އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސަރުން ފުރިގެންވާ "ބޮސް" ގެ ދެ ތީމް ލަވައިންވެސް ވަރަށް ފުން އަސަރެއް ގެނުވައިދޭ!

އަސަރުން ފުރިގެންވާ "ބޮސް" ގެ ދެ ތީމް ލަވައިންވެސް ވަރަށް ފުން އަސަރެއް ގެނުވައިދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ، ދިވެހި ފިލްމު "ބޮސް" އަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއް ފިލްމެވެ.

ކާމިޔާބު އެތަކެއް ފިލްމުތަކެއް އުފައްދާފައިވާ ފާތިމަތު ނަހުލާ (ނަހޫ) އާއި ހަމައެފަދައިން ހުނަރުވެރި އެތަކެއް ރޯލުތަކެއް ކުޅެފައިވާ އެފަދަ ދެވަނައެއް ނުވާ އެއް ތަރި ކަމުގައިވަ އައިޝްތު ރިޝްމީ ޑައިރެކްޓު ކޮށްފައިވާ "ބޮސް" އަކީ ބޮހަކުން ސިއްކަ ޖެހިފައިވާ، ފުން އަސަރުތަކަކުން ފުރިގެންވާ ފިލްމަކަށް ވާނެކަމުގެ އެއްވެސް ޝައްކެއްނެތެވެ.



އެކަން ހާމަ ކޮށްދޭ އެއް ހެއްކަކީ، މިފިލްމުގައި، ސީދާ ހަމަ ފިލްމަށް ޚާއްސަ ކޮށްފައިވާ ލަަތަކެއް ހިމެނޭކަމެވެ. އޭގެތެރެއިން ދެ ތީމް ލަވަ މިރޭ، ޝީ ބިލްޑިންގ ގައި މިކަމަށް ބޭއްވުނު ޚާއްސަ ހަފުލާއެއްގައި، ވަނީ ރިލީޒް ކޮށްފައެވެ.

އޭގެ ތެރެއިން މިރޭ ރިލީޒް ކޮށްފައިމިވަނީ ރަން އަޑުގެ ވެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) މިފިލްމަށްކިޔާދީފައިވާ "އަހަރެންގެ ހިތް ހިމޭންވާން" އާއި އެފަދަ ދެވަނައެއް ނުވާ އިބްރާހިމް ޒައިދް (ކުޑަ އިއްބެ) ކިޔާދީފައިވާ "ލައްވާށި ރަޙުމަތް" މިދެލަވައެވެ.



އޮކްޓޯބަރ 31 ގައި އޮލިމްޕަސް ސްކްރީނުގައި "ބޮސް" އަޅުވަން އެއްކޮށް ތައްޔާރުވެފައިވާއިރު، ފިލްމާއިމެދު ފިލްމުގެ ލީޑް އެކްޓްރެސް މަރިޔަމް އައްޒަ ބުނެފައިވަނީ ފިލްމާއިމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

"ސަބަބަކީ ނަހޫ ގެ ފިލްމަކަށްވެފައި ކުޑާއްތަ (ރިޝްމީ) ގެ ޑައިރެކްޝަން އަކަށްވާތީ. އަދި ޔުނާން އެކްޓު ކުރާތީ އާއި ފިލްމުގެ ލަވަތައް ވެސް އެހާ ރީތިވީމަ" އައްޒަ ބުނެފައިވެއެވެ.

ފިލްމުގެ ލީޑް ރޯލަކުން ފެނިގެންދާ ފާތިމަތު އާޒިފާ (އަޒޫ) މިފިލްމާއި މެދު ބުނެފައިވަނީ ނަހޫއާއި އެއްކޮށް މަސައްކަތް ކޮށްލަން ލިބުމަކީ އަޒޫގެ ފިލްމީ ކެރިއަރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.



"ބޮސް" ގެ ލީޑް ރޯލުން ފެނިގެންދާ، ފިލްމީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ މުޙައްމަދު ޔުނާން މިފިލްމާއިމެދު ބުނެފައިވަނީ މިފިލްމުން ވަރަށް ފުރިހަމަ އެކްޓިންގ އެއް ދައްކައި ދިނުމަށް.، "ބޮސް" ޓީމުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނު ކަމަށެވެ.

ޔުނާންގެ އިތުރުން ދެން މިފިލްމުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައި އިބްރާހިމް ޖިހާދު (ޖިމީ) ބުނެފައިވަނީ މިއަހަރު ތެރޭގައި މިވަރުގެ ފިލްމެއް އަދި ނުނިކުންނާނެ ކަމަށެވެ.



ފިލްމުގެ އެންމެ ބުރަ މަސައްކަތެއް ކުރި އެއް ފަރާތަކީ ފިލްމުގެ ޑައިރެކްޓަރ އައިޝަތު ރިޝްމީއެވެ. އެގޮތުން ރިޝްމީ މިފިލްމާއިމެދު ބުނެފައިވަނީ ފިލްމުގެ ހުރިހާ ތަރިންވެސް ވަރަށް ހުނަރުވެރި މޮޅު އެކްޓެއް ދައްކުވާދިން ކަމަށާއި، އެތަރިންގެ މޮޅު އެކްޓިންގ ގެ ސަބަބުން ޝޫޓިންގ ތެރޭގައި ރިޝްމީއަށް ވެސް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމަށެވެ.



ފިލްމުގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ވެސް ބުނެފައިވަނީ ހުރިހާ ތަރިންގެ އެކްޓާއިމެދު ވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި ރިޝްމީގެ ޑައިރެކްޝަންއާއި މެދު ވެސް ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ނަހޫގެ ފިލްމު "ޒުލޭޚާ" އިން ނަހޫ އަށް ނުކުރި އަސަރު "ބޮސް" އިން ނަހޫއަށް ކުރިކަމަށް ވެސް އޭނާ އެއްބަސްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ