އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

22.5 މިލިއަން ކުދިންނަށް ތަމްރީންދޭ ޕްރޮގްރާމްތަކެއް ހިންގަން ބާސެލޯނާއާއި މައިލޯ އެއްބަސްވެއްޖެ

22.5 މިލިއަން ކުދިންނަށް ތަމްރީންދޭ ޕްރޮގްރާމްތަކެއް ހިންގަން ބާސެލޯނާއާއި މައިލޯ އެއްބަސްވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

22.5 މިލިއަން ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު ހަރަކާތްތަކުގެ ބިޔަ ތަމްރީން ޕްރޮގްރާތަކެއް ހިންގަން ސްޕެއިންގެ ފުޓްބޯލް ކްލަބް ބާސެލޯނާއާއި ނެސްޓަލް މައިލޯ ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިއަ ބުދަ ދުވަހު ސިންގަޕޫރް ސްޕޯޓްސް ހަބްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުހިންމު އެއްބަސްވުމުގައި ބާސެލޯނާގެ ފަރާތުން ސޮއިކުރެއްވީ ބާސެލޯނާގެ މެނޭޖިން ޑިރެކްޓަރު ޒަވިއާ އަސެންސީއެވެ. ނެސްޓަލް މައިލޯގެ ފަރާތުން ސޮއިކުރެއްވީ ނެސްޓަލް ކުންފުނީގެ ނައިބު ރައީސް ޕެޓްރިސް ބުލާއެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި މީޑިއާތަކުގެ ނޫސްވެރިން ބައިވެރިވެފައިވެއެވެ.



މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބާސެލޯނާގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ނެސްޓަލް މައިލޯއާއި ބާސެލޯނާއާ ގުޅިގެން ހިންގަން އެއްބަސްވެފައިވާ މި ތަމްރީން ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ކުދިންގެ ފުޓުބޯޅަ ހުނަރު އިތުރުކުރުމާއި އެ ކުދިންނަށް ދުޅަހެޔޮ ކަސްރަތުގެ ހަރަކާތްތަކެއް ދަސްކޮށްދިނުންކަމަށެވެ.

"މި އެއްބަސްވީ ބާސެލޯނާއާ މައިލޯގެ ޕާޓްނާޝިޕްއަކަށް. އަޅުގަނޑުމެން ދެ ފަރާތުން ދެން މަސައްކަތްކުރާނީ އެއް ޓީމެއްގެ ގޮތުގައި. މައިލޯއެކޭ އެއްފަދައިން އަޅުގަނޑުމެން ވެސް ޤަބޫލުކުރަނީ ކުޅިވަރުގެ ހަރަކާތްތަކުގެ ޒަރީއާއިން ކުދިންނަށް ރަނގަޅު ދުޅަހެޔޮ ދިރިއުޅުމުގެ ފެށުމެއް ލިބޭނެކަމަށް. ކުރިއަށް އޮތް ހަތަރު އަހަރުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ ވީހާވެސް ގިނަ ކުދިންނަކަށް ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި ކަސްރަތާއި ކުޅިވަރުގެ ހަރަކާތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި." އަސެންސީ ވިދާޅުވިއެވެ.

ނެސްޓަލްގެ ނައިބު ރައީސް ޕެޓްރިސް ބުލާ ވިދާޅުވީ ބާސެލޯނާއާއެކު ގުޅިގެން ހިންގަން މި އުޅޭ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކުޅިވަރުތަކުގައި ހަރަކާތްތެރިވުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށް އުއްމީދުކުރެވޭކަމަށެވެ.



"ބާސެލޯނާއާއެކު ޕާޓްނާޝިޕްއަކަށް ދެވުނީތީ ވަރަށް ބޮޑަށް އުފާކުރަން. އަދި އުއްމީދަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ބާސެލޯނާ ގުޅިގެން ހިންގަން މި އެއްބަސްވި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން ކުޅިވަރާއި ކަސްރަތުގެ ގިނަ ހަރާކާތްތަކުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އިތުރުކުރެވޭނެކަމަށް. ދުނިޔޭގެ އެންމެ ބޮޑު ފުޑް މެނުފެކްޗަރާގެ ހައިސިއްޔަތުން ނެސްޓަލް އަބަދުވެސް ކުޑަކުދިންގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތްކުރަމުންދާނެ." ބުލާ ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ބާސެލޯނާގެ ޔޫތް ޓްރެއިނިންގ އެކެމެޑީތަކުގައި ގެންގުޅޭ ތަމްރީން އުކުޅުތަކާއި ބާސެލޯނާގެ 'ޓިކި-ޓަކާ' ފުޓުބޯޅަ ކުދިންނަށް ދަސްކޮށްދިނުމުގެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ދެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުމުގައި ހިމެނެއެވެ.

1934 ވަނަ އަހަރުން ފެށިގެން ނެސްޓަލް ކުންފުނިން އުފައްދާ ބާޒާރަށްނެރެމުން އަންނަ މައިލޯއަކީ މިހާރު 40 އަށްވުރެ ގިނަ ޤައުމުތަކުގައި ލިބެން ހުންނަ ޗޮކޮލެޓް ބެވެރޭޖް އުފެއްދުމެކެވެ.

މައިލޯ ބްރޭންޑް ވަނީ މިދިޔަ 50 އަހަރު ދުވަހުގެ ތާރީޚުގައި ގިނަ ކުޅިވަރުތަކުގެ ކޯޗިން ޕްރޮގްރާމްތަކާއި، ކަސްރަތާއި ޖިމްނާސްޓިކް ފަދަ ދުޅަހެޔޮ ޞިއްޙީ ހަރަކާތަތައް ހިންގައިފައެވެ.

ދިވެހިރާއްޖޭގައި ވެސް ކުޑަކުދިންނާއި ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ އިތުރުން އާންމުންގެ މެދުގައި މަޤުބޫލް އެއް ބުއިމަކީ މައިލޯއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް