އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ އެންގެވުންތަކަށް އިހްމާލު ނުވުމަށް ތިބާގެ ފުރާނަ ރޮއި އާދޭސްކުރާކަން އެނގޭތަ؟: ބިލާލް އައްސަދު

ﷲ ގެ އެންގެވުންތަކަށް އިހްމާލު ނުވުމަށް ތިބާގެ ފުރާނަ ރޮއި އާދޭސްކުރާކަން އެނގޭތަ؟: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުންތަކަށް ތިބާ އިހުމާލުވަމުންދާއިރު އެގޮތަށް ކަންކަން ނުކުރުން އެދި ތިބާގެ ފުރާނަ ރޮއި އާދޭސްކުރާނެއެވެ. ނަމާދު ވަގު ޖެހުމުން ނަމާދު ނުކޮށް އެހެން ކަންކަމުގައި އުޅޭ ނަމަ، ބަންގީގެ އަޑު އިވުމުން މިސްކިތަށް ނުގޮސް އެހެން ދިމާއަކަށް ދާނަމަ ތިބާގެ ފުރާނަ ކަރުނަ އަޅައި ރޮއި އާދޭސްކުރާނެއެވެ.

އެނގޭ ހެއްޔެވެ؟ ނަމާދަށް ގޮވީމާ މިސްކިތަށް ނުގޮސް އެހެން ދިމާތަކަށް ދާއިރު މިސްކިތަށް ނުގެން ގޮސް އަހަރެން ތިއަ ގެންދަނީ ކޮންތަނެކަށްތޯ ފުރާނަ ތިބާ އާއި ސުވާލުކުރާނެއެވެ. ރަމަޟާންމަހު ރޯދަ ނުހިފައި ކައި ބޮއި ހަދާއިރު ވެސް ރޮއި ކަރުނައަޅާނެއެވެ. ކުރަންޖެހޭ އެއްވެސް އަޅުކަމެއް ނުކޮށް ހުންނަނަމަ ވެސް ރޮއި ޢާދޭސްކުރާނެއެވެ.

ތިބާގެ ފުރާނަ ގޮވާނެއެވެ! އޭ އިންސާނާއެވެ. ކަލޭ ތިއަ އުޅެނީ ކަލޭ ބޭނުންވާ ގޮތަކަށެވެ. އަހަރެންނާއި މެދަކު އެއްވެސް ވަރަކަށް ނުވިސްނަމުއެވެ. އަހަރެންގެ ސަލާމަތް ކަމާއިމެދަކު އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެމުއެވެ.

އަސްލުގައި މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބުނާނީ ﷲ ތަޢާލާއަށްވުރެ ދުނިޔޭގެ އެދުންތައް އިސްކުރެވޭތީ ކަމަށެވެ. ނަމާދުކުރުމާއި އެހެނިހެން އަޅުކަންތައްތަކަށްވުރެ ދުނިޔަވީ ބޭނުންތަކާއި އުފާތައް ކުރިއަށް ނެރެވޭތީ ކަމަށެވެ.

ބައެއް މީހުން ކިރިޔާ ބައްޔެއްވާއިރަށް ތެޅި ފޮޅޭތަން ފެނޭ ނޫންހެއްޔެވެ؟ އެހެން އެވާ ސަބަަބަކީ ތިބާ، ތިބާގެ ފުރާނައަށް ނުބަލައި ދިރިއުޅެމުން އަންނަނިކޮށް ތިބާ ބަލިވުމުން ފުރާނަ ރުޅި ގަދަވަނީ ކަމަށްވެދާނެއެވެ. ފުރާނަ، ނުވަތަ ރޫޙު ރުޅި ގަދަވުމުން ހަށިގަނޑަށް ކެތް ނުކުރެވެނީ ކަމަށް ވެސް ވެދާނެއެވެ. މިހުންނަނީ ހަމަ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލުން އެންމެ ރަނގަޅު ކަންކަމެވެ.

ކޮންމެ ދީނަކަށް އަމަލުކުރާ މީހަކު ނަމަވެސް އަދި އެއްވެސް ދީނަކަށް އަމަލު ނުކުރާ މީހެއް ނަމަވެސް ކޮންމެ މީހެއްގެ ނަފުސު ވެސް ކޮންޓްރޯލްކުރާ ބާރެއްވެއެވެ. އެބާރު ވާނީ އެމީހެއްގެ ކަލާނގެ ކަމަށެވެ.

އަހަރެމެންގެ ކަލާނގެއަކީ ﷲ ތަޢާލާ ކަމަށް އެބަ ބުނަމުއެވެ. އެ ގޮތަށް ބުނުމަކުން އަދި ނަފުސުގެ ކޮންޓްރޯލް ބަދަލެއް ނުވެއެވެ. ނަފްސުގެ ކޮންޓްރޯލް އެގޮތަށް ބަދަލުވެގެންދާނީ ތިބާއަކީ ނަމާދުކޮށް އަދި އެހެނިހެން އަޅުކަންތައްވެސް ފުރިހަމައަށް އަދާކުރާ މީހަކަށްވުމުންނެވެ.

ނޫންނަމަ ދެންވާ ގޮތް އެނގޭ ހެއްޔެވެ؟ ތިބާގެ ކަލާނގެއަކީ ﷲ ތަޢާލާ ކަމަށް ދުލުކުރިން ބުނި ނަމަވެސް ތިބާގެ ކަލާނގެއަކީ ﷲ ތަޢާލާ ކަމަކަށް ނުވާނެއެވެ. ތިބާގެ ކަލާނގެއަކަށް ވާނީ ތިބާ ކުރަން އެންމެ އިސްކަންދޭ އަމަލުތަކެވެ. އެހެނީ ތިބާއަށް އަމަލު ތިއަ ކުރެވެނީ އެގޮތަށް ކަމަށްވާތީއެވެ.

މިސާލަކަށް ބަލާށެވެ! ތިބާއަކީ ދުނިޔޭގެ މަޝްހޫރު މައިކްރޯސޮފްޓް ކުންފުނީގެ މުވައްޒިފަކަށް ވެދާނެއެވެ. އެކުންފުނި ބަނގުރޫޓުވީއެވެ. ދެން ތިބާއަށް މުސާރަ ދޭން އެހެން ކުންފުންޏެއްގައި އެދެވިދާނެ ހެއްޔެވެ؟

ނުއެދެވޭނެއެވެ! ޤިޔާމަތް ދުވަހުވެސް ފެންނާނީ ހަމަ މިފަދަ ގޮތެކެވެ. ތިބާ އަޅުކަންކޮށް އުޅުނު ތަކެތީގެ ކިބައިން އެހީތެރިކަމަށް އެދެން ﷲ ތަޢާލާ ތިބާއަށް އަންގަވާނެއެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ ހެދޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟

މިތަނުގައި އަޅުކަން ކުރުން ކަމަށް މިބުނަނީ ބުދަށް ނޫނީ އެހެންވެސް އެފަދަ އެއްޗަކަށް އަޅުކަންކުރާ ވާހަކައެއް ނޫނެވެ. ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަމަށް އިހުމާލުވެ ކޮށް އުޅުނު ކޮންމެ ކަމަކަށެވެ. އެއީ ކުޅިވަރެއް ކަމަށްވެސް ވެދާނެއެވެ. ޓީވީ ބެލުން ކަމަށްވެސް ވެދާނެއެވެ. ވިޔަފާރިކުރުން ކަމަށްވެސް ވެދާނެއެވެ. ﷲ ތަޢާލާ ތިބާގެ މައްޗަށް ﷲ ތަޢާލާ ފަރުޟުލު ކުރެއްވެވި ކަންކަން ނޫން ކޮންމެ ކަމަކަށެވެ.

ވީމާ ޤިޔާމަތް ދުވަހު ސަލާމަތްކަމަށް އެދޭނަމަ ތިބާގެ ފުރާނަ ނުރޮއްވާ މީހަކަށްވާށެވެ! ފުރާނަ އެ އެދޭ އެދުމާއިމެދު ވިސްނައި ފިކުރުކުރާ މީހަކަށްވާށެވެ. ފަރުޟު އަދާކުރުމުގައާއި ސުންނަތް ކަންކަން ކުރުމުގައި ކުރި ހޯދާށެވެ. ތިބާއަކީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންހުރި، ﷲ ތަޢާލާއަށް އަޅުކަންކުރާ މީހަކަށް ވާނީ އެއިރުންނެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް