އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (12 ވަނަ ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (12 ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 21 ސިކުންތު

އެކުޑަ ޖިންނި ކުއްޖާ އަހަރެން ރަހީނު ކޮށްގެން ގެންގުޅޭތާ ހަފްތާއެއް ވޭތު ވެގެން ދިޔައެވެ. ކޮންމެ ދުވަހަކުވެސް އަރާ އިރާއިއެކީ އަހަރެން އުންމީދު ކުރަނީ އޭތީގެ ކިބައިން އަހަރެން ވަރަށް އަވަހަށް ސަލާމަތް ވާނެ ކަމަށެވެ. އޭތި އަހަރެން ރަހީނު ކުރި ރޭގެ ފަހުން ވެސް ދެރެއަކު އަހަރެންގެ ބޭބެއާއި ބޮޑު ގުރޫޕަކުން އަހަރެން ފެނޭތޯ ހޯދަމުން ދިޔައެވެ. އަހަރެން ކައިރިންލާފައި، އަހަންނަށް ގޮވަމުން ބޭބެމެންދާ މަންޒަރު ފެނުމުން ގިސްލަ ގިސްލާފައި އަހަންނަށް ރޮވެއެވެ. ނަމަވެސް އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން މާތް ރަސްކަލާނގެއާއި ވަކީލު ކޮށްލައިގެން ކެތްތެރިކަމާއިއެކު އަހަރެން ހުރީއެވެ.

ރަހީނު ކުރިތާ ބަރާބަރު އަށްވަނަ އަށްވީ ރޭ، އެޖިންނި ކުއްޖާ ވަރަށް ރުޅިއައިސްގެން އަހަންނާއި ދިމާލަށް އައެވެ. މިއީ ހުސް ކަލޭގެ ކަންތަކޭ ކިޔާފާ އަހަރެންގެ އަތުގާ ހިފާ ހޫރާލިއެވެ. އެނބުރެމުން އެނބުރެމުން ގޮސް އަހަރެން ޖެހުނީ ކަށިކެޔޮ ގަހެއްގައެވެ. އެތަނަށް ވެއްޓި އަހަރެންގެ ފަޔަށް ވެސް ވަރަށް ތަދުވިއެވެ. ވެގެން އުޅެނީ ކީއްކަމެއް އަހަންނަކަށް ނޭނގުނެވެ. އަދި އޭތި އެހާ ރުޅިއައީ ކީއްވެ ކަމެއް ވެސް އަހަންނަކަށް ނުވިސްނުނެވެ. އެޚިޔާލުތަކެއްގައި، މަދަދަށް އެދި ގޮވަ ގޮވާ އިންދާ އަހަންނަށް ފެނުނީ ކަޅުކުލައިގެ ބޮޑު ހިޔަންޏެއް އަހަންނާއި ދިމާލަށް އަންނަތަނެވެ.

އަހަރެން ބިރުން ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން އޭތިވެސް އައެވެ. އެހީތެރިވެދޭށޭ އަހަރެން ސަލާމަތް ކޮށްދޭށޭ އަޑު ހަރުކޮށް ގޮވަމުން، ގަސްތަކު ތެރެއިން ދުވަމުން އަހަރެން ދިޔައިމެވެ. އަހަންނާއި ވަރަށް ގާތަށް އެއެއްޗަށް އާދެވުމުން، އެހިޔަނީގެ ތެރެއިން ރަތް ވެފައިވާ ދެލޯ އަހަންނަށް ފެންނަން ފެށިއެވެ. އަދި އޭތީގެ އަތް އަހަންނާއި ދިމާލަށް ހޫރާލިތަނުން އަހަރެން ގޮސް މީހެއްގެ ގައިގާ ވަރަށް ބާރަށް ޖެހިފައި ވެއްޓުނެވެ. އެހިނދު އަހަރެންގެ ފަހަތުން އައި އެތި ވެސް ކުއްލިއަކަށް ގެއްލުނެވެ. އަހަރެން ޖެހުނީ ކާކު ގައިގަތޯ ބަލާލުމުން، އަހަންނަށް ފެނުނީ ތައްޚާނުބެ އެވެ. ތައްޚާނުބެ އެއިރު ހުރީ ކިޔެވެލި ކިޔަވާށެވެ. އަހަރެންގެ އަތުގައި ހިފާ ނެގުމުން އަހަންނަށް އެންމެ ފުރަތަމަ ވެސް އަހާލެވުނީ ތައްޚާނުބެ އަށް އަހަރެން ފެނޭތޯ އެވެ. ޖަވާބުގައި ތައްޚާނުބެ ބޯޖަހާލާފައި އިޝާރާތްކުރީ އަވަހަށް އެތަނުން ތެދުވެ ތައްޚާނުބެއާއި އެކީ އައުމަށެވެ. އެއިރުވެސް ތައްޚާނުބެ ކިޔެވެލި ކިޔެވުން ހުއްޓާނުލައެވެ.

ތައްޚާނުބެއާއި އެކު ގަސްތަކު ތެރެއިން އަތިރިމައްޗަށް ނިކުތްއިރު އެތަނުގައި އަހަރެންގެ ބައްޕައާއި ބޭބެއާއި އިތުރު ހަ މީހަކު ތިއްބެވެ. އެއެންމެންވެސް އިނީ ކިޔެވެލި ކިޔަވާށެވެ. އަހަރެން ފެނުމުން ބައްޕަމެން ވަރަށް އުފާވިއެވެ. އެމީހުންނަށް އަހަރެން ފެންނާތީ އަހަރެން އަދި މާބޮޑަށް އުފާވިއެވެ. ތައްޚާނުބެ އެމީހުންނަށް ހަނާ އެޅީ އަވަހަށް ދޯންޏާއި ދިމާލަށް ދިޔުމަށެވެ. އެއީ އަހަރެން ފަހަތް ބަލާލި ވަގުތެވެ. ޖިންނީންގެ ބޮޑު ލަޝްކަރެއް އެތަނުގައި، އަހަރުމެންނަށް ހަމަލާދޭން ތައްޔާރަށް އޮތެވެ. އެތަނުގައި ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ޖިންނި ކުއްޖާ ވެސް ހުއްޓެވެ. އެއެއްޗެހި ތިބީ ކިޔެވެލި ކިޔުން ހުއްޓޭނެ ވަގުތަކަށް ބަލަބަލައެވެ. ހީވަނީ އެއެއްޗެއްސާއި އަހަރުމެންނާއި ދެމެދު ޝީލްޑެއް އެޅިފައިވާ ހެންނެވެ.

ދޯންޏާއި ދިމާލަށް އަހަރުމެން ދިޔަ ކަމުގައި ވިޔަސް އަހަރުމެންގެ ފަހަތުން އެއެއްޗެހިވެސް އައެވެ. ނަމަވެސް ކިޔަވާތީ އަހަރުމެންނާއި ދުރުމިނެއް ބެހެއްޓިއެވެ. ސުވާލުތަކުން އަހަރެންގެ ސިކުނޑި ބަންޑުންވާން ފެށިއެވެ. ތައްޚާނުބެ އަށް އަވަހަަށް ނާދެވޭނޭ ޖިންނި ކުއްޖާ ބުނެފައިވާއިރު، އެތަނަށް ތައްޚާނުބެއަށް ދެވުނީ ކިހިނެއް ހެއްޔެވެ. އަހަރެން ސަލާމަތް ކުރެވޭނެ ގޮތް އެނގުނީ ކިހިނެއްބާއެވެ. ދައްތަ ކޮބާ ބާއެވެ. އަދި އެރޭ ދެން އިތުރަށް ކަންތައްތައްވާނީ ކިހިނެއްބާއެވެ.

ދޯންޏަށް އަހަރުމެން އެރީމެވެ. އެއިރުވެސް ކިޔެވުން ހުއްޓާ ނުލައެވެ. އެރަށުން އަހަރުމެން ތިބި ރަށަށް ދެވޭނީ ގާތްގަނޑަކަށް 15 މިނެޓުންނެވެ. ނަމަވެސް އެރޭ އާދަޔާ ޚިލާފަށް ކަނޑު ގަދަވާން ފެށިއެވެ. އަދި ކުއްލިއަކަށް އަހަރުމެންނަށް ފެނުނީ ކަނޑުމަތީގެ އެތަން މިތަނުގައި ގަބުރުތަކެއް އޮޔާދާ މަންޒަރެވެ. ޖިންނީންގެ ދުއްތުރާގެ ސަބަބުން އަހަރުމެން ކަނޑުމަތި އެޅީކަން ޔަޤީންވިއެވެ. ނަމަވެސް އަހަރުމެންގެ ތެރެއިން އެކަކުވެސް ހިތްވަރު ދުލެއް ނުކުރެއެވެ. އަޑުހަރުކޮށް ކިޔަވަން ފެށިއެވެ. ނަތީޖާއަކަށްވީ ފަތިސްވާން އުޅެނިކޮށް ކަނޑުމަޑުވެ އެއްކޮށް އަމާންވުމެވެ. އަހަރުމެން ތިބޭ ރަށާއި ވަރަށް ދުރަށް ދެވިފައި ތިބި ކަމުގައި ވިޔަސް ނަސީބަކުން ދޯނީގެ ކައްޕިއަށް އެރަށަށް ދެވޭނެ މަގު އެނގުނެވެ.

ރަށަށް ދެވުންއިރު ހެނދުނު ނުވައެއް ޖަހަނީއެވެ. އެންމެންވެސް އަތްފައި ދޮވެގެން ވަރުބަލިކަން ފިލުވާލާފައި، އޭގެ ދެގަޑީރެއްހާއިރު ފަހުން ފެންޑާއަށް އެއްވީ ވެދިޔަ ކަންތައްތައް އެކަކު އަނެކަކަށް ކިޔާދީ ދެން ކަންތައް ކުރަންވީ ގޮތާއިމެދު ސައްލާ ކޮށްލާށެވެ. ފެންޑާގައި އެވަގުތު މަންމައާއި ބައްޕައާއި ބޭބެގެ އިތުރުން، އެގޭ މީހުންނާއި ތައްޚާނުބެ ވެސް އިނެވެ. ހަމައެކަނި ނެތީ ދައްތައެވެ.
ދައްތަ ކޮބާތޯ އަހަރެން ވަރަށް ހާސްވެފައި ސުވާލު ކުރީމެވެ.

"ރޭގެ ވަގުތެއްގައި ދައްތަ ގެއިން ދިޔަ ގޮތަށް އަދި ނާދޭ. ކޮއްކޮ އެރަށުގައި ފޮރުވައިގެން ގެންގުޅޭކަން އެނގުނީ ދައްތައާއި ތައްޚާނުބެ ރޭ ސުވާލު ކުރުމުން. ތައްޚާނުބެ ކުރި ސުވާލުތަކަށް ޖަވާބު ދިނީ ދައްތައާއި އަވަލައިގެން އުޅޭ ޖިންނި. ކޮއްކޮ ސަލާމަތް ކުރުމަށްޓަކައި ބޭބެމެންނަށް މަޖުބޫރުވީ، އެވަގުތު ދައްތަ ދޫކޮށްލާފައި ކޮއްކޮ ހޯދަން ދާން" ބޭބެ އަހަންނަށް ޖަވާބު ދިނެވެ.

އެވަރުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އަހަރެން ސަލާމަތް ކުރަން ދައްތަ ދޫކޮށްލީއޭ ބުނި ބަހުގެ މާނައަކީ ކޮބާތޯ އަހަރެން އެހީމެވެ. ޙަޤީޤަތުގައި، އަހަރެން ސަލާމަތް ކުރުމަށްޓަކައި ދައްތަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލީތީ އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ.

"ކޮއްކޮ ހޯދަން ތައްޚާނުބެގެ ރަށުގައި ހުރެގެން ތައްޚާނުބެ ކުރި މަސައްކަތުން އެނގުން ކޮއްކޮ ހުރީ އެފަޅު ރަށަށް ގެންގޮސްފައިކަން. އެކަމަކު ބޭބެމެން އެރަށަށް ގޮސް ހޯދާހޯދާ ނުފެނުން. އެކަމަކު ކަންދިމާ ކުރި ގޮތުން ތައްޚާނުބެއަށް މިރަށަށް އަލުން އާދެވޭ ގޮތްވީ. އެހެންވެ ތައްޚާނުބެ ރުޤްޔާ ކިޔަވައިގެން، ދައްތަ ހިފަހައްޓައިގެން، ރޭ އެޖިންނި ކުއްޖާއާއި ސުވާލު ކުރީ. ވަރަށް ގިނައިން ސުވާލުކޮށް އެއަށް އަނިޔާ ކުރިފަހުން އޭތި ބުނީ ކޮއްކޮ އެންމެންނަށް ގެއްލުވާލާފައި ހުރި ވާހަކައާއި، ހޯދެންޏާވެސް ހޯދޭނީ ރޭގައި އެކަނި ކަމަށް. އެއީ، ރެއަކީ އެއެއްޗާއި އޭތީގެ އާއިލާ ކޮއްކޮ މިދުނިޔެއިން ނައްތާލަން ރާވާފައި އޮތް ރޭ ކަމަށްވާތީ. އެވަގުތު އަހަރުމެން އެންމެ ސިކުންތެއްވެސް އިތުރަށް މަޑުކުރިނަމަ، އަހަރުމެންނަށް ކޮއްކޮ ސަލާމަތް ނުކުރެވުނީސް. އެހެންވެ އަވަހަށް ކިޔެވެލި ކިޔެވުމާއިގެން ކުރިއަށް ގެންގޮސް، މީހުން އެއްކޮށްގެން އެންމެން އެރަށަށް ދިޔައީ. ތައްޚާނުބެ ބުނީ ބޭބެމެން އެންމެން އަތިރިމަތީގައި ކިޔެވެލި ކިޔަވަން ތިބުމަށް، އަދި ކޮއްކޮ ހޯދަން ދާނީ ތައްޚާނުބެ އެކަނި ކަމަށް. އެއީ އެންމެންނަށް ކޮއްކޮ ފެންނާނެގޮތް ހެދުމަށްޓަކައި. ބޭބެމެން ފުރަން ތައްޔާރުވެގެން އައިއިރު ދައްތަ ފިލައިފި. ހީކުރީ އެރަށުން ދައްތަވެސް ފެންނާނެކަމަށް...އެކަމަކު..." އެހާހިސާބަށް ބުނެފައި ދެރަވެގެން ބޭބެގެ ކަރު އެލުނެވެ. މަންމަ ވެސް ރޯން ފެއްޓިއެވެ. ޙަޤީޤަތުގައި ވެސް އަހަރުމެންގެ އާއިލާއަށް މިކަންތައްގަނޑުގެ ސަބަބުން ފަހަރަކު ކަމެއް ޖެހޭތީ، އެންމެންވެސް ގޮތްހުސްވެ މާޔޫސް ވާހާވަރުވިއެވެ.

"އެޖިންނި ކުއްޖާ ބުނި ތައްޚާނުބެގެ ދަރިފުޅު ބަލިކޮށްލި ވާހަކަ. އެއީ މިރަށަށް ތައްޚާނުބެއަށް އަވަހަށް އާދެވުނަ ނުދޭން ވެގެންނޭ ވެސް ބުނި. ދެން ކިހިނެއް ތައްޚާނުބެއަށް އާދެވުނީ؟ މިހާރު ދަރިފުޅު ކިހިނެއް؟" ތައްޚާނުބެގެ ދަރިފުޅަށް ކަންތައްވީ ގޮތް އެނގެން ބޭނުންވެގެން އަހަންނަށް އަހާލެވުނެވެ.

ތައްޚާނުބެ އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން މަޑުން އިނެވެ. އަދި ވަރަށް ހިތްވަރު ކޮށްފައި ބުންޏެވެ.

"އެދަރިފުޅު ނިޔާވެއްޖެ"

ތައްޚާނުބެ އެހެން ބުނި އިރު އިނީ ފެންކަޅި ވެފައެވެ. އަހަންނަށް ވެސް ރޮވުނެވެ. އަދި އެހެން އެހުނު މޮޔައޭ ހީވިއެވެ.

"އެޖިންނި އަހަރެންގެ ދަރިފުޅަށް ޖެއްސީ، އެދަރިފުޅަށް ތަޙައްމަލު ނުކުރެވޭވަރުގެ ބޮޑު ވޭނެއް. އެވޭނަށް ފަރުވާ ކޮށްކޮށް އޮއްވާ ދަރިފުޅު ނިޔާވީ. އެހެންކަމުން، މިހާރު މިކަންވެފައި މިއޮތީ އަހަރެންގެ ވެސް ހަނގުރާމަ އަކަށް. އިންޝާﷲ ކާމިޔާބީ ލިބޭނެ. މިރެއަކީ އެންމެ ފަހު މަސައްކަތް ފަށާނެ ރޭ" އަޒުމް ވަރުގަދަ ކޮށްފައި ތައްޚާނުބެ ބުންޏެވެ.

ނަމަވެސް އެންމެ ފަހުން ވެސް އެމަސައްކަތް ފަށަން އުޅުން ރޭ ކަންތައްވީ ގޮތް އަހަރެން ހަނދާންވިއެވެ. އެރޭ އަހަރެން ރަހީނުވީ ގޮތް ހަނދާން ވުމުން ބިރުގަތެވެ.

"އެކޮއެ ބިރު ނުގަނޭ. ކުރީ ފަހަރު ކަންތައްވީ ގޮތަކަށް މިފަހަރަކު ނުވާނެ. މިފަހަރު މިގެއިން އެކަކުވެސް ގެއިން ބޭރަށް ދާކަށް ނުޖެހޭނެ. އެމަސައްކަތް ފަށާނީ މިގޭގައި. އެކަމަކު ރޭ އަހަރުމެންނާއިއެކީ ކިޔަވަން ދިޔަ އެންމެން ބޭނުންވާނެ. މިރެއަކީ ބޮޑު ރެއެއް" އަހަރެންގެ ހިތުގައިވާ އެއްޗެއް އެނގުން ފަދައިން ތައްޚާނުބެ ބުންޏެވެ. އަހަރެން ވެސް ތައްޔާރުވީ އެރެއަށެވެ. ހުރިހާ ކަމެއްގެ ނިމުމަށެވެ.

(ނިމެނީ... ދެން އޮތީ އެންމެ ފަހުބައި.. އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ