ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (11 ވަނަ ބައި)
ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (11 ވަނަ ބައި)
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 26 ސިކުންތު
އަހަންނަށް އަލުން ހޭއެރީ ކިހާއިރެއް ފަހުން ކަމެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް ހޭއެރީ ބޮލަށް ފާޑަކަށް ބަރުވެގެންނެވެ. ލޯހުޅުވާލިއިރު އަހަންނަށް ތަންތަން ފެންނަން ފެށީ އެކޮޅުކޮޅުންނެވެ. ކުޑަކޮށް ބޯ ހިއްލާލާފައި ބަލާލިއިރު، އަހަރެން އޮތީ ނިކަގަހެއްގެ މޫތަކަކުން އެކޮޅުކޮޅުން އެލުވާފައެވެ.
އަހަރެންގެ ދެފައިގާ މޫތައް އޮޅާފައި އޮތުމުން، ސަލާމަތް ވެވޭތޯ ކުރި ހުރިހާ މަސައްކަތެއް ވެސް ވީ ބޭކާރެވެ. ބިރުން ގޮސް، މަދަދަށް އެދި އަހަރެން ގޮވަން ފެށީމެވެ. ނަމަވެސް މުޅި އެސަރަޙައްދުގައި ވެސް އަހަރެން ނޫން އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
"ކަލޭ ކިތަންމެ ބާރަށް ހަޅޭލެވިޔަސް އެހީވާނެ މީހަކު ނާންނާނެ!" ބިރުވެރި ކުރަކި އަޑަކުން ވަރަށް ގާތުން ކޮންމެވެސް މީހަކު މިހެން ބުނި އަޑު އިވުނެވެ. އަޑު އަންނަނީ ގަހުންކަން އެނގުމުން، އަހަރެން ކުޑަކޮށް ހަށިގަނޑާއި ބޯހިއްލާލާ ބަލާލީމެވެ. އެއިރު އެނިކަގަހުގެ ގޮފިގަނޑެއްގެ މަތީގައި ތުނޑިމަތިން ފެންނަމުން ދިޔަ ޖިންނި ކުޑަ ކުއްޖާ އިނެވެ. އޭތި އިނީ އަހަރެން ދެކެ ވަރަށް ރުޅިއައިސްގެންކަން އަހަންނަށް އެނގުނީ އޭގެ ރަތްވެފައި ހުރި ދެލޯ ފެނުމުންނެވެ. އޭތީގެ އިސްތަށިގަނޑު ވިހުރިވިހުރި ހުރި އިރު، ލައިގެން ހުރީ ގަދަ ރަތް ކުލައެއްގެ ހެދުމެކެވެ. އަހަންނަށް އެއާއި ދިމާލަށް ބަލަން އޮންނަން ނުކެރިގެން އަނެއްކާވެސް ތިރިވެފައި ސަލާމަތް ވެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ބޮލަށް ލޭފައިބާ ވަރުން އަނެއްކާވެސް ޖެހުނީ ކުޑަކޮށް ހަށިގަނޑު މައްޗަށް އުފުލާށެވެ.
އެފަހަރު އަހަރެންގެ ހަށިގަނޑު މައްޗަށް އުފުލިއިރު އެޖިންނި ކުއްޖާ އިނީ އޭތީގެ މޫނު އަހަރެންގެ މޫނާއި ޖެހޭ ހިސާބަށް ތިރިއަށް އައިހެވެ. އޭތީގެ ރޫއަރާފައި ހުރި އިސްތަށި ގިނަ މޫނު އަހަންނަށް ވަރަށް ގާތުން ފެނުމުން ބިރުން ހަޅޭލަވައިގެންފައި އަނެއްކާވެސް ތިރިއަށް ދާން އުޅެނިކޮށް ކުއްލިއަކަށް އޭތީގެ އެއްއަތުން އަހަރެންގެ ކަރުގައި ފަހަތުން ހިފަހެއްޓިއެވެ. އޭތީގެ އަތްފައިގެ ބާރުގަދަކަން އަހަންނަށް އިޙުސާސް ކުރެވުނީ އެވަގުތުން ފެށިގެންނެވެ.
"ކަލޭ ހީކުރީ އަހަރެން ކައިރިން ފިލޭނެ ކަމަށްތަ؟ ހަހަހަހަހަހަ.. ކޮންތާކަށް ދާނީ ފިލަން؟ މިހާރު ތިއޮތީ އަހަރެންގެ ބާރުގެ ދަށުގަ. ކަލެއަށް އިނގޭތަ ތިއޮއެވެނީ ކޮންތާކުކަން؟ ހީކުރީ އެ ތައްޚާނު ގެއާ ކައިރީގަ ކަމަށްތަ ތިއޮތީ؟ ވަށާ ބަލާލަބަލަ!" މިހެން ބުނެފައި އޭތި އަހަރެންގެ މޫނު އަނެއްކޮޅަށް އެނބުރުވިއެވެ.
ތެދެކެވެ. އަހަރެން އޮތީ ކުރިން ދުވަހަކުވެސް އެރަށުން އަހަންނަށް ފެނުން ހިސާބަކު ނޫނެވެ. ވަށައިގެން އޮތީ ހުސް ނިކަގަހާއި، މަގޫ ގަހާއި ކަށިކެޔޮ ރުއްތަކެވެ. ހީވަނީ އެއީ ޖިންނީންގެ ކިއްލާއެއް ހެންނެވެ.
"ކޮބާ. ރީތި ތަނެއް ދޯ؟" ހުދުހުދު ދަތްޕިލަ ފާޅުކޮށްލާފައި، އޭތީގެ ދިގުދިގު ނިޔަފަތި ތަކުން މަޑުމަޑުން އަހަރެންގެ ކޮލުގައި ވަކި އަޅާލަމުން އެއްސެވެ. ލޭތައް އަހަރެންގެ ކޯތާފަތުން ފޫދިގެން ދިޔައިރު ލޮލުން ކަރުނަތައް ވެސް ފޫދިގެން ދިޔައެވެ. އާއިލާއާއި ވަކިވެ، ޖިންނި އެއްގެ ފުރައްސާރަ ކުރުމުގެ ތެރެއަށް ވެއްޓުމުން ހިތައް ބިރުވެރިކަން ވަނުމުގެ އިތުރުން ފުން އަސަރުތަކެއް ވެސް ކުރިއެވެ.
"އާދޭސް ކޮށްފަ ބުނަން. އަހަރެން ދޫކޮށްލާ. އަހަރެން އަހަރެންގެ އާއިލާ ގާތަށް ފޮނުވާދީ. ހެޔޮނުވާނެ!" ރޮވިފައި އަހަންނަށް އެޖިންނި ގާތު އާދޭސް ކުރެވެން ފެށުނެވެ.
"ދޫކޮށްލާށޭ؟" ވަރަށް ބާރަށް އޭތި އަހަންނާއި ދިމާލަށް ހަޅޭލަވައިގަތެވެ. "ކަލެޔާ ކަލޭގެ ބޭބެއަކީ އަހަންނަށް އެންމެ ދުއްޕާން ކުރާ ދެމީހުން. ޚާއްސަކޮށް ކަލޭ. އަހަންނަށް ހުރަސް ނާޅާށޭ ހުރަސް އަޅާ މީހެއްގެ ދުވަސް ދުއްވާލާނަމޭ ބުނީމަވެސް ކަލޭ މައިތިރިއެއް ނުވި. ދެން ހީވޭތަ އެހާ ފަސޭހައިން ކަލޭ ދޫކޮށްލާނެހެން؟" އެއްވެސް ރަޙުމެއްނެތި އޭތި އަހަންނާއި ދިމާލަށް ބުންޏެވެ.
އޭތީގެ މުށްދަށުން ސަލާމަތް ވެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ކުއްލިއަކަށް އޭތި ގެއްލުނެވެ. ގެއްލުމާއިއެކު އަހަރެންގެ ދެފައި ވެސް ދޫވެ ބިންމައްޗަށް ވެއްޓުނެވެ. ނަސީބަކުން ވެއްޓުނީ އެހާ މަތިން ނޫންކަމުން، އެވަގުތު އަހަރެންގެ ބުރަކައްޓަށް ތަދުވި ނަމަވެސް ތެދުވެވޭ ވަރު ވިއެވެ. މަޑުމަޑުން ތެދުވެގެން ގަސްތަކު ތެރެއިން އަހަރެން ދުވަން ފެށީމެވެ. އަލިކަމެއް ނުވަތަ ދަންނަ ތަނެއް ނަމަވެސް ފެނޭތޯ އެވެ. އެހެން ދުވެފައި ދަނިކޮށް ގަސްތަކު ތެރެއިން ކުއްލިއަކަށް އަނެއްކާވެސް އެޖިންނި ކުޑަ ކުއްޖާ އަހަރެންގެ ކުރި މައްޗަށް ހެމުން ހެމުން އެރިއެވެ.
"ފިލަނީތަ؟ އަވަހަށް ބާރަށް ދުވޭ! މިއޮއް މަގުން ދޭ. ސަލާމަތް ވެވޭނެ!" އެތަނުން ހިމަ މަގެއް ދައްކަމުން ޖެއްސުމަށް ކަހަލަ ގޮތަކަށް އޭތި އަހަރެން ގަތު ބުންޏެވެ. އޭތި އަހަންނަށް ހެވެއް ނޭދޭނެކަން އެނގިގެން އަހަރެން ދިޔައީ އޭގެ އަނެއްކޮޅަށެވެ. އަނެއްކާވެސް ދުވަމުން ދުވަމުން ދަނިކޮށް އަލިތަކެއް ފެނުނެވެ.
އެއަލިތަކާއި ދިމާލަށް ދިޔައިރު އަހަންނަށް ފެނުނީ އަހަރެންގެ ބޭބެއާއި އަހަރުމެން ހުންނަ ގޭ ބޭބެއާއި އަދިވެސް އެހެން ހަތަރު މީހަކު ޓޯޗު ބައްތިތަކެއް ހިފައިގެން އެރަށުގެ ގަސްތަކު ތެރޭގައި އުޅޭތަނެވެ. އެމީހުން އަހަންނަށް ގޮވަމުން ދިޔައެވެ. އުފަލުން ގޮސް އަހަރެންވެސް އެމީހުންނަށް ގޮވަން ފެށީމެވެ.
"ބޭބޭ. ބޭބޭ. އަހަރެން މިހުރީ." ވަރަށް ބާރަށް އަހަރެން ގޮވަން ފެށީމެވެ. ނަމަވެސް އަހަރެން ގޮވި އަޑު ބޭބެ މެންނަކަށް ނުއިވުނެވެ. އަހަންނާއި ދިމާލަށް ބަލާވެސް ނުލާ ބޭބެމެން އަހަންނަށް ގޮވަމުން ހޯދަމުން ދިޔައެވެ. އަހަރެން ބޭބެމެންނާއި ވަރަށް ކައިރިއަށް ދުއްވައިގަތީމެވެ. ބޭބޭ އޭ ކިޔާފައި ގޮސް ބޭބެގެ ކުރިމައްޗަށް އަރާ ބޭބެގެ އަތުގައި ހިފޭތޯ ބެލީމެވެ. ނަމަވެސް އަހަންނަކަށް ބޭބެގެ އަތަކު ނުހިފުނެވެ. ބޭބެގެ ކުރިމަތީގައި އަހަރެން ހުއްޓާ، އަހަންނާއި ދިމާލަށް ބަލާވެސް ނުލާ، އަހަންނަށް ގޮވަމުން ބޭބެ އިތުރަށް ހޯދަމުން ދިޔައެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ބޭބެއަށް އަހަރެން ނުފެންނަންވީ ކީއްވެބާއެވެ. އަހަންނަށް ބޭބެ ގައިގާ އަތް ނުލެވެނީ ކީއްވެބާއެވެ.
"ނުފެންނާނެ. އަތެއް ވެސް ނުލެވޭނެ. ތިހުރީ އެންމެންނަށް ގެއްލުވާލާފަ. ކަލެއަށް އެމީހުން ފެނުނަސް، އެމީހުންނަކަށް ކަލެއެއް ނުފެންނާނެ." އަހަރެންގެ ފަހަތުގައި ހުރެ ހެމުން ހެމުން އެޖިންނި ކުއްޖާ ވެގެން އުޅޭ ގޮތް އަހަރެން ގާތު ބުންޏެވެ.
އަހަރެން ދެރަވިއެވެ. އެކުއްޖާ ދެކެ ވަރަށް ރުޅި ވެސް އައެވެ. ނަމަވެސް އެއީ ނިމުން ނޫންކަން އަހަންނަށް އެނގުނެވެ. އެކަމުން އަހަރެން ސަލާމަތް ވާނެކަން ވެސް އެނގުނެވެ. ބޭބެމެން އަހަންނާއި ވަރަށް ގާތުން އަހަރެން ހޯދަމުން ދިޔަ މަންޒަރު ބަލަން އަހަރެން ހުރީ ލޮލުން ކަރުނަތައް ބާލަމުންނެވެ.
ޖިންނި ކުއްޖާ އަނެއްކާވެސް އަހަރެންގެ އަތުގައި ހިފާ ދަމާފާ ގެންދިޔައެވެ. އޭތި އަހަރެން ގެންދިޔައީ އަތިރި މައްޗަށެވެ. އެތަނުން ފަސް ފުނައޮށް އަހަރެން އަތަށް ދީފައި، އޭތި އަހަރެން ގާތު ބުނީ އެއެއްޗާއިއެކު ފުނައޮށް ކުޅުމަށެވެ.
އެވަގުތު އަހަންނަށް އެނޫން ގޮތެއް ނެތްކަން އެނގުމުން، އަހަރެން އޭތި ބުނި ގޮތް ހެދީމެވެ. ފަސްއޮށް ކުޅޭ ފަދައިން ޖިންނި ކުއްޖާއާއިއެކު ކުޅެން ފެށީމެވެ. އެއާއިއެކު ކުޅުމުން އޭތި އުފާވާން ފެށިކަން އަހަންނަށް އެނގުނެވެ. އަދި އަހަންނާއި މަޖާކޮށްފައި ވާހަކަ ދައްކަން ފެށުމުން، ކޮންމެވެސް ވަރަކަށް ރަޙުމަތްތެރި ވަނީ ކަންވެސް އަހަންނަށް އެނގުނެވެ. އެރޭ ފުނައޮށް ކުޅުމަށްފަހު ވަރުބަލި ވެގެން އަހަރެން އަތިރިމަތީގައި އޮށޯތީމެވެ. އެއީ ކޮން ރަށެއްކަން އަހަންނަކަށް ނޭނގެއެވެ. އެގޮތަށް ނޭނގޭ ވަރަށް ގިނަ ކަންތައް ހުރި ކަމުގައި ވިޔަސް، އަހަރެން ނިންމީ އެވަގުތު އޭގެން އެއްވެސް ކަމެއް ހިތައް ނާރުވާށެވެ. ނަމަވެސް ޖިންނިއެއްގެ ގާތު ހުރެގެން މާގިނަ އެއްޗެއް ސިއްރެއްވެސް ނުކުރެވެއެވެ.
"ކަލޭ ތިހުރީ ކުރިން ކަލޭމެން ދަތުރު އައި ފަޅުރަށުގަ. އެކަމަކު ރަށުގެ މިފަޅި ކަލޭމެންނަަށް ކުރިން ނުފެންނާނެ. އެއީ މިއީ އަހަންނާއި އަހަރެންގެ އާއިލާ އާއްމުކޮށް ދިރިއުޅޭ ތަން ވީމަ" އޭތި އަހަންނަށް ކިޔާދިނެވެ. ކުއްލިއަކަށް އޭތި އަހަންނަށް ހަމްދަރުދީވެ ރަހުމަތްތެރިވީ ކީއްވެ ކަމެއް އަހަންނަކަށް ނުވިސްނުނެވެ.
"ކަލޭގެ ބޭބެ މެންނާއި ދިމާލަށް ބަލަހައްޓާއިގެން ދެރަވެފަ ހުރީމަ އަހަރެން ވެސް ދެރަވީ. ކަލޭ ކައިރީ އެއިރުވެސް މައިތިރި ވެގެން ހުންނަން ބުނިއިރު ހުރިނަމަ މިހެނެއް ނުވީސް. އަހަރެން ބޭބުންވީ ކަލޭގެ ދައްތަ. ކަލެއަށް ގެއްލުމެއް ދޭކަށް ނޫން ބޭނުންވީ" އޭތި ކިޔާދިނެވެ.
"ކީއްވެ ދައްތައަށް ގެއްލުމެއް ދޭން ބޭނުންވީ؟ ދައްތަ އެދުވަހު އަންނާށޭ ކިޔާފަ ގޮވީމަތަ؟ އެއީ ދައްތަގެ ގޮތް. މަޖަލަކަށް އެހެން އެބުނީ. ޖެއްސުމެއް ކުރާކަށް ނޫން. ދައްތައަކީ ވެސް ވަރަށް ރަނގަޅު މީހެއް އަސްލުގަ." ދައްތަގެ ދިފާއުގައި އަހަރެން ބުނީމެވެ.
"އެއީ ރަނގަޅު މީހެއް ނޫން. ތިއީ ކަލޭމެންނަށް ހީވާގޮތް. އޭނަގެ ޙަޤީޤަތް އަދި ނޭނގޭތީ ތިހެން ތިބުނީ. އާނ އެދުވަހު އޭނަ އަންނާށޭ ބުނީމަ އަހަރެން ދިޔައީ. އެކަމަކު އެރޭ އަހަރެން ދިޔައީ އޭނަ މޮޔަ ކުރާކަށް ނޫން. ކަލޭމެން ތިބޭ ގެއަށް އަހަރެން އެރޭ ދިޔައިރު އޭނަ ހުރީ އެގޭ ފަހަތުގައި ހުރި ގަސްތަކު ތެރޭގައި ފިރިހެނަކާއެކީ އެދުން ފުއްދަން. އެހުރިހާ މަންޒަރެއް އަހަރެން ދުށިން. އޭނަ އެކަން ކޮށްނިމިގެން އަހަރެންގެ ވާހަކަ ހީހީފައި އެފިރިހެން މީހާގާތު ދެއްކި. ބުނީ ތިމަންނަ ގޮވީމަވެސް މަށެއް ނައޭ ކިހާ ފިނޑިހޭ. މަށަކީ ފިނޑިއެއް ނޫންކަން ދައްކާލަން އުޅެނިކޮށް، އޭނަ އަނެއްކާވެސް އެމީހާއާއި އެކީ އަރައިގަތް ފޯރިއެއްގައި ތެޅިފޮޅިގަތް ގޮތަކުން، އޭނަގެ ފައިން ވަރަށް ބާރަށް އަހަރެންގެ ބޮލުގައި ޖެހުން. އަހަންނަށް ވީ ތަދުން އަހަރެން އޭނައަށް ބަދަލަށް ބަދަލު ހިފަން ބޭނުންވީ" އެކުޑަ ޖިންނި ކުއްޖާ އެރޭ އަހަރުމެން ތިބި ގެއަށް ދިޔަގޮތް ކިޔާދިނެވެ. ދައްތަގެ އެއަމަލުތައް އެނގުމުން އަހަރެން ލަދުވެސް ގަތެވެ. ނަމަވެސް އެކަމާއި އަހަންނަށް ކުރެވޭނެ ކަމެއް ނެތްކަން ވެސް އެނގުނެވެ.
އެވަގުތު އަހަރެން ހިތައް އެރީ، ބޭބެމެންނާއިއެކު ތައްޚާނުބެ ނެތީ ކީއްވެބާއޭ އެވެ.
"އޭނަގެ ރަށަށް އޭނަ ފުރައިފި. އަހަރެން އޭނަގެ ދަރި ވަރަށް ބޮޑަށް ބަލިކޮށްލީ. އަވަހަކަށް ނާންނާނެ ދެން އޭނައެއް" ހެވިފައި އިނދެ ޖިންނި ކުއްޖާ ކިޔާދިނެވެ.
އަހަރެން ހާސްވިއެވެ. ދެން އެތަނުން ސަލާމަތްވާނެ ކަމުގެ އުންމީދު ގެއްލުނެވެ.
(އަދިވެސް ނުނިމޭ.. ދެން އޮތީ 12 ވަނަ ބައި)
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މަރިޔަމް ވަހީދާ
28 އޮގަސްޓް 2017
Maves 2017-08-28 10:58:44