އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަފީއު ގެއްލުނުތާ އަހަރެއް، އެހިތާމަ އެންމެ ތާޒާކަންމަތީ އަދިވެސް އެބަހުރި- އާއިލާ

ޝަފީއު ގެއްލުނުތާ އަހަރެއް، އެހިތާމަ އެންމެ ތާޒާކަންމަތީ އަދިވެސް އެބަހުރި- އާއިލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

މީގެ އެއް އަހަރު ކުރިން ފުވައްމަކު ސިޓީ އިން ގެއްލުނު އުމުރުން 42 އަހަރުގެ މުޙައްމަދު ޝަފީއު ދޫޑިގަން/އޮޅުތެރޭގެ، ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް އެއްއަހަރު ފުރިފައިވާއިރު މިއީ އޭނާގެ އާއިލާއަށް އަދިވެސް އެހާމެ ހިތްދަތިކަން ގެނުވާ ހާދިސާއެކެވެ.

އެންމެންނަށް ވެސް ޝަފީއު އެނގިފައިވަނީ ނުހަނު އަޚުލާޤު ރަނގަޅު، މަޑުމައިތިރި އަދި އެހާމެ މީހުންނަށް އެހީތެރި މީހެއްގެ ގޮތުގައެވެ. އެހެންކަމުން ވީނުވީއެއް ނޭނގި ޝަފީއު ގެއްލިއްޖެ ޚަބަރު ވެގެން ދިޔައީ އޭނާގެ އާއިލާއަށާއި، އެކުވެރި ރަޙުމަތްތެރިންގެ އިތުރުން ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ކުއްލި ސިޙުމަކަށެވެ.

ޝަފީއު ގެއްލިފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 21:30 ޖެހުމާއި ގާތް ކޮށެވެ. އޭނާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެރޭ 22:30 ހާއިރުއެވެ.އޭނާއަކީ އާންމުގޮތެއްގައި އެފަދައިން ރޭގަނޑު ބޭރުތެރޭގައި އުޅޭ މީހަކަށް ނުވުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޝަފީއުގެ އަނބިމީހާ އައިޝަތު ނަޝީދާ އެރެއާއި ބެހޭ ގޮތުން މައުލޫމާތު ބުނެފައިވަނީ، އެރޭ ޝަފީއު ގެއިން ނިކުތީ އޭނާގެ މަންމަގެ ގެއަށް ދަނީ ކަމަށް ބުނެ ކަމަށެވެ. ބޭރަށް ދިޔައިރު އޭނާ ދިޔައީ ފޯނާއި ވޮލެޓު ގޭގައި ބާއްވާފައި ކަމަށް ވެސް ނަޝީދާ ބުނެފައިވެއެވެ.

ނަމަވެސް އަނބިމީހާގެ ގެއިން ނިކުމެގެން ދިޔަފަހުން ޝަފީއުގެ މަންމަމެންނަށް ގުޅުމުން އެގެއަށް އޭނާ ނުދާކަން އެނގުނު ކަމަށާއި އޭނާ ދަންނަ އެހެން މީހުންނަށް ވެސް ގުޅާ އެހުމުން އޭގެން އެކަކަށް ވެސް ޝަފީއު ފެނިފައިނުވާކަމަށް ބުނުމުން ހާސްވި ކަމަށް ވެސް ނަޝީދާ އެއިރު ބުނެފައިވެއެވެ.

އެރެއަށްފަހު ޝަފީއު ހޯދުމުގެ މަސައްކަތް އެންމެ ގަދައަޅާ ކުރީ އޭނާގެ އާއިލާއެވެ. އޭނާ ހޯދުމަށްޓަކައި ފުވައްމުލަކު ގައި "ނުވަންނަ ވަލެއް، ނުފުރޮޅާ ގަލެއް" ނުހުންނާނެ ކަމަށް އާއިލާއިން މީހަކު ބުންޏެވެ. ރެއާއި ދުވާލު އަދި ދަންވަރުގެ ވަގުތުގައި ވެސް ޝަފީއު ހޯދުމުގެ މަސައްކަތް ކުރިއެވެ. ރަށުގެ ރައްޔިތުންގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް އިން ވެސް ޝަފީއު ހޯދުމުގައި އެހީތެރިވިއެވެ. ނަމަވެސް އެރެއިން ފެށިގެން އަދި މިހާތަނަށް ވެސް ޝަފީއުގެ އެއްވެސް ޚަބަރެއް ނުވުމަކީ ހިތާމަ ހުރި ކަމެކެވެ.

ޝަފީއު ގެއްލުމާއި ބެހޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ އެއްބަނޑު އެއް ފިރިހެން ކޮއްކޮ ޢަބްދުﷲ ފަހުމީ ބުނެފައިވަނީ ޝަފީއު ގެއްލިގެން އަހަރެއްވީއިރު ވެސް އެއްވެސް ޚަބަރެއް ނުވުމަކީ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ބޭބެ ގެއްލިގެން އެއް އަހަރު ފުރިފައިވާއިރު ވެސް ބޭބެ އާއި ބެހޭ ގޮތުން އެއްވެސް ކަހަލަ ޚަބަރެއް ނުވުމަކީ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަދި ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބުމަކީ ވެސް އާއިލާގެ ފަރާތުން ނުހަނު ހިތާމަ ކުރާ ކަމެއް" ފަހުމީ ބުންޏެވެ.

ޝަފީއު ހޯދުމުގެ މަސައްކަތް، އޭނާ ގެއްލުނު ރެއިން ފެށިގެން ތިން ވަރަކަށް ހަފްތާ ވަންދެން ކުރުމަށްފަހު އެމަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް އެކި ފަރާތްތަކުން ހުއްޓާލިކަމާއި އޭނާ ހޯދުމަށް އިތުރަށް އެއްބާރުލުން ވެސް ނުދިންކަން އާއިލާއިން ނުހަނު ހިތާމައާއިއެކު ފާހަގަ ކޮށްފައިވެއެވެ.

ކޮންމެއަކަސް ގެއްލިގެން ގޮސްފައިވަނީ މައިންބަފައިންނަށް ނުހަނު އަޅާލި، އޯގާތެރި އަދި ކިޔަމަންތެރި ދަރިއެކެވެ. ކޮއްކޮ މެންނާއި އާއިލާގެ އެހެން މެންބަރުން ދެކެ ވެސް އިންތިހާއަށް ލޯބިވި ބޭބެ އެކެވެ. އަދި ދަރިން ދެކެ ވެސް ނުހަނު ލޯބިވެ އަޅާލި ބައްޕައެކެވެ. އޭނާ ގެއްލުމަކީ އެތައް ބަޔަކު އެރެއިން ފެށިގެން މިހާތަނަށް ވެސް ރޮއެ ވަރަށް ހިތާމަ ކުރާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ