައުވަތުގެ އަޑު އަހައި އިޖާބަ ނުދޭ މީހުންނަށް އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. ބަނގީގެ އަޑު ނުއިވޭ ކަމަށް ބުނުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހޭކަން ނުއެނގޭ ކަމަށް ބުނެގެންވެސް ފުރުބަތެއް ނުލިބޭނެއެވެ! އަދި ހަނދާން ނެތުނީ ކަމަށް ބުނެގެންވެސް ސަލާމަތެއް ނުވެވޭނެއެވެ. އެހެނީ ކޮންމެ ދުވަހަކު 5 ފަހަރު ބަންގި ގޮވަނީ ހަނދާންކޮށްދިނުމަށް ކަމަށްވާތީއެވެ! 

މީސްތަކުންނޭވެ! މިއީ ވަރަށްކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް ވިސްނައިފި މީހަކަށް ކަންތައްތަކެއް ވިސްނޭނެއެވެ! އަހަރެންގެ ދުޢާއަކީ އެންމެންނަކީވެސް ވިސްނައި ފިކުރުކުރާ ބައަކަށްވުމެވެ. ބަންގިއަށް އިޖާބަދީ ފަލާޙް ލިބިގަންނަމުންދާ ބައަކު ކަމުގައިވުމެވެ.  

ހަމައެއާއިއެކު ﷲ ތަޢާލާ ދައުވަތު އެދެއްވަވަނީ ހަމައެކަނި ފރިހެނުންނަކަށް ނޫނެވެ. ފިރިހެނުން މިސްކިތަށް އައުމަށެވެ. އަންހެނުން ގޭގގައި ތިބެ ނަމާދުކުރުމަށެވެ. މަސައްކަތުގައި ދުރުގައި އުޅެންޖެހޭނަމަ އެހުރިތަނެއްގައި ހުރެގެން ނަމާދުކުރުމަށެވެ. ބަލި ޙާލު ބޮޑުވެ އެނދުމަތިވެފައިވާ މީހާ އެނދުގައި އޮވެގެން ނަމާދުކުރުމަށެވެ. ވީމާ މި ދަޢުވަތުގައި ނުހިމެނޭ ހަމައެކަކުވެސް ނުހުންނާނެއެވެ.  

- ޝައިޚް ވައްހާޖް ތަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް