އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޯގީ ރާޖް... ގުންޑާ ރާޖް... ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަދައިން އިންޑިއާގެ މުސްލިމުން އަމިއްލަގެދޮރުންނެ ނެރެ ބޭރުކުރަނީ!

ޔޯގީ ރާޖް... ގުންޑާ ރާޖް... ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަދައިން އިންޑިއާގެ މުސްލިމުން އަމިއްލަގެދޮރުންނެ ނެރެ ބޭރުކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 30 ސިކުންތު

އިންޑިއާގެ އުއްތުރް ޕްރަދޭޝްގެ ހިންދީ ދީނުގެ މައި ސިޓީތަކަކީ، ވަރަނާސީ، މަތޫރާ، އަޔޯދިޔާއާއި ގޯރަކްޕޫރްއެވެ. މިއީ ހިންދީ ދީނުގެ މީހުންގެ ރޫހާނީ ކަންކަމާ ގުޅިފައިވާ އަވަށްތަކެވެ.

ޔޯގީގެ ސަރުކާރު.....

އުއްތުރަ ޕްރަދޭޝްގައި ވެރިކަން ކުރަނީ މަރުކަޒީ ސަރުކާރުގައިވެސް ވެރިކަން ކުރާ ބީޖޭޕީއިންނެވެ. މި ސްޓޭޓަކީ ބީޖޭޕީގެ ސަޕޯޓް ބޮޑު ސަރަހައްދެއްކަމުން، ޗީފް މިނިސްޓަރަކަށް ހުންނަނީ ބީޖޭޕީގެ ޔޯގީ އަދިޔަނާތް އެވެ. ގިނަ މީހުން މިމީހާ ދަންނަނީ ޔޯގީގެ ނަމުންނެވެ. މެތެމެޓިކްސްއިން ޑިގްރީއެއް ނަގާފައިވާ ޔޯގީގެ ނަމަކީ ޔޯގީއެއް ނޫނެވެ. އެއީ ސިޔާސީ ތާއީދު ހޯދުމަށް ރޫހާނީ ކުލައެއް ޖެއްސުމަށް އޭނާ އަމިއްލަ ކޮށްގެން އުޅޭ ނަމެކެވެ.

އޭނާގެ އަސްލުނަމަކީ، އަޖޭ މޯހަން ބިޝްޓް އެވެ. އަޖޭ މޯހަން ވިއަސް ޔޯގީވިއަސް މީނާއަމީ އޭނާއާ ބެހޭ ގޮތުން އެނގެން ޖެހޭ މީހެކެވެ. އޭނާގެ ހަރުކަށި ކަމުންނެވެ. މުސްލިމުންނާއި އޭނާގެ އަދާވާތްތެރިކަމުންނެވެ. މިސްކިތްތައް ތަޅައި ބިމާ ތިރިކޮށްލުމުގައި އޭނާގެ ކުޅަދާނަ ކަމުންނެވެ. އަދި މޯދީގެ ބަދަލުގައި ބޮޑު ވަޒީރުގެ ގޮނޑި އޭނާއަށް ހެޔޮވަރުވާނެ ކަމަށް ދޭތީވެސް މެއެވެ.

ޔޯގީއާއި އޭނާގެ ޕާޓީގެ މަގްބޫލުކަން ޓެސްޓް ކުރެވުނީ އިންޑިއާގައި ދާދި ފަހުން ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުންނެވެ. އިންޑިއާގައި މިއިންތިޚާބަށް ކިޔަނީ ޕަންޗަޔާތު އިލެކްޝަންއެވެ.

މިއިންތިޚާބްގައި ޔޯގީގެ ޕާޓީއަށް އޭނާގެ އަމިއްލަ އިންތިޚާބީ ދާއިރާ، ގޯރަކްޕޫރުންވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. މަތޫރާއާއި ވަރަނާސީއާއި އަޔޯދިޔާގައިވެސް ހަމައެފަދައިން ބީޖޭޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ.

މިސްކިތްތައް ތަޅާލުމުގެ ސިޔާސަތު:

ޔޯގީ އޭނާއަށް ގެއްލުނު މަގްބޫލުކަން ހޯދަން ކުރާނެ މަސައްކަތުގައި ފިތުނަވެރިކަމެއްގައި މުސްލިމުންގެ ހައްގަށް އަރައިގަންނާނެ ކަމަކީ ލަފާ ކުރެވޭ ކަމެކެވެ.

މޭމަހުގެ މެދުތެރޭގައި ޔޯގީގެ ސަރުކާރުން ވަނީ ބާރާބަންކީގެ މިސްކިތެއް ތަޅާލައި ބިމާ ހަމަކޮށްފައެވެ. މި މިސްކިޔަކީ އެތަނެއްގެ ވަގްފު ލިޔުން މުސްލިމުންނާއި ޔޫޕީގެ ވަގްފް ބޯޑްގައި އޮތް ލިޔުމެކެވެ. ސަތޭކަ އަހަރު ވެފައިވާ މި މިސްކިތް ތަޅާލުމަށް ބާރާބަންކީގެ ޑިސްޓްރިކްޓް ކަލެކްޓްރަ (ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިޔާ) މިސްކިތަށް ގޮސް ލިޔުން ދައްކަން ބުނުމުން ލިޔުން ގެނަސް ދައްކަން ވަގުތުދޭށޭ ބުނެބުނެ އޮތްވައި ފުލުހުން ޑިސްޓްރިކްޓް ކަލެކްޓަރގެ އަމުރަށް މިސްކިތް ތަޅާލައި ބިމާ ހަމަކޮށްލީއެވެ. އަދި އެވަރުން ނުވެގެން މިސްކިތުގެ ގާތައްވެސް ގެންގޮސް ހިސާބުގެ ކޯރަކަށް ފައްތާލީއެވެ!

މި ނޭއްގާނީ އަމަލު ހިންގީ ޔޯގީގެ ސަރުކާރުގައި އޭނާގެ ލޯ ކުރިމަތިންނެވެ. ބާރާބަންކީގެ މިސްކިތް ތަޅާލުމުގެ ކުރިން 180 މުސްލިމުން ބާރާބަންކީން ހައްޔަރުކުރިއެވެ. މިސްކިތް ތަޅާލުމާ ދެކޮޅަށް އަޑު އުފުލި މީހުން ހައްޔަރު ކުރީ ހަމަނުޖެހުން އުފެއްދުމުގެ ކުށުގައެވެ.

މި ހާދިސާއަށް ލިޔަމުން އިންޑިއާގެ ވެރިންނަށް ޖޯކު ޖަހަމުން އަންހެން ނޫސްވެރިއަކު ލިޔުނު މަޒުމޫނެއްގެ ސުރުޚީގައި އޮތީ "މިސްކިތެއް ތަޅާލާނީ ކިހނެއް؟" މިހެންނެވެ.

ޔޯގީގެ ވެރިކަމުގައި އަނެއްކާވެސް މުސްލިމުންނާ އަދާވާތްތެރިކަން ދެއްކުމުގެ އެހެން މައްސަލައެކެވެ.

އިންޑިއާގެ ދަ ކުއިންޓް ނޫހުން ބުނިގޮތުގައި ގަދަކަމުން މަޖުބުރުކޮށްގެން ގޯރަކްޕޫރުގެ މަޝްހޫރު ގޯރަކްނާތު ފައްޅިއާ ކައިރީގައި ދިރިއުޅޭ މުސްލިމުން އެތަނުން ބޭރުކުރުމަށް ޔޯގީ ވަނީ މަސައްކަތް ފަށައިފައެވެ.

ގޯރަކްޕޫރަކީ ޔޯގީ އެ ދާއިރާއިން ހޮވިފައިވާ ދާއިރާއެވެ.

ގޯރަކްޕޫރުގައި މުސްލިމުން ޒަމާނުއްސުރެން އުޅެއެވެ. ގޯރަކްޕޫރަކީ އިންޑިއާގެ މުސްލިމު ސުލްތާނުންކަމަށްވާ މުޙައްމަދު ޣައުރީއާއި ޤުތުބުއްދީން އައިބެކްއާއި އަލާއުއްދީން ޚިލްޖީފަދަ ވެރިން ޚާއްސަ އަހަންމިއްޔަތެއް ދެއްވި ސިޓީއެކެވެ.

މުސްލިމުންގެ މާދަރީ ބަސް އުރުދޫއަކީ ގޯރަކްޕޫރުގެ ދެވަނަ ބަހެވެ. ގޯރަކްޕޫރުގައި އަދަބީ ގުލްޝަންގައި އެންމެ މަޝްހުރު ނަން ކަމަށްވާ ރަގޫޕަތީ ސަހޭ އަކީ، އުރުދޫ ބަހުން ޅެންހަދަވައި ވާހަކަ ލިޔެއުޅުނު އަދީބެކެވެ. ޝާއިރެކެވެ. އަދަބީ ދާއިރާގައި މީހުން އޭނާ ދަންނަނީ ރަގޫޕަތީގެ ނަމުންނެއް ނޫނެވެ. އެކަމަކު ފިރާގް ގޯރަކްޕޫރީގެ ނަމުންނެވެ.

ކަންމިހެން އޮތް އިރު ޔޯގީ ސަރުކާރުން މަސައްކަތް ކުރަނީ ގޯރަކްޕޫރުގެ ގޯރަކްނާތު ފައްޅިއާ ކައިރީގައި 125 އަހަރުވަންދެން ދިރިއުޅެފައިވާ މުސްލިމުން އެމީހުންގެ މައިފުނަގެތަކުގެ މިލްކުވެރިކަން ސާބިތު ލިޔުންތަކުން ދެއްކެން އެމީހުންގެ އަތުގައި ތިބި މީހުން އެތަންތަނުން ބޭރުކޮށްލާށެވެ.

ދަ ކުއިންޓު ނޫހުން ރިޕޯޓް ކުރިގޮތުގައި މި 11 އާއިލާ ބޭރު ކުރަން އުޅެނީ ގަދަކަމުންނެވެ. މިކަމުގައި ސަރުކާރަށް ވާގިވެރި ވަނީ ޑިސްޓްރިކްޓް ކަލެކްޓަރއެވެ. އޭނާ ވަނީ މީހުންނަށް ބިރު ދައްކާފައެވެ.

މިސްކިތެއް ތަޅާލާނީ ކިހިނެއް؟

މިވާހަކައިގައި އެހެން ކަމެއްވެސް ފާހަގަ ކޮށްލަން ޖެހެއެވެ. "މިސްކިތެއް ތަޅާލާނީ ކިހިނެއް؟" ގައި ބުނާހެން، ވަރަނާސީ ގައި މިހާރުވެސް މިސްކިތެއްގެ މައްސަލަ ވަނީ އައްލާހްއާބާދު ހައިކޯޓަށް ވައްދާފައެވެ. މި މިސްކިތަކީ ހިންދީންގެ ބަޔަކު ބުނާ ގޮތުން ކުރީގެ ފައްޅިއެކެވެ.

މިސްކިތް ތަޅާލާން މިމީހުން ހަދާ މަކަރަކީ ދަންވަރު ތަންކޮޅެއް ކޮނެ، އެތާގައި ބުދެއް، އެމީހުންގެ ދޭވަތާއެއް ވަޅުވަލީއެވެ. އެއަށްފަހު މައްސަލަ ޖައްސައި އެތަންކޮޅު ކޮނެ، އެކަން ސާބިތު ކޮށް ދެނީއެވެ. ވަރަނާސީ މިސްކިތުގެ އެތެރެ ކޮނެ އެތާގައި ފައްޅިއެއް ހުރިތޯ ނުވަތަ ނެތްތޯ ބެލުމުގެ މަސައްކަތް ކޯޓުން ވަނީ އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިއާއާ ޙަވާލު ކޮށްފައެވެ. މިއީ ހުނަރުވެރި ގާބިލް ފަންނީ އިދާރާއެކެވެ. ރާއްޖޭގެ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ދޭން އަބަދުވެސް މިމީހުންނާ ހަވާލު ކުރަނީ މިމީޙުންގެ ގާބިލުކަމުން ކަން ޔަގީނެވެ!

ބާބްރީ މިސްކިތު ޙުކުމާއި އިނާމް

ބާބްރީ މިސްކިތް ތަޅާލުމަށްފަހު ވިހި އަހަރު ވަންދެން އެމައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުގައި ގެންގުޅުނެވެ. އެމައްސަލައަށް ފައިސަލާ ކުރެއްވި ބެންޗުގައި އިސްވެ އިންނެވީ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީއެވެ. މިއީ ގޮގޯއީ ސުޕްރީމް ކޯޓުގައި ބެއްލެވި އެންމެ ފަހު މައްސަލައެވެ. ޖެހިގެން އައި ދުވަހު އޭނާ މަގާމުން ރިޓަޔަރ ވެވަޑައިގަތީއެވެ.  

ގޮގޯއީ މަގާމުން ރިޓަޔަރ ކުރެއްވުމާއެކު ބީޖޭޕީން ވަނީ އޭނާ އިންޑިއާގެ ޕާލަމެންޓްގެ މަތިގެ، ރާޖްޔަ ސަބްހާގެ މެމްބަރަކަށް އައްޔަން ކޮށްފައެވެ. ރާޖްޔަ ސަބްހާއަށް މެމްބަރުން އައްޔަން ކުރާނީ އެމީހެއްގެ ނަން ހުށެހެޅޭ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެވަގުތަކު އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ މީހެއްގެ ނަން ހުށަހަޅައި އެމީހަކު މަތިގެއަށް ހޮވުމަކީ ފަސޭހަ ކަމެކެވެ.

ބާކީ ހުރި ވާހަކަތައް ކިޔުންތެރިންގެ ޚިޔާލަށް ދޫކޮށްލާނަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް